ސަފީރު މަޙުލޫފު އެމްޕަރަރ ނަރުހީޓޯގެ ދަރުބާރުގައި: އަދަބު ތައުޒީމުގެ ތަފްސީލު!

މި ފޮޓޯއަކީ އޭގެ ސާދާކަމުން ހިތްތަކަށް އަސަރުކުރުވާނެފަދަ ފޮޓޯއެކެވެ. ކަޅު ކޯޓަކާއި އަޅިކުލައިގެ ރޮނގުދެމި ފަޓުލޫނެއްގައި ދިވެހި ސަފީރު އަޙުމަދު މަޙުލޫފު، އެމްޕަރަރ ނަރުހީޓޯއަށް ކްރީމް ކުލައިގެ ފޯލްޑަރެއް ދިއްކޮށްލައްވާމަންޒަރެވެ. ސަފީރު ވަރަށް ބޮޑަށް ގުދުވެވަޑައިގެން އިޙްތިރާމުގެ ސަލާމެއް ކުރައްވައެވެ. އެމްޕަރަރ މަޑުމައިތިރިކަމާއެކު، ދެއަތްޕުޅު ތިރިކޮށްލައްވައިގެން، މޫނުފުޅު މަތިން ހަމަޖެހުން ދައްކަވައިގެން ހުންނެވިއެވެ. އެ މާލަމަކީ ހިމޭން މާލަމެކެވެ. މާގިނަ ސާމާނެއް ނެތް ސާދާ މާލަމެކެވެ. މި މަންޒަރުގައި އެކުލެވިގެންވާ އެއްވެސް ކަމަކީ އިއްތިފާގެއް ނޫނެވެ.

ގިނަ ބަޔަކަށް މި ވަގުތުކޮޅަކީ މާބޮޑު ސަމާލުކަމެއް ނުދެވި ފާއިތުވެދާ ވަގުތުކޮޅެކެވެ. ނަމަވެސް، މިއީ ގައުމެއްގެ ދަރުބާރެއްގައި ބާއްވާ ބައިނަލްއަޤްވާމީ ޚާރިޖީ ގުޅުންތަކުގެ އެންމެ މުހިންމު އެއް ރަސްމިއްޔާތެވެ. އެއީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތެވެ. މިއީ ބޭރުގެ ގައުމުގެ މަންދޫބުއެއީ، އެ ގައުމެއްގެ ރަސްމީ މަންދޫބު ކަމުގައި ޖަޕާނުގެ ކުރިމަތީގައި ކަނޑައެޅިގެންދާ ހިނދުކޮޅެވެ.

ބޮޑެތި ސަމިޓުތަކުގެ ސިޔާސީ ކުޅިވަރުތަކާއި ނުވަތަ ދައުލަތުގެ ބޮޑެތި ޖާފަތްތަކާ ޚިލާފަށް، މި ރަސްމިއްޔާތަކީ އޭގެ ސާދާކަމާއި ހިމޭންކަމުގެ ނަމޫނާއެކެވެ. ޖަޕާނުގެ ޝާހީ ދަރުބާރުގައި މިރަސްމިއްޔާތު އޮންނަނީ ނުހަނު ފަރުވާތެރިކަމާއެކު، ކުރިން ރޭވިފައިވާ ހަރަކާތްތަކެއް ގެ ގޮތުގައެވެ.

ކޮންމެ ފިޔަވަޅެއް، ކޮންމެ މަޑުޖެހުމެއް، އަދި ކޮންމެ ގުދުވުމަކީ ކުރިން ފަރިތަކޮށްފައިވާ ކަންކަމެވެ.

މި ރަސްމިއްޔާތު ބަލަހައްޓާ އިމްޕީރިއަލް ހައުސްހޯލްޑް އެޖެންސީން، ސަފީރުންނަށް ދުރާލައި މި ރަސްމިއްޔާތުގައި ހެލިފެލިވެ އުޅޭނބެ ގޮތުގެ ތަމްރީނު ދެއެވެ.

