ކެނެޑާއިން ވަކިވުމަކީ ނުރައްކާތެރި ކަމެއް، އެއީ ބްރެކްސިޓް ފަދަ ލަދުވެތި ނިންމުމަކަށް ވެދާނެ: މާކް ކާނީ

ކެނެޑާގެ އަލްބާޓާ ޕްރޮވިންސް އެ ގައުމުން ވަކިވެ މިނިވަން ދައުލަތަކަށް ވުމަށް ކުރަމުންދާ މަސައްކަތަކީ "ނުރައްކާތެރި މަކަރެއް" ކަމަށާއި، އެކަމުގެ ސަބަބުން އެކަމަށް ތާއީދުކުރާ ފަރާތްތަކުން ފަހުން ހިތާމަކުރަން ޖެހިދާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އިންޒާރު ދެއްވައިފިއެވެ. ބޮޑުވަޒީރު މިކަން މިސާލު ކުރެއްވީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް ނިންމި ނިންމުމާއެވެ.

ބޭންކް އޮފް އިންގްލެންޑްގެ ގަވަރުނަރުކަން ކުރިން ކުރެއްވި ކާނީ ވިދާޅުވީ، 2016 ވަނަ އަހަރު ބްރެކްސިޓަށް ތާއީދުކުރި ގިނަ ބަޔަކު މިއަދު އެ ނިންމުމާ މެދު ހިތާމަކުރަމުންދާ މަންޒަރު އޭނާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި އަލްބާޓާ ވަކިވުމުގެ ވޯޓަކަށް ދިއުމަކީ ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލްބާޓާގެ ޕްރިމިއާ ޑެނިއަލް ސުމިތު ވަނީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، މިނިވަންކަމާ ގުޅޭ އިސްތިރާޝީ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާކަން އިއުލާން ކުރައްވާފައެވެ. ސުމިތު ވިދާޅުވާ ގޮތުގައި މިއީ އެ ސަރަހައްދުގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަށް ކުރެވޭ ކަމެކެވެ. ނަމަވެސް، މިހާރުގެ ސާވޭތަކުން ދައްކާ ގޮތުގައި ވަކިވުމަށް ތާއީދުކުރަނީ އެ ސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުންނެވެ.

މި މައްސަލައިގައި ބޮޑުވަޒީރު ކާނީ ވިދާޅުވީ ކެނެޑާގެ އެއްބައިވަންތަކަމަކީ ހަމައެކަނި އިގްތިސާދީ ފައިދާއެއް ނޫން ކަމަށާއި، އެއީ އިޖުތިމާއީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ގައުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ. "ކެނެޑާގެ ބައެއްގެ ގޮތުގައި އޮތުމުން ބިލިއަނަކަށް ވުރެ ގިނަ މީހުންގެ ބޮޑު މާކެޓަކަށް ފުރުސަތު ލިބިގެންދޭ،" ކާނީ ވިދާޅުވިއެވެ.

ކެނެޑާގެ އެތެރޭގެ މި ހަމަނުޖެހުންތައް ކުރިމަތިވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ހެދުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ބޮޑުވަޒީރު ކާނީ ވަނީ ކެނެޑާއަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށް ބުނެ ޓްރަމްޕަށް ރައްދު ދެއްވާފައެވެ.

ކެނެޑާގެ އިދިކޮޅު ލީޑަރު ޕިއޭ ފޮއިލިއެވްރޭ ވެސް ވަނީ އަލްބާޓާ ވަކިވުމާ ދެކޮޅަށް ކެމްޕޭން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮންޒަވޭޓިވް ޕާޓީގެ ހުރިހާ މެންބަރުންވެސް ތިއްބަވާނީ ގައުމު ބައިބައިވުމާ ދެކޮޅަށެވެ. މި މައްސަލަ ކުރިއަށް އޮތް ހަފުތާތަކުގައި ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ބަހުސަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!