ސެނެގާލްގެ ރައީސް ބަޝީދު ދިއޯމާއި ފާއި ސަރުކާރު އުވާލައްވައި ބޮޑުވަޒީރު މަގާމުން ވަކިކުރައްވައިފި

ސެނެގާލްގެ ރައީސް ބަޝީދު ދިއޯމާއި ފާއި (ވ) އެގައުމުގެ ސަރުކާރު އުވާލައްވައި، ބޮޑުވަޒީރު އުސްމާން ސޮންކޯ (ކ) މަގާމުން ވަކިކުރައްވައިފިއެވެ. މި ނިންމެވުން އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު އެގައުމުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

ރައީސް ފާއި އާއި ބޮޑުވަޒީރު ސޮންކޯއަކީ ސިޔާސީ ގޮތުން ގާތް ދެ އެކުވެރިން ނއެވެ. ދެ ޒުވާނުންނެވެ.

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސޮންކޯއަށް ކުރިމަތިނުލެވޭ ގޮތްވުމުން، އޭނާ ވަނީ ފާއިގެ ކެމްޕޭނަށް ބޮޑު ތާއީދެއް ދެއްވައި، ފާއި ވެރިކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި މި ދެ ބޭފުޅުންގެ މެދުގައި ވަނީ ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ރިޔާސީ ގަރާރަކުން ސަރުކާރު އުވާލާފައި މިވަނީ، ސެނެގާލްގެ ދަރަނި ބޮޑުވެ އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި ފިޔަވަޅުގެ ސަބަބުން ގައުމުގެ ސިޔާސީ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބުނެއެވެ.

މެއި މަހުގެ 9 ވަނަ ދުވަހު ރައީސް ފާއި ވަނީ އިންތިޚާބީ ގާނޫނަށް ގެނައި އިސްލާހުތަކެއް އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ. އެ އިސްލާހުތަކަކީ 2029 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ސޮންކޯއަށް ލިބިދޭނެ ފަދަ އިސްލާހުތަކެކެވެ. މަޖިލީހުން ފާސްކުރި އެ އިސްލާހުގައި ވަނީ ކުށް ސާބިތުވެފައިވާ މީހުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނީ ހަމައެކަނި ކޮރަޕްޝަނާއި ޚިޔާނާތް ފަދަ އިގްތިސާދީ ކުށްތަކުގައި އެކަނި ކަމަށް ކަނޑައަޅާފައެވެ.

ސެނެގާލްގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ސޮންކޯ މަގާމުން ވަކިކުރުމާ ގުޅިގެން، ސަރުކާރުގެ ކުރިމަގާއި ގައުމުގެ ހަމަޖެހުމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ހިއްސާ ކުރައްވާ!