ހިނގާނެ ގޮތް ކިޔައިދެއެވެ. ހުއްޓޭނެ ތަންތަން ފާހަގަ ކޮށްދެއެވެ. ފަތްކޮޅު ހިމެނޭ ފޯލްޑަރު ހިފަހައްޓާނެ ގޮތް ބުނެދެއެވެ. ގުދުވާން ޖެހޭ މިންވަރު ކިޔައި ދެއެވެ. އަދި އެއްވެސް ހާލެއްގައި އެމްޕަރަރާ ދިމާއަށް ސަލާން ކުރުމަށް އަތް ދިއް ނުކުރުމަށާއި  އެމްޕަރަރއަށް ފުރަގަސްނުދީ ފަހަތަށް ފިޔަވަޅު އަޅާނެ ގޮތް ކިޔައި ދެއެވެ. ކޮންމެ ކަމެއްވެސް އޭގެ މިންވަރާއި ވަގުތު ކަނޑައަޅާފައި އޮންނަ ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތަށް ސަފީރު ތުރުކުރައްވާ ހެދުން ކޮޅަކީވެސް، ހަމަ އެހާމެ ފަރުވާތެރިކަމާއެކު ކަނޑައެޅިފައިވާ އެއްޗެކެވެ.

ސަފީރުން ތިއްބަވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅު ޖަޕާނުގެ ގަނޑުވަރުތަކުގައި ބޭނުންކުރަން ފެށި ހުޅަނގުގެ "މޯނިންގ ޑްރެސް" ހެދުންކޮޅު ގައެވެ.

މި ހެދުންކޮޅަކީ، ކަޅު ކޯޓަކާއި، މުށި ނޫނީ އަޅިކުލައިގެ ރޮނގުދެމި ފަޓުލޫނަކާއި، ގިރުވާން ސްޓިފްކޮށްފައިވާ ހުދު ގަމީހަކާއި، ރިހި ނުވަތަ އަޅިކުލައިގެ ވެސްޓަކާއި، އަދި ރަސްމީ ޓައީއެއް ހިމެނޭ ހެދުންކޮޅެކެވެ.

މިއީ ހަމައެކަނި ފެޝަނެއް ނޫނެވެ. މިއީ ޚާރިޖީ ސިޔާސަތުގެ ފަލްސަފާއެކެވެ.

އެކި ގައުމުތަކުގައި ގައުމީ ހެދުންތައް ތަފާތުވެދާނެއެވެ. ބައެއް ހެދުންތަކަކީ ޒީނަތްތެރިކޮށް ޖަރީކޮށްފައިވާ ހެދުންތަކެވެ. އަނެއްބައި ހެދުންތަކަކީ ސާދާ، އަސްކަރީ ނުވަތަ ދީނީ ހެދުންތަކެވެ. އަނެއް ބައި ހެދުންތަކަކީ ދީނީ ހެދުންތަކެކެވެ. ނަމަވެސް، މޯނިންގ ޑްރެސްއިން އެންމެން އެއް މިންގަނޑަކަށް ފައްތައެވެ. ކޮންމެ ގައުމަކީވެސް ހަމަހަމަ ގައުމެއްގެ ގޮތުގައި ބަލަންޖެހޭ މަގާމެއްގައި ބެހެއްޓުމާއެކު ޖަޕާނުގެ ރަސްގެފާނުގެ ދަރުބާރުގައި މި އެއްގޮތްކަމަކީ އިޙްތިރާމުގެ ރަމްޒެކެވެ.

އިޙްތިރާމު އަދާކުރުމުގެ ގޮތުން ގުދުވުމަކީވެސް މާނަފުން ކަމެކެވެ. ދުނިޔޭގެ ގިނަ ހިސާބުތަކުގައި އަތާއި އަތްޖޯޑުކޮށް ސަލާމްކުރުމުން އެ ވަގުތު ފުރިހަމަވެއެވެ. ނަމަވެސް ޓޯކިޔޯގައި އެންމެ ފުރިހަމައަށް އެކަން ކުރެވެނީ ގުދުވެލައިގެން ސަލާން ކުރުމަކުންނެވެ.

މިއީ ޖަޕާނުގެ ރަސްކަމުގެ އާދަކާދައިގައި އިޙްތިރާމް އަދާކުރުމުގެ ބަހެވެ. އެއީ މިންކުރެވިފައިވާ، މަޑުމައިތިރި، އަދި ސާދާ ހަރަކާތެކެވެ.

އެމްޕަރަރ ސަލާމްކުރަން އަތްޕުޅު ދިއްކުރައްވަފާނެއެވެ. ނަމަވެސް އެއީ އެމްޕަރަރ މަޖުބޫރު ކަމެއް ނޫނެވެ. ސަފީރު ދުވަހަކުވެސް ފުރަތަމައަށް އަތް ދިއްކުރައްވައިގެން އެމްޕަރަރ އާ ސަލާމެއް ނުކުރައްވާނެއެވެ. އިޙްތިރާމުގެ ގޮތުން ގުދުވުން އެކަނި ފުދޭނެއެވެ.

