އިސްލާމްދީނުގައި އިނސާނާ އިމްތިހާނު ކުރެއްވުމާއި މުޞީބާތްތަކާ ކުރިމަތި ވުމަކީ އިންސާނާގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. ކީރިތި ޤުރުއާނުގެ މުލްކު ސޫރަތުގެ 2 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ،
﴿2﴾ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ
އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. 67:2
އެހެންކަމުން، ދިރިއުޅުމުގައި ކުރިމަތިވާ ހިތްދަތިކަމަކީ ކޮންމެހެން ކޯފާއެއް ނޫނެވެ. އެއީ މީހާގެ އީމާންތެރިކަން ހުރި މިންވަރު ބެއްލެވުމަށް ކުރިމަތިވާ އިމްތިޙާނެކެވެ.
އިމްތިޙާނު ކުރައްވާ ސަބަބުތައް
ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި، މުއުމިނަކަށް ކުރިމަތިވާ ކުޑަ ކުޑަ ކަމަކުންވެސް، އެއީ ކަށްޓެއް ހެރުން ކަމުގައި ވިޔަސް، ﷲ ތަޢާލާ އެމީހެއްގެ ދަރަޖަ އުފުއްލަވައި ދެއެވެ. ނުވަތަ ފާފައެއް ފުއްސަވައިދެއްވައެވެ. މީގެ މާނައަކީ އިމްތިޙާނުގެ ސަބަބުން ސުވަރުގޭގެ މަތިވެރި ދަރަޖަ ލިބުމަށް މީހާއަށް މަގުފަހިވާ ކަމެވެ. އަދި ބައެއް ފަހަރު ދުނިޔޭގައި ކުރިމަތިވާ ދަތިތަކަކީ އާޚިރަތުގެ ޢަޒާބުން ސަލާމަތްކޮށްދެއްވުމަށްޓަކައި ﷲ ތަޢާލާ ދެއްވާ ރަޙުމަތެކެވެ.
މުޞީބާތުގެ ވަގުތުގައި މުސްލިމެއްގެ ސިފަ
މުޞީބާތެއް ކުރިމަތިވާ ހިނދު މުސްލިމަކު ގެންގުޅެންޖެހޭ އެންމެ މުހިންމު ސިފައަކީ ކެތްތެރިކަމެވެ. ﷲ ތަޢާލާ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކެތްނުކުރެވޭވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. އަދި އަޅުގަނޑުމެންނަށް ނުބައިކޮށް ފެންނަ ކަންކަމަކީ އޭގައި އަޅުގަނޑުމެންނަށް ހެޔޮގޮތްތަކެއް އެކުލެވިގެންވާ ކަންކަން ކަމުގައި ވެދާނެއެވެ. ﷲ ތަޢާލާ އަޅުތަކުންދެކެ ލޯބިވެވޮޑިގަންނަވަނީ މައިމީހާ އޭނާގެ ދަރިފުޅުދެކެ ލޯބިވާވަރަށްވުރެ ބޮޑަށެވެ.
وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
(އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. 2:216
ޝުކުރުވެރިވުމާއި އުންމީދު އާކުރުން
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި މުއުމިނާގެ ކަންތައްތަކީ އަޖައިބެއް ފަދަ ކަންތައްތަކެކެވެ. އުފާވެރިކަމެއް ލިބިއްޖެނަމަ ޝުކުރުވެރިވެއެވެ. އެއީ އޭނާއަށް ހުރި ހެޔޮގޮތެކެވެ. ދަތިކަމެއް ކުރިމަތިވެއްޖެނަމަ ކެތްތެރިވެއެވެ. އެއީވެސް އޭނާއަށް ހުރި ހެޔޮގޮތެކެވެ. މީގެ އިތުރުން، ކޮންމެ ދަތިކަމަކަށްފަހު ފަސޭހަކަމެއް ވާނެކަމަށް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ. އެހެންކަމުން، ކޮންމެ އިމްތިޙާނަކުން ލިބޭ ދަރުމަ އެ އިމްތިޙާނަށްވުރެ މާ ބޮޑުވެގެންވެއެވެ.
﴿5﴾ فَإِنَّ مَعَ الْعُسْرِ يُسْرًا
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
﴿6﴾ إِنَّ مَعَ الْعُسْرِ يُسْرًا
ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. 94:5-6







