އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް، އެ ގައުމުގައި ކުރެއްވި ޚިދުމަތްތައް ނިންމަވާލައްވައިފިއެވެ. އަދި އިރުތިޝާމް ވަނީ ޔޫކޭގައި ހައިކޮމިޝަނަރުގެ މަގާމު ފުރުއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ މުހިންމު ބައިލެޓަރަލް ޕާޓްނަރެއް ކަމަށްވާ އިނގިރޭސިވިލާތާއެކު އޮތް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ފުރުސަތަކީީ، އެކަމަނާއަށް ލިބިވަޑައިގަތް ބޮޑު ޝަރަފެއް ކަމަށެވެ. އިރުތިޝާމް ވަނީ ޝެވްނިންގް އަދި ކޮމަންވެލްތު ސްކޮލަރެއްގެ ގޮތުގައި ލަންޑަންގައި ތައުލީމު ހާސިލްކުރައްވާފައެވެ.
ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިރުތިޝާމް އާދަމް މިހާރު ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރައްވާފައެވެ.


