ހަގީގާ ވާހަކަ: މަހާނައެއްގެ އަގު، لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ.

އެމެރިކާގެ އޯކްލަހޯމާގައި ދިރިއުޅޭ ކުޑަ މުސްލިމް ޖަމާއަތަކުން، މުސްލިމުން ވަޅުލެވޭނެ އިސްލާމީ ގަބުރުސްތާނެއް ގާއިމުކުރުމަށްޓަކައި، އެ ސަރަހައްދުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް 5 އަހަރު ދުވަހުގެ ދިގު ގާނޫނީ ހަނގުރާމައެއް ކުރިއެވެ. މި ބުރަ މަސައްކަތުން ހަނދާންކޮށްދެނީ ކީރިތި ގުރުއާނުގެ މި ވަޢުދުފުޅެވެ:

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ﴿3﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا
އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ. ސޫރަތުއް ޠަލާޤް 

މި ގަބުރުސްތާން ހެދުމަށް ގާނޫނީ ހުއްދަ ލިބުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަދި އެ ބިމުގެ އިންފާރު ރޭނުމުގެ މަސައްކަތް އެއްކޮށް ނިމި ރަސްމީކޮށް ހުޅުވުމުގެވެސް ކުރިން އެ 5 އަހަރުގެ ގާނޫނީ ހަނގުރާމައިގެ އިލާހީ މަގުސަދު ހާމަވެގެން ދިޔައެވެ.

އެއް ދުވަހަކު، ގަބުރުސްތާން ބަލަހައްޓާ މިސްކިތުގެ އިދާރާއަށް އަންހެނެއްގެ ފަރާތުން ފޯނު ކޯލެއް އައެވެ. އެ އަންހެން މީހާ ބުނީ އޭނާގެ މަންމަ މަރުވެގެން ޖަނާޒާގެ ކަންކަން ކުރިއަށް ގެން ދިއުމަށް ގުޅަނީ ކަމަށެވެ. އަދި އޭނާ އަކީ މުސްލިމެއް ތޯއެހުމުން ނޫނެކޭ ބުންޏެވެ! އަދި މަންމައަކީ މުސްލިމެއް ތޯ އެހުމުން އާނ އެކޭ ބުނެ ޖަވާބު ދިނެވެ!

އިސްލާމް ދީނުގެ އުޚުއްވަތްތެރިކަން

ނިޔާވި އަންހެން މީހާއަކީ ޗައިނާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާމީހެކެވެ. އެ އަންހެން މީހާއަކީ މީގެ އެތައް އަހަރެއް ކުރިން އެމެރިކާގައި ވަޒަންވެފައިވެފައިވާ މީހެކެވެ. އޭނާ ކައިވެނިކުރިއިރު ދެމަފިރިންނަކީވެސް މުސްލިމުންނެވެ.

ފިރިމީހާ ދަރިންގެ ބެލެނިވެރިކަން ނަގައި، އެކުދިން އަންހެންމީހާއާ ދުރުކޮށް، އެކުދިން ތަރުބިއްޔަތު ކުަން ފެށީީ ޣައިރު މުސްލިމުންގެ ގޮތުގައެވެ. އެކަމާ ގަޔާނުވެގެން އެ އަންހެން މީހާ ޗައިނާއަށް އެނބުރި ދިޔައެވެ.

އަންހެން މީހާ މަރުވި ދަތުރަކީ އޭނާ އާއިލާއަށް ޒިޔާރަތް ކުރުމަށް އެމެރިކާއަށް އައި ދަތުރެވެ.

