ގަޒުފުކޮށް އަބުރު ކަތިލުން ކުރިއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޤަޛުފުގެ ތުހުމަތުކޮށް "އަދަދު" ނޫހުން ވީޑިޔޯ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ގުޅޭގޮތުން ކުރެއްވި ސުވާލަކީ ތަފާތު ދެ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގު "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަޒާން މި ރައްދު ދެއްވީ ރައީސް ޞާލިޙަށް ޒިނޭގެ ތުހުމަތުކުރެއްވި ކަމަށް ދޭހަވާ ގޮތަށް މޫސާ ލަތީފު ލިޔުއްވި ލިޔުމަކާ ގުޅިގެން މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އަޒާން ވިދާޅުވީ މޫސާ ލަތީފުގެ ލިޔުމުގައި ތުހުމަތުކުރި ފަދަ އެއްވެސް ކަމެއް އެއްވެސް އިރަކު ރައީސް ޞާލިޙަށް އަމާޒުކުރައްވާފައި ނުވާނެ ކަމަށާއި، އެ ދުވަހު އޭނާ ކުރެއްވި ސުވާލުގެ ވީޑިޔޯ މިހާރުވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

އެ ދުވަހުގެ ހާދިސާއަށް އަލިއަޅުއްވާލައްވަމުން އަޒާން ވިދާޅުވީ، އޭނާ ރައީސް ޞާލިޙާ ސުވާލުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައީސް ޞާލިޙަށް ޤަޛުފުގެ ތުހުމަތު ކުރެއްވުމުން އެކަމާ މެދު ފިޔަވަޅު ނާޅުއްވަނީ ކީއްވެތޯ ކަމަށެވެ.

"ކުރުކޮށް ބުނާނަމަ އަޅުގަނޑު އެ ދުވަހު ކުރި ސުވާލަކީ ނަޝީދު ޤަޛުފުކޮށްފައިވާތީ އެކަން ނުބަލަނީ ކީއްވެތޯ،" އަޒާން ވިދާޅުވިއެވެ. އަދި އޭނާވެސް އަދި "ދިޔަރެސް" ނޫހުންވެސް އަމިއްލައަށް އެއްވެސް ތުހުމަތެއް ރައީސް ޞާލިޙަށް އަމާޒުނުކުރާ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

މީގެ އިތުރުން ފާއިތުވި ފަސް އަހަރު އޭނާއަށާއި "ދިޔަރެސް" ނޫހަށް ކުރިމަތިވި ގޮންޖެހުންތަކަށް އަޒާން އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ކޯޓު އަމުރެއް ނެތި ފުލުހަށް ހާޒިރުކުރުމާއި، ބޭރު ގައުމެއްގެ އެމްބަސީއަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނެ މީހަކު ކުރި ޓުވީޓެއްގެ އިލްޒާމު އޭނާގެ ބޮލުގައި އެޅުވުން ހިމެނެއެވެ. އަދި ނޫހުގެ ހިއްސާދާރަކު ކުރި ޓުވީޓަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމާއި، ނޫހަށް އެހީތެރިވާ ކުންފުނިތަކަށް ބިރުދެއްކި ކަމަށްވެސް އަޒާން ތުހުމަތުކުރެއްވިއެވެ.

މޫސާ ލަތީފަށް ފާޑުވިދާޅުވަމުން އަޒާން ވިދާޅުވީ، މި ހުރިހާ ކަމެއް ހިނގިއިރު މޫސާ ލަތީފު ހުންނެވީ ސަރުކާރުން ފައިސާ ނަގައިގެން ސަރުކާރުގެ ނެރޭޓިވް ޕްރޮމޯޓު ކުރުމުގައި ކަމަށެވެ. "ސަރުކާރު ޒިންމާދާރުކުރަން 2018-2023 އަށް ކުރި އެއްވެސް ކަމެއް ނެތް،" އަޒާން ވިދާޅުވިއެވެ. އަދި މޫސާ ލަތީފުގެ 30 އަހަރުގެ ނޫސްވެރިކަމުގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރެއްވީ ހުދުމުހުތާރު ވެރިކަމެއްގެ މޫނުމަތި އޮމާންކުރުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!