ހައިޕާ-އިންޑިވިޖުއަލިޒަމް ނުވަތަ އަމިއްލަ އެދުން އިސްކުރުމުގެ ނުރައްކާ: އިސްލާމީ އަދި ނަފްސާނީ ނަޒަރަކުން

ޒަމާނީ ރައުސްމާލީ އިގްތިސާދީ އަދި ހިންގުމުގެ ނިޒާމުތައް ބައްޓަންވެފައިވަނީ އަމިއްލަ އެދުން އިސްކުރުމުގެ މައްޗަށެވެ. މިއީ މުދާ ގަތުމާއި ވިޔަފާރިއަށް ބާރުއަޅާ މާކެޓް ކޮންސަމްޕްޝަން އިތުރުކުރުމަށާއި، ދަރަނި ފުޅާކުރުމަށް ބޭނުންކުރާ އުކުޅެއް ނަމަވެސް، އިސްލާމީ އަދި ނަފްސާނީ ނަޒަރަކުން ބަލާއިރު މިއީ ރޫހާނީ އަދި އިޖުތިމާއީ ބޮޑު ބައްޔެކެވެ.

މިއަދުގެ މުޖުތަމައުތަކުން ވަކިވަކި ފަރުދުންނަށް މަޖުބޫރުކުރަނީ އަމިއްލަ އަމިއްލައަށް ހުރިހާ ކަމެއް ހާސިލުކުރުމަށެވެ. ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، މުޖުތަމައުގެ އެހީތެރިކަމެއް ނެތި އަމިއްލަ އަމިއްލައަށް ހުރިހާ ކަމެއް ކުރަން މަޖުބޫރުވުމަކީ އިންތިހާއަށް މިހާގެ އުދާސްތައް ބޮޑުވެ ކަންބޮޑުވުމާއި، އެކަނިވެރިކަމާއި، އަދި ނަފްސާނީ ބަލިމަޑުކަމަށް މަގުފަހިވާ ކަމެކެވެ. އިންސާނާގެ ތަބީއަތަކީ އެކަކު އަނެކަކަށް ބަރޯސާވެގެން ދިރިއުޅުމެވެ.

އިސްލާމްދީން ބާރުއަޅަނީ ވަކިވަކި ފަރުދުންގެ ޒިންމާތަކާއި މުޖުތަމައުގެ މަސްލަހަތާ ދެމެދު އޮންނަ މީޒާން ނުވަތަ ހަމަހަމަކަމަށެވެ. ކީރިތި ގުރުއާނުގައި ވަކިވަކި ފަރުދުންގެ މިނިވަންކަމާއި، އަމިއްލަ މިލްކިއްޔާތާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމަށް ބާރުއަޅާފައިވެއެވެ. ނަމަވެސް، މި މިނިވަންކަމަކީ މުޖުތަމައުގެ އަޚުލާގީ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓިފައިވާ ކަމެކެވެ.

އިޖުތިމާއީ ގުޅުންތަކުގެ މުހިންމުކަން

﴿التوبة 71﴾ وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ
މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމް ކޮށް، ޒަކާތް ދީ، ﷲއާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙުމަތް ލައްވާހުށްޓެވެ. ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.

ކީރިތި ގުރުއާނުގެ ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މުއުމިން ފިރިހެނުންނާއި އަންހެނުންނަކީ އެކަކު އަނެކަކުގެ އެހީތެރިންނާއި ރަހުމަތްތެރިންނެވެ. މީގެ އިތުރުން، ރަސޫލާ ﷺ ވަނީ މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކު ބާކީކޮށްލުމުގެ އަމަލުތައް ނަހީކުރައްވާފައެވެ. މިސާލަކަށް، ތިން މީހަކު ތިބޭ ތަނެއްގައި އެކަކު ބާކީކޮށްފައި އަނެއް ދެމީހުން ސިއްރުން ވާހަކަދެއްކުން ވަނީ މަނާކުރައްވާފައެވެ. މިއީ ނަފްސާނީ ގޮތުން މީހުން ބާކީވުމުން ކުރިމަތިވާ ހިތާމައިން ސަލާމަތްކުރުމަށް އޮތް އުސޫލެކެވެ.

حَدَّثَنَا عُثْمَانُ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ أَبِي وَائِلٍ، عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم ‏{‏إِذَا كُنْتُمْ ثَلاَثَةً فَلاَ يَتَنَاجَى رَجُلاَنِ دُونَ الآخَرِ، حَتَّى تَخْتَلِطُوا بِالنَّاسِ، أَجْلَ أَنْ يُحْزِنَهُ‏}‏‏.‏
"ތިޔަބައިމީހުން ތިން މީހުން އެކުގައި ތިބޭ ހިނދު، އެހެން މީހުންނާ މަސްހުނިވެއްޖައުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން ދެމީހަކު އަނެކާ ވަކިކޮށްފައި ސިއްރުން ވާހަކަނުދައްކާށެވެ. އެއީ އެކަމުގެ ސަބަބުން އޭނާ ދެރަވެދާނެތީއެވެ." كتاب الاستئذان / صحيح البخاري

ހައިޕާ-އިންޑިވިޖުއަލިޒަމް ނުވަތަ ހައްދުފަހަނައަޅާފައިވާ މިންވަރަށް އަމިއްލަ އެދުން އިސްކުރުމަކީ މިނިވަންކަމެއް ކަމަށް ހީވި ނަމަވެސް، އެއީ އެކަނިވެރިކަމާއި ނަފްސާނީ ބަލިކަށިކަމުގެ ޖަލެކެވެ. އިސްލާމީ މޮޑެލްއަކީ އިންސާނާގެ ފިތުރަތާ އެއްގޮތަށް، އަމިއްލަ ރޫހާނީ ބޭނުންތަކާއި މުޖުތަމައުގެ ޒިންމާތައް ހަމަކޮށް އެކަކު އަނެކަކާ ގުޅިފައިވާ އިޖުތިމާއީ ފުރިހަމަ ނިޒާމެކެވެ.

ހިއްސާ ކުރައްވާ!