އެމެރިކާއަށް ފޭބުމަށްފަހު އަންހެން މީހާ އެއަރޕޯޓުގައި ސިޓީގެ އެޑްރެސްތައް ލިސްޓްކޮށްފައިވާ ޔެލޯބުކް ޑައިރެކްޓްރީން އެސިޓީގައި ހުންނަ އިސްލާމީ މަރުކަޒުގެ އެޑްރެސް ހޯދިއެވެ. އެ އެޑްރެސް ހިމެނޭ ގަނޑު ވީދާލައިގެން އޭނާ ނެގިއެވެ. އަދި އާއިލާއާ ބައްދަލު ކުރިއިރު އޭނާ ދަރިފުޅަށް އެއެޑްރެސް ދީފައި އޭނާ މަރުވެއްޖެނަމަ މި އެޑްރެހަށް ގުޅާފައި އޭނާ މަރުވެއްޖެ ކަން އަންގައި ދިނުމަށް އެދުނެވެ. އަދި އެއީ ކޮން ބައެއްތޯ އެހުމުން އެއީ ތިމަންގެ އަޚުންނޭ ބުންޏެވެ!

އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަގީގީ މާނަ މި އަންހެން މީހާއަށް ވިސްނުނެވެ. އެ އުޚުއްވަތްތެރިކަމަކީ، ލެޔާއި، ނަސްލާއި، ޖިއޮގްރަފީގެ އިންތަކަށްވުރެ މަތިވެރި ގުޅުމެކެވެ. ކީރިތި ގުރުއާނުގައި ﷲ ވަނީ މިފަދައިން ވަހީކުރައްވާފައެވެ:

إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ ﴿10﴾
މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. ސޫރަތުލް ހުޖުރާތު

މި މީހާ އެމެރިކާއަށް އައިސް ފޭބިތާ ދެ ރޭ ފަހުން އޭނާ ނިޔައުވިއެވެ.

އެ ބިމުގެ ފުރަތަމަ މެހެމާނު

ފަސް އަހަރު ދުވަހުގެ ހަނގުރާމައަށް ފަހު މުސްލިމުންނަށް ލިބުނު ގަބުރުސްތާންގައި ވަޅުލެވޭ ފުރަތަމަ މީހާއަކީ މި އަންހެން މީހާއަށް ވިއެވެ. އަންހެން މީހާގެ ޖަނާޒާ އޮތީ ހުކުރު ދުވަހެއްގައެވެ.

މުޅިން ބީރައްޓެހި އެތައް ސަތޭކަ މުސްލިމް ފިރިހެނުންނެއް، މި ޖަނާޒާގައި ބައިވެރިވިއެވެ. ކްރިސްޓިއަން ޖަނާޒާތަކާ ޚިލާފަށް މި ޖަނާޒާގައި މީހުންގެ ގިނަކަން ފެނި އެންމެންގެ ބައިވެރިވުން އިޙުސާސް ވުމުން އާއިިލާއިން މިސްކިތުގެ އިމާމް މީހާއާ ސުއާލު ކުރިއެވެ. "މިއެންމެން މިއީ ކޮން ބައެއް ހެއްޔެވެ؟" އިމާމު މީހާ ޖަވާބު ދެއްވިއެވެ، "މިއީ އޭނާ ތިޔަބައިމީހުން ގާތު ބުނި ފަދައިން އޭނާގެ އަޚުންނެވެ."

ކަށްވަޅެއްގެ އަގު

އަންހެން މީހާގެ ޖަނާޒާގެ ކަންކަން ނިމުމަށްފަހު، އެ އަންހެން ދަރިފުޅު އިމާމް މީހާއަށް އޭނާގެ މަންމަ ގެންގުޅުނު ކަރުދާސްކޮޅެއް ދައްކައި އޭގައި ލިޔެފައިވާ އެއްޗެއް އޮޅުންފިލުވައި ދިނުމަށް އެދުނެވެ. އެއީ އޭނާގެ މަންމަގެ އަތުން ލިޔެފައިވާ، އޭނާ އެންމެ ގަޔާވާ ދުއާއެވެ. އަކުރުތައް އެހާ ރީތި ނޫން ނަމަވެސް، އަރަބި ބަހުން ލިޔެފައި އޮތް ލިޔުމެކެވެ. އެލިޔުން އިމާމް މީހާ ތަރުޖަމާ ކޮށްދެއްވިއެވެ.

