ނަފްސާނީ ހަމަޖެހުމާއި ވަސްވާސްތަކުން ސަލާމަތްވުމުގައި ހިތުގެ ދައުރު މުހިންމު

އިންސާނާގެ ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ހިތުގެ މައްޗަށް ބުއްދިއާއި ނަފްސު އިސްކުރު މުގެ މައްޗަށް ކަމަށް މުސްލިމު ނަފްސާނީ އިލްމުވެރިޔާ ޑރ. މަރުވާ އައްޞާރު ވިދާޅުވެއެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި ގިނަ ނަފްސާނީ މައްސަލަތަކާއި ފިކުރުތައް ކުރިމަތިވަނީ ބުއްދިއާއި ނަފްސު އިސްކޮށް، އެކަމަށް ބާރުދީ އެކަމުގެ ފަހަތުން މާބޮޑަށް ދިއުމުގެ ސަބަބުންނެވެ.

ވަސްވާހަކީ އިންސާނީ ތަޖުރިބާއެއް

ޝައިޠާނާގެ ވަސްވާސް ނުވަތަ 'ވަސްވަސާ' އަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެ އާންމު ކަމެއްކަން ފާހަގަކުރައްވަމުން ޑރ. މަރުވާ ވިދާޅުވަނީ، ސިކުނޑިއަށް އަންނަ ކޮންމެ ފިކުރަކީ އެއީ މީހާގެ އަމިއްލަ ފިކުރެއް ނޫން ކަމަށެވެ.

ފިކުރުތަކަކީ ނަފްސުގެ ފަރާތުން، ނުވަތަ ޝައިތާނާގެ ފަރާތުން އަންނަ ވަސްވާސަކަށް ވެދާނެއެވެ. ނުވަތަ މާތްﷲގެ ފަރާތުން އަންނަ އިލްހާމަކަށްވެސް ވެދާނެއެވެ.

މީގެ ތެރޭގައި އިންސާނާގެ އީމާންތެރިކަމާއި އަގީދާއަށް އަމާޒުކޮށް އަންނަ ބިރުވެރި އަދި ނުބައި ފިކުރުތައް ހިމެނެއެވެ.

މިފަދަ ފިކުރުތަކާ ބެހޭގޮތުން ސަހާބީން ރަސޫލާ ﷺ އަށް ދެންނެވި ހަދީޘެއްގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޑރ. މަރުވާ ވިދާޅުވަނީ، އެފަދަ ފިކުރުތައް އައުމަކީ އީމާންތެރިކަމުގެ ހެއްކެއް ކަމަށެވެ. އެއީ އެމީހާއަކީ ނުބައި މީހެއްކަމުގެ ހެއްކެއް ނޫނެވެ. ޝައިތާނާ އަބަދުވެސް ހުރަސްއަޅާނީ ސީދާ މަގުގައި (ޞިރާޠުލް މުސްތަޤީމުގައި) ތިބޭ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: جَاءَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَسَأَلُوه:  إِنَّا نَجِدُ فِي أَنْفُسِنَا مَا يَتَعَاظَمُ أَحَدُنَا أَنْ يَتَكَلَّمَ بِهِ، قَالَ:  وَقَدْ وَجَدْتُمُوهُ؟" قَالُوا: نَعَمْ، قَال ذَاكَ صَرِيحُ الْإِيمَانِ (رواه مسلم)
أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބަޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ދެންނެވިއެވެ: "އަޅުގަނޑުމެންގެ ހިތްތަކަށް، އެވާހަކައެއް ދައްކަންވެސް އަޅުގަނޑުމެން ބިރުގަންނަ ފަދަ (ބޮޑެތި) ކަންތައްތައް ވަދެއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންނަށް އެކަން އިޙްސާސް ކުރެވިއްޖެ ހެއްޔެވެ؟" އެބޭކަލުން ދެންނެވިއެވެ: "އާދޭހެވެ!" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެއީ އީމާންކަމުގެ ސާފު ހެކިލިބުމެވެ." (ރިވާކުރެއްވީ މުސްލިމް)

ވަސްވާސްތަކުން ސަލާމަތްވުމަށް ދީފައިވާ އިރުޝާދުތައް

ވަސްވާސްތަކުން ސަލާމަތްވުމަށް ޑރ. މަރުވާ 3 މުހިންމު ނުކުތާއެއް ފާހަގަކުރައްވައެވެ.

