ކީރިތި ޤުރުއާނުގައި އާއިލާ ބިނާކުރުމުގައި އަޤީދާގެ އަސާސްތައް

ޤުރުއާނުގެ ނަޒަރުގައި އާއިލާއަކީ ހަމައެކަނި އިޖުތިމާޢީ ގުޅުމެއް ނޫނެވެ. އެއީ، ޤައުމެއްގެ ޙަޟާރަތުގެ ތަރައްޤީގެ ނާރެހެވެ. އާއިލާއަކީ، ކީރިތި ޤުރުއާނުގައި، މުޖުތަމަޢުގެ ބިންގަލެވެ. އީމާންތެރިކަން އާލާކުރުމާއި، އިޖުތިމައީ އަދި އާއިލީ އަގުތައް ބައްޓަންކުރުމާއި، އަންނަން އޮތް ޖީލުތައް ތަރުބިއްޔަތުކުރުމުގެ އަސާސީ ދާއިރާ ތަމްސީލުކުރަނީ އާއިލާއިންނެވެ.

1- ﷲ އެއްކައުންވަންތަކުރުން: އާއިލާ ބިނާކުރުމުގެ އަސާސް

ﷲގެ އެއްކައުވަންތަކަމާއި ތައުޙީދަކީ މުސްލިމް އާއިލާ އޭގެ މައްޗަށް ބިނާވެފައިވާ އަސްލެވެ. އެއީ އުޅުމާއި ގުޅުންތައް ސީދާކޮށްދީ، އަޅުކަމުގެ މާނަ އާއިލާއަށް ގެނެސްދޭ ކަމެވެ.

ކީރިތި ޤުރުއާނުގައި އާއިލާ ބިނާކޮށްފައިވަނީ ތައުޙީދުގެ އަސްލުގެ މައްޗަށެވެ. އެއީ އެހެނިހެން ހުރިހާ އަގުތަކާއި ތަޝްރީޢުތައް ނުކުމެގެން އަންނަ ބިންގަލެވެ. މާތް ﷲ ވަޙީކުރެއްވިއެވެ:

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ
އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. (އަލްއިސްރާ: 23)

އެކަލާނގެ ތައުޙީދު، މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ކުރިއަށް އިސްކުރެއްވިއެވެ. އެއީ އަޤީދާ ސީދާވެގެން މެނުވީ އާއިލާގެ ބާއްޖަވެރިކަން ހާސިލުނުވާނެކަން އެންގެވުމަށެވެ.

މި މާނަ ނަބީބޭކަލުން އެބޭކަލުންގެ ބޭބޭފުޅުންނަށް ކުރެއްވި ވަޞިއްޔަތްތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވި ބަސްފުޅު ފަދައިންނެވެ:

 وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ
އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! ﷲއަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. (ލުޤުމާން: 13)

އެހެންކަމުން، ދަރިންގެ ނަފްސުތަކުގައި އެންމެ ފުރަތަމަ އިންދަންޖެހޭ ކަމަކީ ﷲ މަތިވެރިކުރުމާއި، އެކަލާނގެ އެއްކައުންވަންތަކުރުމާއި، އިޚްލާޞްތެރި އީމާންކަމެވެ.

މި އަސާސަކީ އާއިލާގެ މެންބަރުންގެ ބަހާއި އަމަލުގައި އިޚްލާޞްތެރިވުމަށް މަގުދައްކައިދޭ ކަމެކެވެ. އަދި އަމިއްލަ އެދުންތަކާއި ހަވާނަފްސާ ދުރުހެލިވެ، ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ގުޅިފައިވާ ގޮތެއްގައި ގުޅުންތައް ބޭއްވުމަށް އެހީތެރިވެދޭ ކަމެކެވެ.