"ޔާ ﷲ، އަޅުގެ ދަރިންނަށް ހިދާޔަތް ދައްކަވާނދޭވެ! އަޅުގެ ދަރިންނަށް ތެދުމަގު ދައްކަވާނދޭވެ!"

މައެއްގެ ދުއާއަކީ އުޑުތައް ފޫއަޅުވާލާ ފަދަ ބާރެކެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ހަދީޘްކުރެއްވިއެވެ:

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ لَا شَكَّ فِيهِنَّ دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ (سنن الترمذي)
"އެއްވެސް ޝައްކެއްނެތް ގޮތުގައި ތިން ދުއާއެއް އިޖާބަކުރެއްވެއެވެ: އަނިޔާ ލިބިފައިވާ މީހާގެ ދުއާއާއި، ދަތުރުވެރިޔާގެ ދުއާއާއި، އަދި މައިންބަފައިން އެމީހުންގެ ދަރިންނަށްޓަކައި ކުރާ ދުއާއެވެ." (ޖާމިއު އައްތިރްމިޛީ)

މައިމިހާއަށް ލިބިގެންދިޔަ މަތިވެރި ޝަރަފާއި އިއްޒަތް ފެނުމުން، ޖަނާޒާގެ ކަންކަން ނިމުނުތާ ހިނދުކޮޅެއްގެ ތެރޭގައި އެ މައިމީހާ އުމުރުދުވަހު ކުރި ދުޢާގެ އިޖާބަވެގެން ދިޔަތަން ވަގުތުން ފެނިގެންދިޔައެވެ. އޭނާގެ ފިރިހެން ދަރިފުޅު ވަގުތުން އިސްލާމްވިއެވެ.

މި އަސަރުގަދަ މަންޒަރު ފެނި ހައިރަންވި މީހަކީ އިސްލާމް ދީން ދޫކޮށް ދިޔަ މި މައްޔިތާގެ ފިރިމީހާއެވެ.

އިމާމު މީހާއާ މުޚާތަބުކޮށް، އޭނާ ސުއާލު ކުރިއެވެ. މައްޔިތާގެ މަހާނަ ކައިރިން އެހެން މަހާނައަކަށް ޖާގައެއް ލިބިދާނެ ތޯއެވެ؟ އިމާމް މީހާ އެކަމަށް އާނބަސް ބުނުމުން އެ ބިންކޮޅަށް ދައްކަން ޖެހޭނެ އަގާމެދު އޭނާ ސުއާލު ކުރިއެވެ.

އިމާމު މީހާ އޭނާއަށް ބަލައިލުމަށްފަހު، އެތަނުގެ ހަގީގީ އަގު ބުނެދިނެވެ: "އެ ކަށްވަޅުގެ އަގަކީ لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ.އެވެ."

ހަމަ އެވަގުތު، އެ ކަށްވަޅުގެ އަރިމަތީގައި ހުރެ، ކުރީގެ ފިރިމީހާއާއި އާއިލާގެ އެހެން މެންބަރުން އިސްލާމްދީން ގަބޫލުކުރިއެވެ.

ފަސް އަހަރު ވަންދެން ކުރި ގާނޫނީ ހަނގުރާމައަކަށްފަހު އައު ގަބުރުސްތާން އިފްތިތާޙު ކުރެވިގެން ދިޔައީ ހަމައެކަނި ޖަނާޒާއަކުންނެއް ނޫނެވެ. މައްޔިތާގެ ދުއާ އިޖާބަކޮށްދެއްވައި، މުޅި އާއިލާއެއް ހިދާޔަތުގެ ނޫރުގެ ތެރެއަށް އަލުން ދިރުވައި އާލާކުރުމާއެކުގައެވެ.

ހިއްސާ ކުރައްވާ!