އުޑުތަކާއި ސިދުރަތުލް މުންތަހާގެ މަފްހޫމް

އިސްލާމީ ސަގާފަތުގައި އުޑުތަކާއި ސިދުރަތުލް މުންތަހާއާ މެދު މުއާމަލާތް ކުރެވެނީ އެއީ ޅެންވެރި މަޖާޒީ ސިފަކުރުންތަކެއްގެ ގޮތުގައެއް ނޫނެވެ. މުސްލިމުން އެތަންތަން ދެކެނީ، ކައުނުގައިވާ ހަގީގަތްތަކެއްގެ ގޮތުގައެވެ. ގުރުއާނުގައި "އުޑު" ގެ މާނައަކީ ހަމައެކަނި ޖައްވު ނުވަތަ ފެންނަން އޮތް ފަޒާއެއް ނޫނެވެ. އެއީ މެޓަފިޒިކަލް ނުވަތަ ޣައިބުގެ ތެރޭގައިވާ ބޮޑު ބިނާއެކެވެ. އަހަރެމެންނަށް މި ފެންނަނީ އޭގެ އެންމެ ފުރަތަމަ ފަށަލައެވެ. މާތްﷲ ވަހީކުރައްވާފައިވާ ފަދައިންނެވެ:

﴿إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ﴾
މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. (އައްޞާއްފާތު: 6)

އަދި ހަތް އުޑަކީ އެކަތި އަނެކައްޗާ ފަށަފަށައަށް ލައްވާފައިވާ ވުޖޫދީ ފަށަލަތަކެކެވެ:

﴿ الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ﴾
މާނައީ: އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. ރަޙްމާންވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، ތަކުރާރު ކޮށް ނަޡަރު ހިންގައި ބަލާށެވެ! އެއްވެސްކަހަލަ ޚަލަލެއް ތިބާޔަށް ފެނޭހެއްޔެވެ؟ (އަލްމުލްކު: 3)

މި ބިނާގެ އެންމެ މަތީ ކުރިބޯށީގައި ވަނީ ސިދުރަތުލް މުންތަހާއެވެ. އެއީ މިއުރާޖުގެ ދަތުރުފުޅުގައި ނަބިއްޔާ ﷺ ވަޑައިގެންނެވި މަގާމެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ:

﴿عِندَ سِدْرَةِ الْمُنتَهَىٰ ۝ عِندَهَا جَنَّةُ الْمَأْوَىٰ﴾
މާނައީ: ސިދުރަތުލް މުންތަހާގެ ކައިރިންނެވެ. އެތާނގެ ކައިރީގައި ޖައްނަތުލްމައުވާ ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެ މަރުކަޒެވެ.) (އައްނަޖުމު: 14-15)

ސިދުރަތުލް މުންތަހާއަކީ އެއްވެސް މަޚްލޫގަކަށް އެއަށްވުރެ މައްޗަށް ނުދެވޭނެ އަދި އެ އިން ފަހަނައަޅައި ނުދެވޭވެ އިލްމީ ހުދޫދެކެވެ. މިއުރާޖުގެ ދަތުރުފުޅުގައި ޖިބްރީލްގެފާނުވެސް އެ ހިސާބުން މަޑުޖެހިވަޑައިގަތެވެ. އެއީ އެ އިން ހުރަސްކުރުމަކީ މަޚްލޫގަކަށް ކެތް ނުކުރެވޭނެ ފަދަ އިލާހީ ނޫރުފުޅުތަކުގެ ތެރެއަށް ވަނުމެވެ. އަދި އެއީ ކަންކަން ތަދުބީރު ކުރެވޭ މަގާމެވެ. މައްޗަށް އަރާ އަމުރުތަކާއި ތިރިއަށް ފައިބާ އަމުރުތައް އެތަނަށް ނިމެއެވެ. އަދި އަޅުތަކުންގެ އަމަލުތައް އުފުލިގެންދަނީވެސް އެތަނަށެވެ.

