މިއީ ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް: ރައީސް

ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ސޯޝަލް މީޑިއާ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ. ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު ދިވެހި ކޮންމެ ލޮބުވެތި ރައްޔިތަކަށްމެ ދެއްވާށި! އާމީން : ރައީސްގެ ޓުއީޓް

އެމަނިކުފާނު ވިދާޅުވީ ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް ކަމަށެވެ. މި މުނާސަބަތުގައި ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ ދުޢާތައް ފޮނުއްވާފައެވެ.

ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާ ވަނީ ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން އެކަމަނާ ދުޢާކުރައްވާފައިވެއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި ޙާޖީންވެސް މިވަގުތު ތިބީ ޢަރަފާތު ބިމުގައެވެ. އަދި ހުރިހާ ޙާޖީންގެ ހާލުވެސް މިވަގުތު ރަނގަޅުކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވައެވެ.

ހިއްސާ ކުރައްވާ!