ޢަރަފާތު ދުވަހުގެ އެންމެ މަތިވެރި ޒިކުރަކީ ތައުޙީދުގެ ކަލިމަ

މާތްވެގެންވާ ޢަރަފާތް ދުވަހުގެ އެންމެ މާތް އަދި އެންމެ މަތިވެރި ޛިކުރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ބަޔާންކޮށްދޭ ތައުޙީދުގެ ކަލިމަ ކަމަށް ނަބަވީ އިރުޝާދުތަކުން އެނގެން އޮވެއެވެ. މި މަތިވެރި ދުވަހުގެ އެންމެ މުހިންމު އަޅުކަމަކީ ﷲގެ އެއްކައުވަންތަކަމަށް ހެކިވުމެވެ.

لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير

ކީރިތި ރަސޫލާ ﷺ ވަނީ ތައުޙީދުގެ ބާބުގައި ހިމެނޭ އެންމެ މަތިވެރި ޛިކުރު އުންމަތަށް އަންގަވައިދެއްވާފައެވެ.

«أفضلُ ما قلتُ أنا والنبيّون من قبلي: لا إله إلا الله»رواه مالك في الموطأ، والترمذي، والنسائي.
"ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުން ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ لا إله إلا الله އެވެ."

މި ބަސްފުޅުން ދޭހަވަނީ ހުރިހާ ނަބީބޭކަލުންގެ ދަޢުވަތުގެ އަސާސަކީވެސް އަދި ޢަރަފާތް ދުވަހުގެ އެންމެ މަތިވެރި ޛިކުރަކީވެސް ތައުޙީދު ކަމެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުގެ ޝިޢާރުތައް ބިނާވެގެންވަނީ ﷲ ހަނދުމަކުރުމުގެ މައްޗަށްކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ގެފުޅު ވަށައި ތަވާފުކުރުމާއި، ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދެމެދު ސަޢުޔުކުރުމާއި، ޖަމްރާތަކަށް ހިލަ އުކުމަކީ ﷲ ހަނދުމަކުރުން ޤާއިމުކުރުމަށްޓަކައި ލައްވާފައިވާ ޝިޢާރުތަކެއް ކަމަށް އަބޫ ދާއޫދު އަދި ތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ.

إنما جُعل الطوافُ بالبيت، والسعيُ بين الصفا والمروة، ورميُ الجمار لإقامة ذكر الله رواه أبو داود والترمذي.

މިހެންކަމުން، ޙައްޖުވެރިޔާގެ ކޮންމެ ޢަމަލެއްގައި، ކޮންމެ ތަކުބީރެއްގައި އަދި ކޮންމެ ޙަރަކާތެއްގައި ތައުޙީދު އެކުލެވިގެންވެއެވެ. މީގެ މަޤްޞަދަކީ މުއުމިނާގެ ހިތް އަބަދުވެސް "ﷲ އަކްބަރު" މި މަތިވެރި ކަލިމައާ ގުޅިފައި އޮތުމެވެ.

ހިއްސާ ކުރައްވާ!