  1. ފުރަތަމަ ކަމަކީބުއްދިއަށް މާބޮޑު ބާރެއް ނުދިނުމެވެ.  ނަމާދުގައި ސަޖިދަ ކުރާއިރު ނިއްކުރި ބިމުގައި ޖެއްސުމުން، ރަމްޒީގޮތުންނާއި މާއްދީގޮތުންވެސް ހިތަކީ ބުއްދިއަށްވުރެ މަތިވެރި ގުނަވަނެއްކަން ފާހަގަ ވެއެވެ.
    މީގެ މާނައަކީ ހިތުގެ އިދުރާކާއި މާތްﷲ އާ އޮންނަ ގުޅުން ބުއްދީގެ ފިކުރުތަކަށްވުރެ އިސްކުރުމެވެ.
  2. ދެވަނަ ކަމަކީމާތްﷲގެ ވަޢުދުފުޅުތަކުގައި ސާބިތުވެ ހުރުމެވެ. ޝައިތާނާ އަބަދުވެސް ބިރުގަންނަވާނީ ފަގީރުކަމާއި ގެއްލުންތަކުންނެވެ. ނަމަވެސް މާތްﷲ ވަޢުދުކުރައްވަނީ ފުއްސެވުމާއި ދީލަތިވަންތަކަމަށެވެ.

﴿الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ ۖ وَاللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللَّهُ وَاسِعٌ عَلِيمٌ﴾ [البقرة: 268].
ފަޤީރު ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. ﷲ، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވަނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލުވަންތަ ކަމަށެވެ. ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

  1. ތިންވަނަ ކަމަކީވަސްވާހަކީ އިމްތިހާނެއްގެ ގޮތުގައި ގަބޫލުކުރުމެވެ.  މިއީ އިންސާނާ މަރުވަންދެން ކުރިމަތިވާނެ ހަނގުރާމައެކެވެ.

﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ﴾ [الأعراف: 16]
އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާޞިލު ވުމަށް ހުރަސް އަޅާހުށީމެވެ.

އިމާމް އަހުމަދު ބިން ހަންބަލްގެ މަރުގެ ސަކަރާތުގެ ވަގުތުގައި ހިނގި ހާދިސާއަކުން މަރުވާ މިސާލު ދައްކަވަމުން ވިދާޅުވީ:

ޝައިތާނާ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އިންސާނާ މަގުފުރެއްދުމަށް މަސައްކަތް ކުރާނެއެވެ. އެހެންކަމުން، ވަސްވާސްތައް އައުމަކީ ނާކާމިޔާބީއެއް ނޫން ކަމަށާއި، އެއީ އިންސާނާ މަތިވެރި މަގަކުން ދަތުރުކުރަމުންދާ ކަމުގެ ނިޝާނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޤުދުސިއްޔަ ޙަދީސެއްގައި އައިސްފައި ވެއެވެ:

أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لَا عَيْنٌ رَأَتْ، وَلَا أُذُنٌ سَمِعَتْ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ (متفق عليه).
"ތިމަންރަސްކަލާނގެ ޞާލިޙު އަޅުންނަށްޓަކައި، އެއްވެސް ލޮލަކަށް ފެނިފައިނުވާ، އެއްވެސް ކަންފަތަކަށް އިވިފައިނުވާ، އަދި އެއްވެސް އިންސާނެއްގެ ހިތަށްވެސް އަރާފައިނުވާ ފަދަ ނިޢުމަތްތައް ތައްޔާރުކުރެއްވީމެވެ." (މުއްތަފަޤުން ޢަލައިހި)

ހިއްސާ ކުރައްވާ!