މޫނުބުރުގާ އެޅި ހިތްވަރުގަދަ އަންހެނެއްގެ ފޮޓޯއަކާއެކު އެކްސްގައި އިސްލާމޯފޯބިއާގެ ބޮޑު ބަހުސެއް ފެށިއްޖެ

ލަންޑަންގައި އާންމު ދަތުރުފަތުރުގެ ވަސީލަތެއްގެ ތެރޭގައި އިން މޫނުބުރުގާ އެޅި އަންހެނެއްގެ ފޮޓޯ އިނގިރޭސި ފޮޓޯގްރާފަރަކު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އާންމުކުރުމާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި ފޮޓޯއަށް މިހާތަނަށް 2.5 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ މިއީ އިސްލާމޯފޯބިއާ އާއި ޑިޖިޓަލް ފުރައްސާރައިގެ އަމަލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މި މައްސަލަ ފެށުނީ އިނގިރޭސި ފޮޓޯގްރާފަރެއް ކަމަށްވާ އެލިސްޓާ ހިލްޓަން، ބަހެއްގެ ތެރޭގައި އިން އަންހެނެއްގެ ފޮޓޯ ނެގުމަށްފަހު، އޭނާ 'ޔުނައިޓް ދަ ކިންގްޑަމް' މުޒާހަރާއަށް ދާން ތައްޔާރުވަމުންދާ ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ މުޒާހަރާއަކީ އިނގިރޭސިވިލާތުގެ ކަނާތު ފިޔަހީގެ ހަރުކަށި ފިކުރުގެ މީހުން ބާއްވާ ހަރަކާތެކެވެ. ފޮޓޯއާއެކު ސީދާ ބަަހުގެ ހަމަލާއެއް ނުދިން ނަމަވެސް، އެ ފޮޓޯ އެ މުޒާހަރާއާ ގުޅުވުމުން ގިނަ ބަޔަކު ވަނީ އެއީ މުސްލިމް އަންހެނުންނަށް އަމާޒުކޮށްގެން ދިން ނަފްރަތުގެ މެސެޖެއް ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ލިޔުންތެރިޔާ ޚަދީޖާ ޚާން ބުނީ، އެފަދަ ފޮޓޯއެއް ނެގުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އަންހެނުންގެ ހެދުން އެޅުމުގެ ގޮތްތަކަށް އެފަދަ ދަށު ދަރަޖައިގެ ގޮތަކަށް ފުރައްސާރަ ކުރުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.

އެކްޓިވިސްޓް އެމާ ގަލަގަރް ވަނީ، އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރަން ވަކާލާތުކުރާ ކަމަށް ބުނާ ބަޔަކު، އާންމު ތަންތަނުގައި ތިބޭ އަންހެނުންގެ ފޮޓޯ ނަގައި ފުރައްސާރަ ކުރުމަކީ ބިރުވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޑޮކްޓަރ ރަހްމާ އަލްއަދުވާން ވިދާޅުވި ގޮތުގައި، އަންހެނަކު ހެދުން އަޅާފައި ހުރި ގޮތަކުން އޭނާގެ ފޮޓޯ ނަގައި އިންޓަނެޓަށް ލުމަކީ އަހުލާގީ މިންގަނޑުތަކާ ޚިލާފު، ދަށު ދަރަޖައިގެ އަމަލެކެވެ. މީގެ އިތުރުން ބައެއް އެހެން އެކްޓިވިސްޓުން ވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން އާންމު ތަންތަނުގައި މުސްލިމް އަންހެނުންގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް ބުނެފައެވެ.

މި ބަހުސްގެ ތެރެއިން ބައެއް މީހުން ވަނީ މޫނުބުރުގާ އެޅުމާ ދެކޮޅު ހެދި ނަމަވެސް، އަމިއްލަ ދިރިއުޅުމުގެ މިނިވަންކަމަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އެގޮތުން އަލްބީ އަމަންކޯނާ ކުރި ސުވާލަކީ، ފަލަސްތީނަށް ތާއީދުކުރާ މީހަކު ޔަހޫދީއެއްގެ ފޮޓޯ ނަގާފައި މިފަދަ މޭރަމަކުން ޕޯސްޓް ކުރިނަމަ އަންނާނެ ޔަހޫދީ ރައްދުތަކަކީ ކޮބައިތޯއެވެ؟ މިއީ ހަމަހަމަ އުސޫލެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ހާދިސާއާއެކު ޔޫރަޕާއި އިނގިރޭސިވިލާތުގައި އިސްލާމޯފޯބިއާ އިތުރުވަމުންދާ މައްސަލައާއި، އާންމު ތަންތަނުގައި ފޮޓޯ ނެގުމުގެ މިނިވަންކަން އޮންނަންޖެހޭ މިންވަރާ މެދު ވަނީ އަލުން ބަހުސް ފެށިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ފޮޓޯއެއްގެ މައްސަލައެއް ނޫނެވެ. މިއީ ސިޔާސީ ބޭނުމަކަށްޓަކައި ވަކި ދީނެއްގެ ބަޔަކު ނިކަމެތިކޮށް، އެމީހުންގެ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެކެވެ.

ހިއްސާ ކުރައްވާ!