އެމްޕަރަރ އަށް ފަތްކޮޅު އެރުމާއި ސަފީރު ބައްދަލު ކުރެއްވުމުގެ މި ވަގުތުކޮޅުގެ މި މުޢާމަލާތް ދެމިގެންދަނީ އެންމެ މަދު މިނެޓުކޮޅަކަށެވެ. އާންމުކޮށް ދެ މިނެޓާއި ތިން މިނެޓާ ދެމެދުގެ ވަގުތަކަށެވެ.

ރަސްމިއްޔާތުގެ ކުރިން، ސަފީރަށް ދެވޭ "ތަމްރީންގައި" ވިދާޅުވާންވީ ވާހަކަ ބުނެދެވޭނެއެވެ. އަދި އެވާހަކަ ކޮޅު ވިދާޅުވާންވީ ވަގުތުވެސް އަންގައި ދެވޭނެއެވެ.  ސަފީރަށް އިރުޝާދު ދެވެނީ ކުރު، ރަސްމީ މެސެޖެއް ދެއްވުމަށެވެ.

އެ މެސެޖަކީ، ރައީސުލްޖުމްހޫރިއްޔާގެ ވެދުމާއި ސަލާމެވެ. އަދި އެމްޕަރަރ ފައިންޕުޅު ދެކެލުމުގެ ޝަރަފު ލިބުނުކަމުގެ އުފަލާއި، އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރާ ކުރު އިލްތިޒާމެއްގެ ޖުމުލަ އެކެވެ.

ސަފީރު ހުއްޓި ހުންނަވަންވާ ތަނާއި، އިސްތަށިފުޅު ތިރިކުރައްވަންވީ މިންވަރާއި، ދެއަތުން ފަތްކޮޅު ހިފަހައްޓަވާނެ ގޮތާއި، އަދި ވާހަކަދެއްކުމުގެ ކުރިން އެމްޕަރަރ ކުރިފުޅުމަތީގައި މަޑުޖެހި ވަޑައިގަންނަވަންވީ ވަގުތުވެސް ބުނެދެވެއެވެ.

އަދި އެންމެ ކުޑަމިނުން ހިނގާނެ ބާރުމިންވެސް އޮންނަނީ ފަރިތަކޮށް ދީފައެވެ.

ސަފީރުގެ ބަސްކޮޅަށް އެމްޕަރަރ ޖަވާބު ދެއްވަނީ ހޫނު މަރުހަބާއަކުންނެވެ. އެމްޕަރަރ ގެ ބަސްކޮޅުތަކަކީ އާންމު ބަސްކޮޅެކެވެ. ސިޔާސީ ވާހަކައެއް ނުހިމެނޭނެއެވެ.

އެމްޕަރަރ އަކީ ސިޔާސީ ހައިސިއްޔަތެއް ނެތް ރަމްޒީ ބޭފުޅެކެވެ.

ސަފީރުގެ ވާހަކަފުޅުގައި ސިޔާސަތުތަކާ ނުވަތަ މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅެއް ނުދައްކަވާނެއެވެ.

ހިމޭން ކަމާއެކު ފެށުނު ގޮތަށް ހިމޭންކަމާއެކު މި ރަސްމިއްޔާތު ނިމެއެވެ. ސަފީރު ފަހަތަށް ފިޔަވަޅު އަޅުއްވައި، އަލުން ގުދުވެ އިޙްތިރާމް އަދާކުރައްވައި، ރަސްމީ ފޮޓޯ ނެންގެވުމަށް ބޭރަށް ވަޑައިގަންނަވާނެއެވެ.

އެހިސާބުން އެއީ ޖަޕާނުން ފުރިހަމައަށް ބަލައިގެންފައިވާ ސަފީރަކަށް ވެވަޑައި ގެންނެވުނީއެވެ. މި ރަސްމު ފުރިހަމަ ވުމަށްފަހުގައި ނޫނީ، ސަފީރަށް މަގާމުގެ ހައިސއްޔަތުން ވަޒީރުންނާ ބައްދަލުކުރެއް ވުމެއް ނޯންނާނެއެވެ. އަދި ޑިޕްލޮމެޓިކް ނޯޓްތަކުގައި ސޮއިކުރުމެއްވެސް ނޯންނާނެއެވެ. ނުވަތަ ޓޯކިޔޯގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާތަކުގައި ގައުމު ތަމްސީލުކުރުމުގެ ހުއްދައެއް ވެސް ނޯންނާނެއެވެ.

