އިޓަލީވިލާތުގައި އެބޯލާ ޖެހިފައިވާ ދެމީހަކު ފެނިގެން އެބައުޅޭ

ޔުގެންޑާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ތިން މަސް ދުވަހު އުޅުމަށްފަހު އެނބުރި އައި ދެ މީހަކަށް އިބޯލާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުކުރެވިގެން އިޓަލީގެ ލޮމްބާޑީ ސަރަހައްދުގެ ސިއްހީ އިދާރާތަކުން އެލާޓަށް އަތުވެއްޖެއެވެ. މި ދެ މީހުންނަކީ ޔުގެންޑާގައި މަސައްކަތް ކުރުމަށްފަހު އެނބުރި އައި ފިރިހެނަކާއި އަންހެނެކެވެ.

ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުންގެ ކިބައިން ފެންނަމުންދަނީ ގަދައަށް ހުންއައުމާއި، މޭނުބައިކުރުމާއި، ހޮޑުލުމުގެ އިތުރުން ބަނޑުގެ މައްސަލަތަކެވެ. މިއީ އިބޯލާ ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކަކަށް ވާތީ، މިހާރު އެ ދެ މީހުން ވަނީ މިލާންގެ ސާކޯ ހޮސްޕިޓަލުގެ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކަށް ހާއްސަ ޔުނިޓުގައި އެޑްމިޓްކޮށްފައެވެ.

ރީޖަނަލް ވެލްފެއާ މިނިސްޓަރު ގުއިޑޯ ބާޓޮލާސޯ ވިދާޅުވީ، މިހާތަނަށް އެ ދެ މީހުންނަށް އިބޯލާ ޖެހިފައިވާކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި، ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިޓަލީގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމުގެ ތެރޭގައި މި ބަލި ފެތުރުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ.

ކޮންގޯގައި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުން

މި ހާދިސާ މި ފެންމަތިވީ ކޮންގޯގައި އިބޯލާގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ 'ބަންޑިބުގްޔޯ' ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މި ވައްތަރަށް އަދި މިހާތަނަށް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. މިހާތަނަށް 900 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، 234 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ބަލީގައި މަރުވި މީހުން ވަޅުލުމުގެ މަސައްކަތުގައި އުޅުނު ރެޑް ކްރޮސްގެ ތިން ވޮލަންޓިއަރުންވެސް ހިމެނެއެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތް

އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިން މިހާރު ދަނީ މި ވައްތަރުގެ އިބޯލާއަށް ހާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންސާނުން ބޭނުންކޮށްގެން ކުރާ ޓެސްޓުތައް ފެށޭނީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައެވެ. އެހެންކަމުން ބަލި ފެތުރޭ ސަރަހައްދުތަކުގެ މީހުންނަށް މި ވެކްސިން ލިބޭވަރު ވާނީ މަދުވެގެން ހަ މަސް ފަހުން ކަމަށް ބެލެވެއެވެ.

ޔޫރަޕިއަން ކޮމިޝަނުން މިހާރު ވަނީ އެފްރިކާގެ ހާލަތާ ގުޅޭގޮތުން ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި ބަލި އެންމެ ބޮޑަށް ފެތުރޭ ކޮންގޯގެ ބޫނިއާ ސިޓީއަށް ކުރާ ހުރިހާ ފްލައިޓްތަކެއް މިހާރު ވަނީ މެދުކަނޑާލާފައެވެ.

ހިއްސާ ކުރައްވާ!