ގުރުއާނުގައި ސިދުރަތުގެ މަންޒަރު ސިފަކުރައްވާފައިވަނީ ހައިބަތުން ފުރިގެންވާ އިބާރާތަކުންނެވެ:

﴿إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ﴾
މާނައީ: ސިދުރަތުލް މުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. (އައްނަޖުމު: 16)

މިއީ އިންސާނުންގެ ހިއްސުތަކަށް ދެނެނުގަނެވޭނެ ފަދަ ޣައިބުގެ މަތިވެރިކަން ދޭހަކޮށްދޭ އުސްލޫބެކެވެ.

އަދި ސިދުރަތުލް މުންތަހާއާ އަހަރެމެންގެ ދުނިޔެއާ ގުޅިފައިވަނީ އޭގެ ބުޑުން ފައިބާ ހަތަރު ކޯރެއްގެ މެދުވެރިކޮށް ކަމަށް ސުންނަތުގައި ބަޔާން ކުރައްވައެވެ. އޭގެ ތެރޭގައި ނީލް ކޯރާއި ފުރާތު ކޯރު ހިމެނެއެވެ. މިއީ ސުވަރުގޭގެ ފެންއާރުތަކާއި ބިމުގެ ކޯރުތަކާ ދެމެދު އޮތް ޣައިބީ ގުޅުމަކަށް ކުރެވޭ އިޝާރާތެކެވެ. އެ ކޯރުތަކުގެ މާއްދީ ފެށުން ދުނިޔެއިން އެނގެން އޮވެއެވެ. ނަމަވެސް މި ގުޅުމުން ދޭހަވަނީ މަތީ އާލަމާއި ތިރީ އާލަމުގެ ދެމެދުގައިވާ އިލާހީ އުފެއްދުންތެރިކަމުގެ އެއްބައިވަންތަކަމެވެ.

މި މަންޒަރުގެ ނިމުމުގައި، ގުރުއާން ސާބިތުކޮށްދެނީ މި މަތިވެރި މަގާމުގައި ނަބިއްޔާ ﷺ ބެހެއްޓެވި އަދަބާއި ސާބިތުކަމެވެ:

﴿مَا زَاغَ الْبَصَرُ وَمَا طَغَىٰ ۝ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ﴾
މާނައީ: އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ. (އައްނަޖުމު: 17-18)

މާތްﷲ އާއި އެކަލާނގެ ރަސޫލާއާ ދެމެދު ހިނގައިދިޔަ ވަހީގެ ޚާއްސަ ވަގުތުކޮޅު ވަނީ މަޚްލޫގުންނަށް ވަންހަނާ ކުރެވިފައެވެ:

﴿فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ﴾
މާނައީ: ދެން (ﷲ) އެކަލާނގެ އަޅާއަށް ވަޙީ ކުރެއްވި އެއްޗެއް ވަޙީ ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ ވަޙީ ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.) (އައްނަޖުމު: 10)

މިވާހަކައަކީ، ސިދުރަތުލް މުންތަހާއާ ހިސާބުން ކައުނުގެ ހުދޫދުތަކެއް ހުރިކަމާއި، ބުއްދި އެ ހިސާބުން މަޑުޖެހޭނެކަމުގެ ހެއްކެއްގެ ގޮތުގައި ދެމިއޮތް ވާހަކައެވެ. އަދި އެ ހުދޫދުތަކުގެ ފަހަތުގައިވަނީ ހަމައެކަނި މުސްތަފާ ﷺ އަށް މެނުވީ ވާސިލުނުވެވޭނެ އިލާހީ ޚާއްސަވަންތަކަމެއްކަން ބަޔާންކުރުމެވެ. މިއީ އިންސާނާގެ ނުކުޅެދުންތެރިކަމާއި އޭނާ އުފެއްދެވި ޚާލިޤުވަންތަ އިލާހުގެ މަތިވެރިކަމަށް އިއުތިރާފުވާންޖެހޭ ކަން ބުއްދިއަށް އަންގައިދޭ އެންގުމެކެވެ. މިޒަމާނުގެ ސައިންސްގެ ހޯދުންތަކުގައިވެސް އިންސާނާގެ ޚިޔާލާއި ވިސްނުމުގެ އިންތައްވެސް ގޮސްފައިވާ އެންމެ ދުރު ހިސާބަކީ ބްލެކް ހޯލް އެވެ. އޭގެ ފަހަތުގައިވާ އެއްޗެއް ޚިޔާލަކަށްވެސް ނުގެނެވެއެވެ!

ހިއްސާ ކުރައްވާ!