ސައޫދީއަށް ޒިޔާރަތް ކުރުމަށް ދޫކޮށްފައިވާ އެކި ބާވަތްތަކުގެ ވިސާތަކުގައި ސައުދީ އަރަބިއްޔާއަށް އެތެރެވާ އަދި އެތެރެވެފައިވާ ފަރާތްތަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ ނޯންނާނެ ކަމަށް ސައުދީ ދާޚިލީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ރަސްމީ ހައްޖު ހުއްދައެއް އޮތުމަކީ ކޮންމެހެން ފުރިހަމަވާންޖެހޭ ޝަރުތެކެވެ.
މި އަހަރުގެ ހައްޖު މޫސުމަށް (1447ހ.) ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރުމަށާއި، ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ދާޚިލީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ގާނޫނީ ގޮތުން ހަރުކަށި އަދަބު ދެވޭނެ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
މީގެ އިތުރުން، ހައްޖު ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން މައްކާ، މަދީނާ، ރިޔާދު އަދި އިރުމަތީ ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުން 911 އަށް ގުޅައިގެން ރިޕޯޓް ކުރެވޭނެ ކަމަށާއި، ސައުދީގެ އެހެން ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުން 999 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.





