މި މިސްކިތުގައި އަހަރަކު ކުރާނީ އެންމެ ނަމާދެއް!

ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާ އެންމެ މުހިންމު އެއް ބިނާއަކީ ޢަރަފާތް ބިމުގައި ހުންނަ މަސްޖިދުއް ނަމިރާއެވެ. ކޮންމެ އަހަރެއްގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖަށް ގޮސް ތިބި މިލިއަނުން މީހުންގެ ނަޒަރު ހުއްޓެނީ މި މިސްކިތަށެވެ. އެއީ ޢަރަފާތް ދުވަހުގެ ޚުޠުބާ އަޑުއެހުމަށާއި، މުސްލިމުންގެ އިމާމާއެކު މުހިންމު ދެ ނަމާދު ކުރުމަށެވެ.

މި މިސްކިތް ހުންނަނީ ޖަބަލުއް ރަޙުމާގެ ހުޅަނގު ފަރާތުގައި، ނަމިރާ ކިޔާ ސަރަޙައްދުގައެވެ. މި ތަނަކީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަލޭގެފާނުގެ ވަދާޢީ ޙައްޖުގައި ޚުޠުބާ ދެއްވި ތާރީޚީ މުޤައްދަސް ބިނާއެކެވެ. މަސްޖިދުއް ނަމިރާގެ އެންމެ ޚާއްޞަ ސިފައަކީ، މުޅި އަހަރު ދުވަހުވެސް މި މިސްކިތުގައި ޖަމާޢަތުގައި ކުރެވެނީ އެންމެ ނަމާދެއް ކަމަށް ވުމެވެ. އެއީ ޢަރަފާތް ދުވަހުގެ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ގަޞްރުކޮށް ކުރުމެވެ.

މިއަހަރުގެ ޢަރަފާތް ދުވަހުގެ ޚުޠުބާ ދެއްވީ އައްޝައިޚް ޢަލީ އަލްޙުޛައިފީއެވެ. އެ ޚުޠުބާގައި ތަޤުވާވެރިވުމަށާއި، އާޚިރަތް ދުވަހަށް ތައްޔާރުވުމަށް ގޮވާލެއްވިއެވެ. އަދި ޙައްޖަކީ އެއްވެސް ސިޔާސީ ޝިޢާރެއް ނުވަތަ ޕާޓީއެއްގެ ގޮވާލުމެއް އޮތް ތަނެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ﷲ އަށް ކިޔަމަންތެރިވުމާއި ރަސޫލާއަށް ތަބާވުމުގެ އަޅުކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޙައްޖުވެރިންނަށް ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު އަޅުކަން ފުރިހަމަކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މަސްޖިދުއް ނަމިރާއަކީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މި މިސްކިތުގެ ބޮޑުމިނުގައި 110،000 އަކަމީޓަރު ހުރެއެވެ. އިރުމަތިން ހުޅަނގަށް 340 މީޓަރު އަދި އުތުރުން ދެކުނަށް 240 މީޓަރު ހުންނަ މި މިސްކިތުގައި 6 މުންނާރާއި 10 މައި ދޮރުގެ އިތުރުން 64 ކުދި ދޮރު ހުރެއެވެ. މިއީ އެއްފަހަރާ އެތައް ލައްކަ ޙައްޖުވެރިންނަށް އަޅުކަން ކުރެވޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ.

ސައުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ކޮންމެ އަހަރަކުވެސް މި މިސްކިތް ތައްޔާރުކުރުމަށް ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން އެންމެ ޒަމާނީ އޭސީ ނިޒާމާއި، އަޑުގަދަކުރާ ނިޒާމުތަކުގެ އިތުރުން، ޚުޠުބާ ދުނިޔޭގެ އެކި ބަސްބަހުން ވަގުތުން ތަރުޖަމާކޮށް ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިއީ ޙައްޖުވެރިންނަށް އަމާންކަމާއި ފަސޭހަކަމާއެކު އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހިއްސާ ކުރައްވާ!