އާއިލާތަކުގެ ގުރުއާނީ ނަމޫނާތައް

ކީރިތި ޤުރުއާނުގައި ޞާލިޙު އާއިލާތަކުގެ ދިރިހުރި މިސާލުތަކެއް ބަޔާންކޮށްދީފައިވެއެވެ. މިއީ އީމާންތެރިކަމުގެ މަތިވެރި ސިފަތައް އަމަލީ ދިރިއުޅުމުގައި ދައްކުވައިދޭ އަދި ކިޔަމަންތެރިކަމާއި އިމްތިހާނުތަކުގެ ކުރިމަތީގައި މުއުމިނުންގެ ގޭބިސީތައް ސާބިތުވާނެ ގޮތް އަންގައިދޭ ނަމޫނާތަކެކެވެ. މި ވާހަކަތަކަކީ ހަމައެކަނި ކިޔަވާލުމަށް އޮތް ވާހަކަތަކެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އާއިލާތަކަށް ހިދާޔަތުގެ މަގު ދައްކައިދޭ ތަރުބަވީ ފިލާވަޅުތަކެކެވެ. މީގެން އެނގިގެންދަނީ އާއިލާއެއްގެ އިސްލާހުވުން ގުޅިފައިވަނީ އީމާންތެރިކަމާ ކަމާއި، އާއިލީ ގުޅުންތައް ވަރުގަދަވަނީ ކިޔަމަންތެރިކަމާއި، އިޚްލާޞްތެރި ނިޔަތާއި، ކޮންމެ ހާލަތެއްގައިވެސް ހައްގުގޮތުގައި ސާބިތުވެ ތިބުމުން ކަމެވެ.

އިބްރާހީމްގެފާނާއި، ޢިމްރާންގެ ޚާންދާނާއި، ނޫޙުގެފާނުގެ އާއިލާގެ އިތުރުން ފިރުޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން ޤުރުއާން އަހަރެމެންނަށް އުނގަންނައިދެނީ، އާއިލާއެއްގެ ދަރަޖަ މަތިވެރިވަނީ ކިޔަމަންތެރިކަމުން ކަމެވެ. އަދި ބައެއް ފަހަރު އާއިލާތައް އިމްތިހާނު ކުރެވޭއިރު، އަނެއްބައި ފަހަރު ފާސިދު މާހައުލެއްގެ ތެރޭގައި އީމާންތެރިކަން ސާބިތުކުރުމަށް އިމްތިހާން ކުރެވޭކަންވެސް އެނގެއެވެ. ނަމަވެސް، މި ހުރިހާ ކަމަކުން ސަލާމަތްވުމުގެ އަސްލަކީ ﷲ އާއެކު އޮންނަ ތެދުވެރި ގުޅުމެވެ. އާއިލާއެއްގެ ހެޔޮލަފާކަމަކީ ހަމައެކަނި ނަސަބަކުން ނުވަތަ ވާރުތަވާ ކަމަކުން ލިބޭ އެއްޗެއް ނޫނެވެ. އެއީ ކޮންމެ ހާލަތެއްގައިވެސް އީމާންތެރިކަން އިޚްތިޔާރުކޮށް، ސާބިތުކަމާއި، ހެޔޮ ތަރުބިއްޔަތާއި، ޔަގީންކަމުގެ މަތީގައި ބިނާކުރެވޭ ކަމެކެވެ.

1- ކިޔަމަންތެރިކަމުގެ ނަމޫނާ: އިބްރާހީމް އަލައިހިއްސަލާމްގެ އާއިލާ

އިބްރާހީމް އަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް އަލައިހިއްސަލާމްގެ ވާހަކައަކީ ކިޔަމަންތެރިކަމާއި ގުރުބާނީގެ މަތިވެރި ނަމޫނާއެކެވެ. މާތް الله، އެކަލާނގެ ނަބިއްޔާ އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް މުޚާތަބުކުރައްވައި ވިދާޅުވި ބަސްފުޅު ބަޔާންކުރައްވާފައިވެއެވެ:

فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ
ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ!  [އައްޞާއްފާތު: 102].