މި ރަސްމިއްޔާތަކީ އާދައިގެ ކަމެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް، މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަސްމީވެގެންދާ ވަގުތުކޮޅެވެ. މި ގުޅުން ކަށަވަރުވެގެންދަނީ ތަގުރީރުތަކަކުން ނުވަތަ ސޮއިކުރުންތަކަކުން ނެއް ނޫނެވެ. ހަށިގަނޑުގެ ބަހުރުވައިން އަދަބު ތައުޒީމު އަދާކުރުމާއި، އުސޫލުތަކާއި، އަދި ގަދަރާއި އިއްޒަތާ މެދު އޮންނަ ދެފަރާތުގެ އިޙުތިރާމާއި އެއްބަސްވުމެއްގެ މައްޗަށެވެ.

ޓޯކިޔޯއާ އެތައް ހާސް މޭލެއް ދުރުގައި އޮތް ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ދިވެހިރާއްޖެއަށް، މި ރަސްމިއްޔާތުން މަޑުމައިތިރި ނަމަވެސް ވަރުގަދަ މެސެޖެއް ދެއެވެ.

އެއީ، މި މާލަމުގައި ކޮންމެ ދައުލަތަކަށްވެސް އޮންނާނީ އެއް މިންވަރެއްގެ އިހުތިރާމެއް ކަމުގެ ޔަގީންކަމެވެ. ރާއްޖެ ސައިޒުން ކުޑަވެފައި އެހެން ގައުމެއް ބޮޑުވެފައި މުއްސަނދިވުމަކުން މި މާލަމުގައި އިތުރު އިޙުތިރާމެއް އެ ގައުމަކަށް ނުލިބޭނެއެވެ. ދަރަޖަ ހަމަ ރާއްޖެއާ އެއްވަރުވެ ހަމަހަމަ ވާނެއެވެ.

އެމްޕަރަރ، ސަފީރުންނާ ބައްދަލުކުރައްވާ ތަރުތީބު ކަނޑައެޅެނީ އެ ގައުމެއްގެ ބޮޑުމިނަކަށް ނުވަތަ ނުފޫޒަކަށް ބަލައިގެނެއް ނޫނެވެ. އެކަން ކަނޑައެޅޭނީ އެ ސަފީރަކު ޖަޕާނަށް ފައިބައި ވަޑައިގެންނެވި ތާރީޚާއި ވަގުތަށް ބަލައިގެންނެވެ.

ބޮޑު ބާރެއްގެ ކުރިން ކުޑަ ގައުމެއްގެ ސަފީރަކާ އެމްޕަރަރ ބައްދަލު ކުރައްވަފާނެއެވެ. އެއީ އެ ސަފީރު ކުރިން ޖަޕާނަށް ވަޑައިގަތުމުން ތަރުތީބު ކުރެވުނު ގޮތެވެ. ހަމަހަމަކަމަކީ ހަމައެކަނި ބަހުން ބުނެލާ އެއްޗެއް ނޫނެވެ. އެއީ އުސޫލުތަކުގެ ތެރެއިން އަމަލީ ގޮތުން ދައްކުވައިދޭ ކަމެކެވެ.

އެހެންކަމުން، އެ ފޮޓޯއިން ފެންނަނީ ހަމައެކަނި އަދަބުވެރި ބައްދަލުވުމެއް ނޫނެވެ. އެއީ ޒަމާނަށް ބިންވަޅު ނެގިފައިވާ ޑިޕްލޮމެސީގެ އާދަކާދައިގެ އެންމެ ސާފު ސިފައެވެ. އިސްޖަހާލުމާއެކު ކުރެވޭ ސަލާމެއް، ރަސްމީ ހެދުމެއް، ކުރު ވާހަކަކޮޅެއް، އަދި އެތައް ގަރުނެއްވީ އާދަކާދައެކެވެ. މިއީ، ފަރުވާތެރިކަމާއެކު ފާޅުކުރާ އިހުތިރާމެކެވެ. ގަރުނެއްވީ ޑިޕްލޮމެޓިކް އާދަކާދައެކެވެ.

ހިއްސާ ކުރައްވާ!