އީރާނުން ފޮނުވާލި މިސައިލްތަކަކާއި ޑްރޯންތަކެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަމާޒުވެފައިވާ ކަމަށް ޔޫއޭއީން ބުނުމުން، އެ ގައުމަށް ހަމަލާދިނުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށް އީރާނުގެ ސިފައިން ބުނެފިއެވެ. އީރާނުގެ ސަރުކާރު ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ މަތީ ފަންތީގެ އަސްކަރީ އޮފިޝަލަކު ވަނީ އިމާރާތަށް ހަމަލާދިނުމުގެ އެއްވެސް ނިޔަތެއް ނުވަތަ ބޭނުމެއް އީރާނުގެ ނެތް ކަމަށް ވިދާޅުވެފައެވެ.
ޔޫއޭއީގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން އެ ގައުމާ ދިމާލަށް އައި ހަތަރު ކްރޫޒް މިސައިލެއް ވަނީ ރޭޑާރުތަކަށް އަރާފައެވެ. މީގެ ތެރެއިން ތިން މިސައިލެއް އެ ގައުމުގެ ކަނޑުގެ ސަރަހައްދު މަތިން ކާމިޔާބުކަމާއެކު ވައްޓާލާފައިވާއިރު، ހަތަރުވަނަ މިސައިލް ވެއްޓުނީ ކަނޑަށެވެ. މި ހާދިސާއާ ގުޅިގެން އެކި ސަރަހައްދުތަކަށް ގޮވާ އަޑު އިވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ފުޖައިރާގެ ތެޔޮ ސިނާއަތްތައް ހުންނަ ސަރަހައްދަށް އީރާނުން އައި ޑްރޯންއަކުން ހަމަލާދިނުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ފުޖައިރާ މީޑިއާ އޮފީހުން ބުނި ގޮތުގައި މި ހަމަލާގައި އިންޑިއާގެ ތިން ރައްޔިތަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ސިވިލް ޑިފެންސްގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޔޫއޭއީގެ ދާޚިލީ ވުޒާރާއިން ވަނީ މި ނުރައްކަލާ ގުޅިގެން ރައްޔިތުން ރައްކާތެރި ތަންތަނުގައި ތިބުމަށާއި، ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. މިއަދު ވަނީ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) ގެ ތެޔޮ ޓޭންކަރަކަށް އީރާނުގެ ދެ ޑްރޯންއަކުން ދިން ހަމަލާވެސް ޔޫއޭއީން ކުށްވެރިކޮށްފައެވެ.
ފެބްރުއަރީ 28 އިން އޭޕްރީލް 8 އާ ހަމައަށް އީރާނުން ޔޫއޭއީއަށް 2800 އަށްވުރެ ގިނަ ޑްރޯން އާއި މިސައިލް ފޮނުވާލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަމަލަ އަމާޒުކޮށދފައި ވަނީ އީރާނަށް ހަމަލަ ދޭ އެމެރިކާގެ މަސްލަހަތު ތަކަށެވެ.






