ސޫރަތުލް ފާޠިރުގެ އަލީގައި ކައުނުގެ އިންޖިނިއަރިންއާއި އީމާންތެރިކަމުގެ ތަޞައްވުރު

މައްކީ މަރުހަލާގައި ބާވައިލެއްވި ސޫރަތުލް ފާޠިރަކީ އިންސާނާގެ އަގީދާ ވަރުގަދަކޮށް، އީމާންކަމުގެ އަސްލުތައް ސާބިތުކޮށްދިނުމަށް ބާވައިލެއްވި މުހިންމު ސޫރަތެކެވެ. މި ސޫރަތުން އިންސާނާ އަނބުރާ ގެންގޮސްދެނީ އޭނާ އުފެއްދެވި އަސްލަށެވެ. ކައުނަކީ އިއްތިފާގަކުން އުފެދުނު ތަނެއް ނޫންކަމާއި، މިއީ އެއްކައުވަންތަ ކަލަކު ހުސްކަމުގެ ތެރެއިން އުފެއްދެވި ތަނެއްކަން މި ސޫރަތުން ސާބިތުކޮށްދެއެވެ.

﴿فاطر 1﴾ الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَ ۚ يَزِيدُ فِي الْخَلْقِ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ޙަމްދު ހުރީ ﷲއަށެވެ. އެކަލާނގެއީ، އިސްވެދިޔަ މިޘާލަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ މަލާއިކަތުން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

"ފާޠިރު" ގެ މާނަ އާއި އަގީދާގެ ގުޅުން

މި ސޫރަތް ފެށްޓެވީ الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ މި އާޔަތުންނެވެ. އަރަބި ބަހުގައި "ފަޠުރަ" އަކީ ނެތުމުގެ ތެރެއިން އެއްޗެއް އުފެއްދުމެވެ. އިބްނު ޢައްބާސް ވިދާޅުވަނީ ތިމަން ކަލޭގެފާނުގެ މި ބަހުގެ އަސްލު މާނަ ކުރިން އެގޮތަކަށް ދެނެވަޑައި ނުގަންނަވަމުއެވެ. އެއް ދުވަހަކު ދެ އައުރާބީން ފެން ވަޅަކާ މެދު ދެބަސްވެގެން ތިމަން ކަލޭގެފާނުގެ އަރިހަށް އައެވެ. އެއިން އެކަކު ބުންޏެވެ. އެވަޅު ކޮނުނީ ތިމަންނާއެވެ. އޭނާގެ ވާހަކައިގައި އޭނާ ފަޠަރަ މި ބަސް ބޭނުން ކުރެއްވި ގޮތުން އެދުވަހު އެބަހުގެ އަސްލު މާނަ އިޙުސާސްވެ ވަޑައިގަތެވެ.

މާތްﷲ ކައުނު އުފެއްދެވީ ކުރިން ހުރި މިސާލަކަށް ބެއްލެވުމެއް ނެތި، އަލަށް އުފެއްދެވި އުފެއްދެވުމެއްގެ ގޮތުގައެވެ. މިއީމި ކައުނުގެ ކަންކަން އަމިއްލައަށް އުފެދޭ ކަމަށް ބުނާ ފަލްސަފާތަކަށް ދެވޭ ވަރުގަދަ ރައްދެކެވެ. އިންސާނާގެ ހަށިގަނޑާއި، ސިކުނޑިއާއި، ރޫހަކީ އެކަލާނގެ މިންވަރުކުރެއްވި ގާނޫނުތަކެއްގެ ތެރެއިން އުފެއްދެވި ތަކެއްޗެވެ.

އިންސާނާއަކީ ހަމައެކަނި މާއްދީ ހަށިގަނޑެއް ނޫންކަމާއި، އޭނާގެ ކިބައިގައި ރޫހެއް ވާކަން މި ސޫރަތުން ހަނދާންކޮށްދެއެވެ. ސައިންސަށް ހަށިގަނޑުގެ ހޯދުންތައް ހޯދުނު ކަމުގައިވިޔަސް، ރޫހުގެ ހަގީގަތް އެނގެނީ ހަމައެކަނި މާތްﷲ އަށެވެ. ކީރިތި ގުރުއާނުގައިވާ ފަދައިން، އިންސާނާއަށް ދެއްވާފައިވަނީ ވަރަށް ކުޑަ ކުޑަ މިންވަރެއްގެ އިލްމެކެވެ. މިއީ އިންސާނާ އޭނާގެ ޚާލިގުވަންތަ ރަސްކަލާނގެ ކުރިމަތީގައި މަޑުމޮޅިވުމަށް ދަސްކޮށްދޭ ކަމެކެވެ.

﴿الإسراء 85﴾ وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا
ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.

މާއްދިއްޔަތަށް ދެވޭ ރައްދު

މި ބިމުގެ ދިރިއުޅުންތަކަކީ ކަނުގައި އިއްތިފާގުތަކަކުން އުފެދުނު ކަމެއް ކަމަށް ބުނާ މާއްދީ ފަލްސަފާތައް ސޫރަތުލް ފާޠިރުން ބާތިލުކުރެއެވެ. އިންސާނާ އުފެއްދެވީ ފުރިހަމަވެގެންވާ މާތް މަޚްލޫގެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރެއްވި ފަދައިން، އާދަމްގެފާނު އުފެއްދެވީ ފުރިހަމަ އިންސާނީ ސިފައެއްގައެވެ. މިއީ ޖަނަވާރުންގެ ތެރެއިން ތަރައްގީވަމުން އައިސް އުފެދުނު ނަސްލެއް ނޫންކަން މި ސޫރަތުގެ އަލީގައި ސާފުވެއެވެ.

ދުނިޔޭގައިވާ ނުރައްކާތެރި ޖަނަވާރުތަކާއި ހާދިސާތަކަކީ ކައުނުގެ ތަފާތުކަމުގެ ހަމަހަމަކަމެއް ހިފެހެއްޓުމަށް ލައްވާފައިވާ ކަންކަމެވެ. އިންސާނާއަށް ކުރިމަތިވާ ނުބައި ކަންތައްތަކާއި ދަތިތަކަކީ އާޚިރަތް ދުވަހުގެ ކާމިޔާބީއަށްޓަކައި ކުރިމަތިވާ އިމްތިހާނުތަކެކެވެ.

لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ : ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.

ސޫރަތުލް ފާޠިރުން އިންސާނާއަށް ދޭ މެސެޖަކީ ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލުމަށެވެ.

﴿5﴾ يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا ۖ وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲއާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!

ދުނިޔޭގެ ހުރިހާ ކަމަކީ ފަނާވެދަނިވި ކަންކަމެވެ. މާތްﷲ ގެ ވަޢުދުފުޅަކީ ހައްގު ތެދެވެ. މި ސޫރަތަކީ އިންސާނާގެ ހިތާއި ސިކުނޑި އޭނާ އުފެއްދެވި ފަރާތަށް އަނބުރާ ރުޖޫޢަކޮށްދޭ، އަދި އޭނާއަކީ އެކަލާނގެ އަޅެއްކަން ހަނދާންކޮށްދޭ މުހިންމު ފިލާވަޅެކެވެ.

ހިއްސާ ކުރައްވާ!