މާތްﷲގެ ރަޙުމަތާއި ފަޟްލުވަންތަކަމުން، މުސްލިމުންނަށް ހެޔޮކަންކަން އިތުރުކުރުމަށްޓަކައި ބަރަކާތްތެރި މޫސުންތަކެއް ވަނީ މިންވަރުކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ މާތް އެއް މޫސުމަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދުވަސްތަކަކީ އަޅުކަމުގެ ތެރެއިން ނަފްސު ތާހިރުކޮށް، މާތްﷲއާ ކުއްތަންވުމަށް ލިބޭ ރަން ފުރުޞަތެކެވެ.
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔޭގެ އެންމެ މާތް ދުވަސްތަކުގެ ގޮތުގައި އިލްމުވެރިން ސިފަކުރައްވައެވެ. މި ދުވަސްތަކުގައި ނަމާދުކުރުމާއި، ރޯދަހިފުމާއި، ޞަދަޤާތް ދިނުން ފަދަ އަޅުކަންތައްތައް އެއްވެގެންދާއިރު، މިއީ މާތްﷲގެ ޙަޟްރަތުގައި އެންމެ ލޯބިވެތިވެގެންވާ ދުވަސްތަކެވެ. މި ދުވަސްތަކުގައި ގިނަގިނައިން ތަސްބީޙަ ކިޔުމާއި، ތަކުބީރު ކިޔައި މާތްﷲގެ މަތިވެރިކަން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް މުހިންމު ކަމެކެވެ.
ޢަރަފާތް ދުވަހަކީ މި ދިހަ ދުވަހުގެ ތެރެއިން އެންމެ މުހިންމު ދުވަހެވެ. ޙައްޖާޖީން ނޫން މީހުންނަށް މި ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެވިގެންދާނެ ކަމެއްކަމަށް ނަބަވީ އިރުޝާދުގައިވެއެވެ. މި ދުވަހަކީ މާތްﷲގެ ރަޙުމަތް އިންތިހާއަށް އޮހޭ، އަދި ގިނަ ބަޔަކު ނަރަކައިން މިންޖުކުރައްވާ ދުވަހެކެވެ. ރޯދަހިފުމުގެ ސަބަބުން ނަފްސުގެ ކިބުރުވެރިކަން ކެނޑި، ރޫޙާނީ ގޮތުން މީހާ ތާހިރުވެގެންދެއެވެ.
އަޟްޙާ ޢީދު ގެ މުހިންމު އެއް އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ މީހާ އުޟްޙިޔާ ކަތިލުމެވެ. މީގެ އަސްލު މަޤްޞަދަކީ ހަމައެކަނި މަސް ކެއުމެއް ނޫނެވެ. ކީރިތި ޤުރުއާނުގައިވާ ފަދައިން، މާތްﷲގެ ޙަޟްރަތަށް ދަނީ އެމީހެއްގެ ހިތުގައިވާ ތަޤުވާވެރިކަމެވެ. މިއީ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ޤުރުބާނީގެ ހަނދާން އާކޮށްދޭ، އަދި މާތްﷲގެ އަމުރުފުޅަށް ކިޔަމަންތެރިކަން އިސްކުރުމުގެ ރަމްޒެކެވެ.
﴿37﴾ لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ۚ
އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤްވާވެރިކަމެވެ.
އުޟްޙިޔާގެ މަސް ބެހުމުގައި އޮންނަ އުޞޫލުގެ ސަބަބުން މުޖުތަމަޢުގައި އެކަކު އަނެކަކަށް އެހީތެރިވުމާއި އޯގާތެރިކަން އިތުރުވެގެންދެއެވެ. އުޟްޙިޔާގެ ތިންބައިކުޅަ އެއްބައި ގޭގެ އަހުލުވެރިންނަށް، އަނެއްބައި ހަދިޔާގެ ގޮތުގައި އަދި ބާކީބައި ފަޤީރުންނަށް ބެހުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ވަރުގަދަކޮށްދޭ ކަމެކެވެ. މިއީ މުއްސަނދިންގެ ހިތްތަކުން ދަހިވެތިކަން ފިލުވައިދީ، ފަޤީރުންނަށް ޢީދުގެ އުފާވެރިކަން ގެނެސްދޭ ކަމެކެވެ.
ޛުލްޙިއްޖާ މަހުގެ މި ދުވަސްތަކަކީ މުސްލިމުންގެ އީމާންތެރިކަން އާލާކޮށް، އަޅުކަމާއި ޛިކުރުގެ ތެރެއިން މާތްﷲއާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. ބާއްޖަވެރިއަކީ މިފަދަ މޫސުންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތަޤުވާވެރިކަން އިތުރުކުރާ މީހާއެވެ.







