އިސްލާމްދީނަކީ އަމާންކަމުގެ ދީންކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ޑރ. ރަޖަތު މަލްހޯތުރާ ގޮވާލައްވައިފި

އިންޑިއާގެ ނިއުދިއްލީގައި ހުންނަ މައުލާނާ ވަޙީދުއްދީން ޚާންގެ ސެންޓަރ ފޯ ޕީސް އެންޑް ސްޕިރިޗުއަލިޓީ (ސީ.ޕީ.އެސް) އިންޓަރނޭޝަނަލް އިން އިންތިޒާމުކޮށްގެން ބޭއްވި "ރިފްލެކްޝަންސް އޮން އިސްލާމް" ލެކްޗަރުގައި ވާހަކަދައްކަވަމުން، މަޝްހޫރު އިލްމުވެރިޔާ ޑރ. ރަޖަތު މަލްހޯތުރާ ވަނީ އިސްލާމްދީނުގެ ހަގީގީ ސޫރަ ދުނިޔެއަށް ހާމަކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ލެކްޗަރަކީ އަމާންކަމަކީ އެންމެ މަތިވެރި މަގްސަދު ކަމަށް ގަބޫލުކުރެއްވި މައުލާނާ ވަހީދުއްދީން ޚާންގެ ތައުލީމުތަކުގެ މައްޗަށް ބިނާކޮށް ބޭއްވުނު ސެޝަނެކެވެ.

ޑރ. ރަޖަތު މަލްހޯތުރާގެ ދެމަފިރިންނަކީީ މައުލާނާ ވަހީދުއްދީންގެ ދަރިވަރެކެވެ. އަދި އޭނާ ވަނީ އިސްލާމީ ދައުވާގެ މަސައްކަތުގައި މައުލާނާގެ އަހިރިހު ގިނަ ދަތުރުތަކެއްގައި ބައިވެރިވެފައެވެ.

އިސްލާމްދީނާ މެދު އޮތް ނުބައި ތަސައްވުރު ބަދަލުކުރުން

ޑރ. މަލްހޯތުރާ ފާހަގަކުރެއްވި ގޮތުގައި މިއަދު ދުނިޔޭގައި އިސްލާމްދީނާ މެދު ދައްކާފައިވާ ނޭދެވޭ ތަސައްވުރާއި ދީނުގެ ހަގީގީ އުސޫލުތަކާ ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ.
ގިނަ ބަޔަކު އިސްލާމްދީނަކީ ހަނގުރާމައާއި ސިޔާސީ ބާރުވެރިކަން ހޯދުމަށް މަސައްކަތްކުރާ ދީނެއްގެ ގޮތުގައި ދުނިޔެއަށް އުިޝްތިހާރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވަނީ މުހައްމަދު ﷺ ފޮނުއްވުނީ މުޅި އިންސާނިއްޔަތަށް ރަހުމަތެއްގެ ގޮތުގައި ކަމަށެވެ. މި ފަރަގު ނައްތާލުމަށްޓަކައި، ޒަމާނީ ބުއްދި ގަބޫލުކުރާ ފަދަ އޮނިގަނޑެއްގެ ތެރެއިން ދީނުގެ މެސެޖު ފޯރުކޮށްދިނުމާއި، މުސްލިމުންގެ އަޚުލާގާއި ސުލޫކުން ދީނުގެ ރީތިކަން ދެއްކުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ދީނީ މުއާމަލާތްތަކާއި އިންސާނީ ގުޅުން

އިސްލާމްދީނުގައި ދުޝްމަނުންނާ މެދު ކަންތައް ކުރާ ގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. މަލްހޯތުރާ ވިދާޅުވީ، އިސްލާމްދީނުގައި މީހުން ބަހާލަނީ "ދުޝްމަނުންނާއި ރަހުމަތްތެރިން" ގެ ގޮތުގައި ނޫން ކަމަށާއި، އިސްލާމީ ގިންތި ކުރުމުގައި އޮންނަނީ "ރަހުމަތްތެރިންނާއި ރަހުމަތްތެރިންނަށް ވުމުގެ ފުރުސަތު އޮތް މީހުން" ގެ ދެ ގިންތި ކަމަށެވެ.

ނޭދެވޭ ކަންކަމަށް ބަދަލު ހިފުން ހެޔޮކޮށް ހިތުމަށް ގުރުއާނުގައި އަންގަވާފައިވާ އުސޫލަކީ، ދުޝްމަނުން ގާތް ރަހުމަތްތެރިންނަށް ބަދަލުކޮށްލާނެ ހަމައެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި "އައްސަލާމް އަލައިކުމް" ގެ މާނައަކީ އަނެކާއަށް ތިމާގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ވައުދަކާއި އިއުލާނެއް ކަމަށްވެސް ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުން

އިސްލާމީ ދައުވަތު ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ގެ ބޭނުން ހިފުމަށް ޑރ. މަލްހޯތުރާ ބާރުއެޅުއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އިސްލާމީ އިންގިލާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ވިސްނުމާއި ނަފްސަށް އަންނަ ބަދަލެކެވެ. މިއަދުގެ ދުނިޔޭގައި ފެންނަ ބޯޑަރުތަކެއް ނެތް އިރު، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި މުޅި ދުނިޔެއަށް އިސްލާމް ދީނުގެ ސުލްހަވެރި މެސެޖު ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

އަބޫބަކުރުގެފާނުގެ ރޫހު އާލާކުރުން

ލެކްޗަރު ނިންމަވާލައްވަމުން ޑރ. މަލްހޯތުރާ ވަނީ އަބޫބަކުރުގެފާނު ދީނުގެ ހިމާޔަތުގައި ގެންގުޅުއްވި ވަރުގަދަ އަޒުމާއި ރޫހު މިއަދު އާލާކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިއަދު އެކަން ކުރަންޖެހެނީ ކަނޑިއާއި ހަނގުރާމައިން ނޫން ކަމަށާއި، އޭގެ ބަދަލުގައި ހިތްތަކާއި ސިކުނޑިތައް ފަތަހަ ކުރަންޖެހެނީ ރީތި އަޚުލާގާއި، ލޯތްބާއި، އަދި ސުލްހަވެރި މަޝްވަރާގެ މަތިވެރި އުސޫލުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މުސްލިމުންނަކީ އަބަދުވެސް އަމާންކަމުގެ މަސްދަރަކަށް ވާންޖެހޭނެ" ކަމަށް ވިދާޅުވަމުން އޭނާގެ ވާހަކަ ނިންމަވާލެއްވިއެވެ.

ހިއްސާ ކުރައްވާ!