ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ތާރީޚީ މުހިންމު ހާދިސާތަކަކީ އެއިން އިންސާނިއްޔަތަށް ބޮޑެތި ފިލާވަޅުތަކެއް ލިއްބައިދޭ ކަންކަމެވެ.
﴿246﴾ أَلَمْ تَرَ إِلَى الْمَلَإِ مِن بَنِي إِسْرَائِيلَ مِن بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِي سَبِيلِ اللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِّنْهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
އިސްރާއީލުގެދަރިންގެ ތެރެއިން، މޫސާގެފާނަށްފަހުން އުޅުނު ޖަމާޢަތެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެއީ، އެއުރެންގެ ނަބިއްޔަކަށް އެއުރެން ދެންނެވި ހިނދުގައެވެ. ﷲގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ފަރުޟު ކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ ޙާލު، ﷲގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟ ދެން، އެއުރެންގެ މައްޗަށް ހަނގުރާމަ ފަރުޟު ކުރެއްވިހިނދު، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނޫއެވެ. ﷲއީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އެގޮތުން މޫސާގެފާނަށްފަހު، ބަނީ އިސްރާއީލް މީހުން އެމީހުންގެ ދުޝްމަނުންނާ ހަނގުރާމަކުރުމަށް ރަސްކަލަކު ފޮނުއްވުމަށް އެދުމުން، ﷲ އެބައި މީހުންނަށް ޠާލޫތު ރަސްކަލަކު ކަމުގައި އިޚްތިޔާރު ކުރެއްވިއެވެ. މި ލަޝްކަރުގެ ތެރެއިން ދާއޫދުގެފާނު ފާހަގަވެގެންދިޔައީ، އިންސާނީ މިންގަނޑުތަކުން ނުކުރެވޭނެ ފަދަ ބޮޑު ކާމިޔާބީއެއް ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ.
﴿البقرة 247﴾ وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ ۚ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ
އަދި، އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ﷲ، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި ޠާލޫތު ފޮނުއްވައިފިއެވެ. އެއުރެން ދެންނެވޫއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން ޙައްޤު ކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ﷲ، އޭނާ ޚިޔާރު ކުރެއްވިއެވެ. އަދި، އޭނާއަށް ޢިލްމާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ޠާލޫތުގެ ލަޝްކަރު ދަތުރުކުރިއިރު، އެމީހުންގެ ކިޔަމަންތެރިކަން އިމްތިހާނު ކުރެއްވުމަށްޓަކައި ކޯރެއްގެ ކުރިމަތީގައި މަޑުޖައްސަވައި، އެ ކޯރުން ފެން ނުބުއިމަށް އެންގެވިއެވެ.
﴿البقرة 249﴾ فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّي وَمَن لَّمْ يَطْعَمْهُ فَإِنَّهُ مِنِّي إِلَّا مَنِ اغْتَرَفَ غُرْفَةً بِيَدِهِ ۚ فَشَرِبُوا مِنْهُ إِلَّا قَلِيلًا مِّنْهُمْ ۚ
ދެން، ލަޝްކަރާއިގެން ޠާލޫތު ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ﷲ، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ.
ޝައިޚް އައްޝަޢުރާވީގެ ތަފްސީރުގައި ބަޔާންކުރައްވާ ގޮތުގައި، މިއީ ހަމައެކަނި ފެން ބުއިމުގެ އިމްތިހާނެއް ނޫނެވެ. މިއީ އަމިއްލަ އެދުންތަކުގެ މައްޗަށް ނަފްސު ކޮންޓްރޯލް ނުކުރެވޭ މީހުންނާއި، ވަރުގަދަ ޢަޒުމުގެ ވެރިން ވަކިކުރެއްވުމަށް ކުރިމަތިވި އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވީ ވަރަށް މަދު ބައެކެވެ.
މަދު ބަޔަކު ގިނަ ބައެއްގެ މައްޗަށް ކުރި ހޯދުން
ޖާލޫތުގެ ބިޔަ ލަޝްކަރު ފެނުމުން ބައެއް މީހުން ބިރުގަތެވެ.
فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لَا طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ ۚ قَالَ الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو اللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ
ދެން އެއަށްފަހު، ޠާލޫތާއި، އޭނާގެ އަރިހުގައި އީމާން ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. ޖަލޫތާއި، އޭނާގެ ލަޝްކަރާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، ﷲއާ ބައްދަލުވާނޭކަން ޔަޤީން ކުރާމީހުން ބުނޫއެވެ. ﷲގެ އިޛުނަޔާއެކު ކިތައް ކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.
ނަމަވެސް، އީމާންތެރިކަން ވަރުގަދަ މީހުން ބުނީ "ﷲގެ އިޛުނަޔާއެކު ކިތައް ކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟" މިއީ ނަޞްރަކީ ހަމައެކަނި ހަތިޔާރާއި މީހުންގެ އަދަދަށް އޮންނަ އެއްޗެއް ނޫންކަން އަންގައިދޭ މުހިންމު އުޞޫލެކެވެ.
ދާއޫދުގެފާނުގެ ހިތްވަރުގަދަ ކުރިމަތިލުން
ހަނގުރާމައިގެ މައިދާނުގައި ޖާލޫތު ބޮޑާކަމާއެކު ނުކުމެ އޭނާއާ ދެކޮޅަށް ހަނގުރާމަ ކުރާނެ މުބާރިޒަކަށް ގޮވާލި ހިނދު، އޭނާއާ ކުރިމަތިލެއްވީ އޭރު ޒުވާން އުމުރުގެ ދާއޫދުގެފާނެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި އޮތީ ހަމައެކަނި ސާޅަނގައެކެވެ. ނަމަވެސް، ﷲ އަށް އޮތް ފުރިހަމަ އިތުބާރާއެކު އެކަލޭގެފާނު އެއްލެވި ހިލަގަނޑު ޖާލޫތުގެ ނިތްކުރިއަށް އަރައި، އެ ބިޔަ ޖައްބާރު މީހާ ބިމަށް ތިރިވިއެވެ. ޤުރުއާނުގައި މިކަން ބަޔާންކުރައްވާފައިވަނީ "ދާއޫދުގެފާނު ޖާލޫތު ޤަތުލުކުރެއްވިއެވެ" މިފަދައިންނެވެ. މި ބޮޑު ކާމިޔާބީއަށްފަހު، ﷲ ތަޢާލާ ދާއޫދުގެފާނަށް ރަސްކަމާއި ނަބީކަން ދެއްވައި، އެކަލޭގެފާނުގެ ދަރަޖަ އުފުއްލެވިއެވެ.
﴿البقرة 251﴾ فَهَزَمُوهُم بِإِذْنِ اللَّهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَٰكِنَّ اللَّهَ ذُو فَضْلٍ عَلَى الْعَالَمِينَ
ފަހެ، އެއުރެން ﷲގެ އިޛުނަފުޅާއެކު ކާފިރުންގެ ލަޝްކަރު ބަލިކޮށްފޫއެވެ. އަދި، ދާވޫދުގެފާނު، ޖާލޫތު ޤަތުލު ކުރެއްވިއެވެ. އަދި، ﷲ، އެކަލޭގެފާނަށް ރަސްކަމާއި، ޙިކުމަތް (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) ﷲ، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲއީ، ޢާލަމްތަކުގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެއެވެ.
ވެރިކަމާއި ޙިކުމަތް ދެއްވުން
މިއީ އިޚްލާޞްތެރިކަމާއެކު ދީނަށް ނަޞްރުދޭ މީހުންނަށް ދެއްވާ ދުނިޔަވީ އަދި އާޚިރަތުގެ މަތިވެރި ނިޢުމަތުގެ މިސާލެކެވެ.
މި ހާދިސާއިން ދަސްކޮށްދެނީ ބާޠިލް ކިތަންމެ ވަރުގަދަކޮށް ފެނުނު ކަމުގައިވިޔަސް، ޙައްޤުގެ ކުރިމަތީގައި އެއީ ބަލިކަށި އެއްޗެއް ކަމެވެ. އިސްލާމީ އުންމަތުގެ ކާމިޔާބީ އޮތީ ދުޝްމަނުންގެ ބާރަށް ބެލުމުގެ ބަދަލުގައި، އަމިއްލަ އީމާންތެރިކަން ވަރުގަދަކޮށް، ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ މައްޗަށްކަން މި ވާހަކައިން ސާބިތުވެއެވެ.






