މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ވަގުތީ މައްސަލަ ހައްލުކޮށް، ވެބްސައިޓްގެ ޚިދުމަތްތައް އަލުން އާންމު ހާލަތަށް ގެނެސްފި ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެމް.އެމް.އޭގެ ރަސްމީ ވެބްސައިޓްއަށް ދިމާވި މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުކުރެވިފައެވެ. މި ހާދިސާގައި ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި ވެބްސައިޓްގެ މައި ސަފުހާ ނުވަތަ ހޯމްޕޭޖަށް ކަން އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، އެމް.އެމް.އޭ އިން ވަނީ މި ހާދިސާގައި އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ސިއްރު މައުލޫމާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން އާންމުންނަށް އަރުވާފައެވެ. އެއީ އެ އިދާރާގެ ވެބްސައިޓަކީ އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ރައްކާތެރިކުރަންޖެހޭ ފަދަ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ސައިޓަކަށް ނުވާތީ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް އެމް.އެމް.އޭ އިން މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް، ހޯސްޓިންގް ޚިދުމަތްދޭ ފަރާތާ ގުޅިގެން ކުރިއަށްދާ ކަމަށްވެސް މަރުކަޒީ ބޭންކުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެމް.އެމް.އޭ އިން ދަނީ އެ އިދާރާގެ ޑިޖިޓަލް ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



