ޔޫރަޕްގެ މީހުން އިންސާނީ ހައްގު ބޮލާލައި ޖެހުން: ސަރަޔޭވޯގައި ހިންގި 'މީހުން ޝިކާރަކުރުމުގެ ފަތުރުވެރިކަން

ސަރަޔޭވޯގައި ހިންގި 'މީހުން ޝިކާރަކުރުމުގެ ފަތުރުވެރިކަން': އިޓަލީން ތަހުގީގު ކުރަން ފަށައިފިއެވެ. ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު ސަރަޔޭވޯ ހިސާރުކޮށްފައި އޮތް އިރު، ފައިސާ ދީގެން އާންމުން ގަޔަށް ބަޑިޖަހައި މެރުމުގެ 'ސަފާރީ' ޓޫރިޒަމް ވިޔަފާރީގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިޓަލީގެ ޕްރޮސެކިއުޓަރުން ހަތަރު މީހަކާ ސުވާލުކުރަން ފަށައިފިއެވެ. އިޓަލީގެ ލިޔުންތެރިއަކު ބޭޒާރުކުރި މި މައްސަލައާ ގުޅިގެން ޖަރުމަނާއި، އޮސްޓްރިއާ އަދި ސުވިޒަލޭންޑުން ވެސް އެ ގައުމުތަކުގެ ރައްޔިތުން މި ޖަރީމާގައި ބައިވެރިވިތޯ ބެލުމަށް ތަހުގީގުތައް ފެށުމަށް ވަނީ ގޮވާލާފައެވެ.

އިންސާނުން ޝިކާރަކުރުން: ވީޑިއޯ ގޭމެއް ފަދަ ކަމެއް

މި މައްސަލައިގައި އިޓަލީގެ ކުރީގެ ފަނޑިޔާރު ގުއިޑޯ ސަލްވީނީ ވިދާޅުވި ގޮތުގައި، މި ޖަރީމާގައި ބައިވެރިވި ގިނަ މީހުންނަކީ މުޖުތަމައުގެ މަތީ މަގާމުތަކުގައި ތިބި މުއްސަނދިންނެވެ.

"މީގެ ތެރެއިން ގިނަ މީހުންނަކީ ހަފުތާ ބަންދުގެ ބިރުވެރި ފިލްމެއް ފަދަ ދަތުރަކަށް ފަހު އެނބުރި އާއިލާ ކައިރިއަށް ގޮސް އާދައިގެ ދިރިއުޅުމެއް އުޅޭ މީހުން،" ސަލްވީނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މީހުންނަކީ ވީޑިއޯ ގޭމެއް ކުޅޭ ފަދައިން ފައިސާ ދައްކައިގެން މުސްލިމުންގެ ގަޔަށް ބަޑިޖަހައި މަރަން ދިޔަ ބޮސްނިއާއަށް ބައެކެވެ.

މުސްލިމުންނަށް އޮތް ނަފުރަތު

1992 އާއި 1996 އާ ދެމެދު ކުރިއަށްދިޔަ މި 'މީހުން މެރުމުގެ ފަތުރުވެރިކަން' އިންތިޒާމުކޮށްފައިވަނީ ބޮސްނިއާގެ ސޮލީބީ ސާބް ސިފައިންގެ އެހީތެރިކަމާއެކުގައެވެ. މި މައްސަލައިގައި ހިމެނޭ އެކަކު އިއުތިރާފުވެފައިވާ ގޮތުގައި އޭނާ މީހުން މެރީ "މުސްލިމުންދެކެ އަންނަ ނަފުރަތެއްގެ ސަބަބުން" ނެވެ. ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މިލާނުގެ ކާރުޚާނާއެއްގެ ވެރިއަކާއި، ލޮރީ ދުއްވާ މީހެއްގެ އިތުރުން މުއްސަނދި އާއިލާތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

ބައިނަލްއަގުވާމީ ޖާސޫސީ އިދާރާތަކުގެ ދައުރު

މި ބިރުވެރި ޖަރީމާގެ މައުލޫމާތު އެމެރިކާއާއި އިޓަލީއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކަށް އެނގޭ ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ. އިޓަލީގެ ކުރީގެ ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި މިކަމުގެ މައުލޫމާތު އޭރު ރޯމަށް ވަނީ ފޮނުވާފައެވެ.

މިހާރު މި މައްސަލައިގައި އޮސްޓްރިއާގެޕްރޮސެކިއުޓަރުން ވަނީ 60 އަހަރުގެ މީހެއްގެ މައްޗަށް ތަހުގީގު ފަށާފައެވެ. އަދި ޖަރުމަނުގެ ގްރީން ޕާޓީން ދަނީ އެ ގައުމުގެ ސަރުކާރުން މިކަމާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ބާރުއަޅަމުންނެވެ. ސަރަޔޭވޯ ހިސާރުކޮށްފައި އޮތް 1،425 ދުވަހުގެ ތެރޭގައި 11،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންނަކީ މިފަދަ 'ޝިކާރަވެރިންގެ' ޝިކާރައަކަށްވި މީހުންނެވެ.

ހިއްސާ ކުރައްވާ!