ކުޑަކުދިންނަށް ނެސްލޭ ފޯމިއުލާ ކާން ދެންތަ؟

ކުޑަކުދިންގެ ކާނާ އުފައްދާ ދުނިޔޭގެ މަޝްހޫރު ދެ ކުންފުނި ކަމަށްވާ ނެސްލޭ އާއި ޑެނޯން އިން ތަޣައްޔަރުވެފައިވާ އުފެއްދުންތަކާ މެދު އަމަލުކުރި ގޮތާ މެދު ސުވާލު އުފެދި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ފްރާންސް، ބެލްޖިއަމް އަދި ސްވިޒަލޭންޑްގެ މީޑިއާން އާންމުކުރި ރިޕޯޓުތަކެއްގައި ބުނެފައިވަނީ، ސިއްހީ ނުރައްކަލެއް އޮތްކަން އެނގި ތިބެ، ކަމާބެހޭ އިދާރާތަކަށް އެންގުމާއި އެ އުފެއްދުންތައް ބާޒާރުން ނެގުމުގައި މި ދެ ކުންފުނިން ފަސްޖެހިފައިވާ ކަމަށެވެ.

ރޭޑިއޯ ފްރާންސް، އާރް.ޓީ.ބީ.އެފް އަދި އާރް.ޓީ.އެސް ގުޅިގެން ހިންގި ތަހުގީގަކުން ހާމަވި ގޮތުގައި، ނެސްލޭގެ އުފެއްދުންތަކުން 'ސެރޫލައިޑް' ކިޔާ ވިހައެއް ފެނިފައިވާކަން ޔޫރަޕްގެ އިދާރާތަކަށް އެންގުން ވަނީ ލަސްކޮށްފައެވެ.

މިއީ ބޮޑެތި މީހުންނަށްވުރެ ބޮޑަށް ތުއްތު ކުދިންނަށް ނުރައްކާވާ، ހޮޑުލުމާއި ބޭރަށް ހިންގުން މެދުވެރިކުރުވާ މާއްދާއެކެވެ. މި ވިހަ ފެނިފައިވަނީ ޗައިނާގެ ކެބިއޯ ބަޔޯޓެކް ކުންފުނިން ސަޕްލައިކުރި މާއްދާއަކުން ކަމަށްވާއިރު، މީގެ ސަބަބުން ނެސްލޭ އާއި ޑެނޯންގެ އިތުރުން ލެކްޓަލިސް ކުންފުނީގެ އުފެއްދުންތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.

މި ތަހުގީގީ ރިޕޯޓުތަކާ ގުޅިގެން ނެސްލޭގެ ތަރުޖަމާނަކު ވިދާޅުވީ، އެ ރިޕޯޓުތަކުގައި ހިމެނެނީ "ހަގީގަތާ ޚިލާފު އަދި އޮޅުން އަރާފަދަ މައުލޫމާތު" ކަމަށެވެ. އަދި ކުންފުނިން އަމަލުކުރީ ފުރިހަމަ ދެފުށް ފެންނަ ގޮތެއްގައި ކަމަށާއި، ފުރަތަމަ ދުވަހުން ފެށިގެން ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް، ޑެނޯން ކުންފުނިން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނެސްލޭ އިން ހާމަކުރި ގޮތުގައި، ނޮވެމްބަރު މަހުގެ ފަހުކޮޅު ބައެއް ސާމްޕަލްތަކުން މަދު މިންވަރަކަށް މި ވިހަ ފެނުނު ނަމަވެސް، އެ މާއްދާ ބޭނުންކުރުން އެއްކޮށް ހުއްޓާލާފައިވަނީ ޑިސެމްބަރު 24 ގައި ތަޣައްޔަރުވެފައިވާކަން ކަށަވަރުވުމުންނެވެ. އަދި ޖެނުއަރީ 5 ގައި އާންމުކޮށް އުފެއްދުންތައް އަނބުރާ ގެންދަން ފެށުމުގެ ކުރިން، ޑިސެމްބަރު 26 އިން ފެށިގެން ފްރާންސްގެ ފެކްޓްރީއެއްގައި ކުޑަކުދިންގެ ކާނާގެ 838,000 ދަޅު ހިފަހައްޓާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބާޒާރުގައި ހުރި އުފެއްދުންތައް ރަސްމީކޮށް އަނބުރާ ގެންދިއުމުގެ ކުރިން، ޖަރުމަނާއި އޮސްޓްރިއާ ފަދަ ގައުމުތަކުގައި ނެސްލޭ އިން ވަނީ ސިއްރިއްޔާތުގައި ބައެއް އުފެއްދުންތައް ބާޒާރުން ނަގާފައެވެ. ނަމަވެސް ނެސްލޭ އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. މީގެ އިތުރުން، ފްރާންސްގައި ތުއްތު ދެ ކުއްޖަކު މަރުވި ހާދިސާއާ މި އުފެއްދުންތަކާ ގުޅުމެއް ނެތް ކަމަށް ޕްރޮސެކިއުޓަރުން ނިންމާފައިވާއިރު، ތިންވަނަ ކުއްޖެއްގެ މަރުގެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!