މިއީ އީމާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރުބިއްޔަތުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. އެއީ الله އަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވުމުގެ މައްޗަށް ބިނާވެފައިވާ ތަރުބިއްޔަތެކެވެ.

قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ
އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. [އައްޞާއްފާތު: 102].

2- ދުރާލައި ތަރުބިއްްޔަތުކުރުމުގެ ނަމޫނާ: ޢިމްރާންގެ އާއިލާ

މާތް الله ވަހީކުރެއްވިއެވެ:

إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
ޢިމްރާނުގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (ބައިތުލް މަޤްދިސުގެ ޚިދުމަތަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ ޙަޟްރަތަށް ޚާލިޞް ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) ޤަބޫލު ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. [އާލަ ޢިމްރާން: 35].

މިއީ ހެޔޮ ނިޔަތާއި، ދަރިން ކުޑައިރުއްސުރެ އީމާންތެރިކަމުގެ މަގަށް މަގުދެއްކުމާއި، އުފަންވުމުގެ ކުރިންވެސް ތަރުބިއްޔަތަށް ސަމާލުކަން ދިނުމުގެ ނަމޫނާއެކެވެ.

3- އިމްތިހާނުގެ ނަމޫނާ: ނޫޙް އަލައިހިއްސަލާމްގެ އާއިލާ

ކީރިތި ގުރުއާނުގައި މީގެ އިދިކޮޅު ނަމޫނާއެއްވެސް ބަޔާންކުރައްވާފައިވެއެވެ. އެއީ އަގީދާ ފާސިދުވުމުގެ ސަބަބުން އަނބިކަނބަލުންނާއި ދަރިކަލުން ސަލާމަތްނުވި ހާދިސާއެވެ. މާތް الله ނޫޙުގެފާނަށް ވަހީކުރެއްވިއެވެ:

قَالَ يَا نُوحُ إِنَّهُ لَيْسَ مِنْ أَهْلِكَ ۖ إِنَّهُ عَمَلٌ غَيْرُ صَالِحٍ ۖ فَلَا تَسْأَلْنِ مَا لَيْسَ لَكَ بِهِ عِلْمٌ ۖ إِنِّي أَعِظُكَ أَن تَكُونَ مِنَ الْجَاهِلِينَ
އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ އަހުލުވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ ޢަމަލަކީ، ރަނގަޅުނޫން ޢަމަލެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަންރަސްކަލާނގެ ޙަޟްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނަޞޭޙަތްތެރިވެވޮޑިގެންވަމެވެ. [ހޫދު: 46].

އަދިވެސް ވަހީކުރެއްވިއެވެ:

ضَرَبَ اللَّهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ
ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރު ވިމީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ ޞާލިޙު އަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނަތްތެރިވިއެވެ. ފަހެ، ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ! [އައްތަޙްރީމް: 10]

މިއިން އެނގެނީ އާއިލީ ގުޅުމަށްވުރެ އަގީދާގެ ގުޅުން އިސްވެގެންވާކަމާއި، އީމާންކަން ނެތްނަމަ ނަސަބުގެ ގުޅުމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމެވެ.

4- އުސޫލުތަކާ ކުރިމަތިލުމުގެ ނަމޫނާ: ފިރުޢައުނުގެ އާއިލާ

މާތް الله ވަހީކުރެއްވިއެވެ:

 وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ
އަދި ފިރްޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރްޢައުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! [އައްތަޙްރީމް: 11].

މި މިސާލުން ދޭހަވަނީ އާއިލީ މާހައުލު ކިތަންމެ ފާސިދުވި ނަމަވެސް، އީމާންކަންމަތީ ސާބިތުވެ ހުރެވިދާނެ ކަމެވެ.

ހިއްސާ ކުރައްވާ!