2- އާއިލީ ދިރިއުޅުމުގައި އަޅުވެރިކަމުގެ މަރުކަޒީ ދައުރު

އިސްލާމްދީނުގައި އާއިލާއަކީ ހަމައެކަނި ދުނިޔަވީ މުއައްސަސާއެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާ ތަފްސީލެއްގައި ﷲ އަށް އަޅުވެތިވުން ހާސިލުކުރުމަށް އޮތް ފުޅާ ދާއިރާއެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ:

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. (އައްޛާރިޔާތު: 56)

އެހެންކަމުން، އާއިލާގެ ތެރޭގައި ހިނގާ ކޮންމެ ހަރަކާތެއް (ޚަރަދުބަރަދު ދިނުން، ތަރުބިއްޔަތުކުރުން، އަދި ދެމަފިރިކަމުގެ ގުޅުން ފަދަ ކަންކަން)، ނިޔަތް ރަނގަޅުވެއްޖެނަމަ އަޅުކަމަކަށް ބަދަލުވެގެންދެއެވެ.

3- ﷲ ބައްލަވާވޮޑިގެންވާކަން އިހުސާސްކުރުމާއި ފަރުދީ މަސްއޫލިއްޔަތު

އާއިލާގެ ކޮންމެ މެންބަރަކީވެސް އެމީހެއްގެ އަމަލުތަކަށް ﷲ ގެ ކުރިފުޅުމަތީގައި މަސްއޫލުވާންޖެހޭނެ މީހެއްކަން ޤުރުއާނުގައި ކަށަވަރުކޮށްދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ:

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. (އައްތަޙްރީމް: 6)

މި އާޔަތުން އާއިލާގެ ވެރިޔާގެ މައްޗަށް ތަރުބިއްޔަތުކުރުމާއި ދީނީގޮތުން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެޅިފައިވެއެވެ. އަދި އާއިލީ ގުޅުމަކީ ﷲ ގެ ކުރިފުޅުމަތީގައި އޮންނަ ފަރުދީ މަސްއޫލިއްޔަތުން ބަރީއަވާނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއެވެ. މީގެ ތެރޭގައި: ރަނގަޅު ސާފު އަޤީދާ އުނގަންނައިދިނުން، އުޅޭނޫޅޭ ގޮތް ބަލައި އިޞްލާޙުކުރުން، އަދި ﷲ އަށް ބިރުވެތިވުމާއި އެކަލާނގެ ރަޙްމަތަށް އުންމީދުކުރުން ހިތްތަކުގައި ބިނާކުރުން ހިމެނެއެވެ.

4- ކައިވެންޏަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ހެއްކެއް

ކީރިތި ޤުރުއާނުގައި ކައިވެންޏަކީ އިލާހީ ކުޅަދުންވަންތަކަމުގެ ފާޅުކަން ބޮޑު ހެއްކެއްގެ ގޮތުގައި ލައްވާފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ:

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (އައްރޫމް: 21)

އެހެންކަމުން ކައިވެންޏަކީ ހަމައެކަނި މަދަނީ އެއްބަސްވުމެއް ނޫނެވެ. އެއީ ނަފްސާނީ އަދި ރޫޙާނީ ހަމަޖެހުން ހާސިލުކުރުމުގައި ޚާލިޤުވަންތަ ރަސްކަލާނގެ ޙިކުމަތްތެރިކަން ފެންނަން އޮތް އިލާހީ ހެއްކެކެވެ. ޤުރުއާނުގައި ކައިވެންޏަށް ދީފައިވާ ސިފައަކީ: وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَاقًا غَلِيظًا ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކުވަނީ އަނެއްބަޔަކާއެކު އެއްދާންކޮށްފައެވެ. އަދި، އެކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ ޢަހުދު ހިފާފައެވެ. (އައްނިސާ: 21)

މިއީ ކައިވެނީގެ މަތިވެރިކަމާއި، އެއީ ހަމައެކަނި ވަގުތީ ގުޅުމެއް ނޫންކަމާއި، އެއީ މަސްއޫލިއްޔަތުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ޢަހުދެއްކަން އަންގައިދޭ ސިފަކުރުމެކެވެ.

ހިއްސާ ކުރައްވާ!