އިންސާނުންގެ ހިތްތަކަށް އަސަރުކުރަނިވި އާޔަތެއްގައި، މާތް الله ވަޙީކުރައްވާފައިވެއެވެ:
لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ ﴿25﴾
(އެއީ) ޤިޔާމަތް ދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ! (އައްނަޙުލު)
އަދި އެކަލާނގެ އެހެން ތަނެއްގައި ވަޙީކުރައްވާފައިވެއެވެ:
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ ﴿13﴾
އަދި ހަމަކަށަވަރުން، އެއުރެންގެ އަމިއްލަ ނަފްސުގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެއުރެން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެއުރެން އުފުލާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެން ހަދައި އުޅުނު ދޮގުތަކާމެދު ޤިޔާމަތް ދުވަހުން އެއުރެންނާ ސުއާލު ކުރައްވާހުށްޓެވެ. (އަލްޢަންކަބޫތު)
މި އާޔަތްތަކުން ބިރުވެރި ޙަޤީޤަތެއް ހާމަކޮށްދެއެވެ. އެއީ އިންސާނާގެ ފުށުން އެހެން މީހުންނަށް ކުރާ އަސަރެއް، އެއީ ހެޔޮ ކަމެއް ކަމުގައި ވިޔަސް ނުވަތަ ނުބައި ކަމެއް ކަމުގައި ވިޔަސް، ގިޔާމަތް ދުވަހު އޭނާގެ ފަތުގައި އެކަން ލިޔެވިފައިވާތީ އޭނާއަށް ފެންނާނެ ކަމެވެ.
ނިކަން ޚިޔާލަށް ގެނަސް ބަލާށެވެ!
ތިބާ ބުނި ބަހަކުން ނުވަތަ ފެތުރި ޚިޔާލަކުން ނުވަތަ މީސްމީޑިއާގައި ޕޯސްޓު ކުރި ވާހަކައަކުން ކޮމެންޓަކުން، މީހަކަށް އަސަރުކޮށް، އެވާހައަށް ބަލައިގެން އެކަން ފަތުރައި ނުވަތަ އެއަށް އޭނާ ޢަމަލުކޮށްފިނަމަ… އެކަން ޤިޔާމަތް ދުވަހުން ތިބާގެ ފޮތުން ފެންނާނެއެވެ. އެއީ ތިބާގެ ދަރަޖަ އުފުލައިދޭ ހެޔޮ ކަމެއް ކަމުގައި ވެދާނެއެވެ، ނުވަތަ ތިބާގެ ބުރަކަށި ބަރުކޮށްލާ ނުބައި ކަމެއް ކަމުގައި ވެސް ވެދާނެއެވެ!
އަދި ޚިޔާލަށް ގެނަސް ބަލާށެވެ!
ތިބާ ބުނެފައިވާ އެވާހަކަ މީހަކު ނުވަތަ ބަޔަކު މީހުން އަލުން އެކަން މީހުންގެ މެދުގައި ފަތުރައި، އޭގެ ސަބަބުން އެހެން ބަޔަކަށް އަސަރުކޮށް، … އެއަށްފަހު ދެން އެހެން ބަޔަކަށް އަސަރުކޮށް ….. މިގޮތަށް ތިބާއަށް ނުފެންނަ ވަރުގެ އަދި ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ދިގު ސިލްސިލާއެއް ކުރިއަށް ގޮސްފިނަމަ، އެ ހުރިހާ ކަމެއް މާތް اللهގެ ހަޟްރަތުގައި ތިބާއާ ދެކޮޅަށް ނުވަތަ ތިބާއަށް ހެޔޮކަމެއްގެ ގޮތުގައި ލިޔެވެމުންދާނެއެވެ.
އިންސާނާ ގިޔާމަތް ދުވަހު އޭނާގެ ފަތުގެ ކުރިމަތީގައި ހުއްޓޭހިނދު، އޭނާ އަމިއްލައަށް ކުރި ފާފަތަކާ މެދު ހައިރާން ނުވެދާނެއެވެ. އެހެނީ އެއީ އޭނާ ކުރި ކަންތައްތައްކަން އޭނާއަށް އެނގިފައި އޮތީމައެވެ.
ނަމަވެސް އޭނާއަށް ލިބޭ އެންމެ ބޮޑު ސިހުމަކަށް ވާނީ، އޭނާ ދުވަހަކުވެސް ނުކުރާ ފާފަތަކެއް އޭނާގެ ފަތުގައި ލިޔެވިފައި ހުއްޓާ ފެނުމުންނެވެ.
އެ ފާފަތައް އޭނާގެ ފަތުގައި ލިޔެވުނީ، އޭނާއަކީ އެކަމުގެ ސަބަބުކަމުގައި ވީތީއެވެ. ނުވަތަ އެކަން ފެތުރިގެން ދިއުމަށް އޭނާ މެދުވެރިއަކަށް ވުމުންނެވެ. އޭނާގެ ސޯޝަލް މީޑިއާ ހެންޑްލްއިން އެކަން ފަތުރާފައި ވުމުންނެވެ.
ޤިޔާމަތް ދުވަހުން މީހާގެ ފަތްތައް އޭނާގެ ކުރިމަތީހައި ހާމަވާއިރު ދިހަވަރަކަށް، ސަތޭކަވަރަކަށް، ނުވަތަ މިލިއަނުން މީހުންގެ ފާފަތައް އޭގައި ހުރެދާނެއެވެ… އެ އެންމެންގެ ފާފަތަކުން ބައެއް އޭނާ އުފުލަން ޖެހުނީ، ނޭދެވޭ ބަހެއް، ނުވަތަ ގަޒުފުގެ ބަހެއް، ނުވަތަ ހަދައިގެން ދައްކާފައިވާ ވާހަކައެއް، ނުވަތަ ތެދުދޮގު ބެލުމެއް ނެތި ކުރި ފުރައްސާރައެއް ފެތުރުމުގެ ސަބަބުން، އެކަން މީސްތަކުންގެ ތެރޭގައި އެކަން ފެތުރިގެން ދިޔުމަށް އޭނާ މެދުވެރިވުމުންނެވެ.
ލަވަޔަކާއި، ފާސިދު ވީޑިއޯއެއް ނުވަތަ ޝަހުވަތްތެރިކަން އުފައްދާ މަންޒަރެއް ފަތުރާ ހިނދު، އެއްޗެއްގެ އަޑުއެހި، ނުވަތަ ބަލައި، ނުވަތަ އެއަށް ތަބާވި، ނުވަތަ އެކަމުގެ ސަބަބުން ޝަހުވަތްތެރިކަން އުފެދި ޙަރާމް ކަމަކަށް އަރައިގަތް ކޮންމެ މީހެއްގެ ފާފަ ތިބާގެ ފަތުގައި ނުލިޔެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އެބައޮތް ހެއްޔެވެ؟
އަދި ދީނަށް އުޅޭ މީހަކަށް މަލާމާތްކޮށް، ނުވަތަ ހެޔިކަމެއް ކުރި މީހަކަށް އެހެން މީހުންގެ ކުރިމަތީގައި ފުރައްސާރަކުރާއިރު، ތިބާ އެ ފާޅުކުރަނީ ހަމައެކަނި ތިބާގެ ޚިޔާލެއް ނޫނެވެ. އޭގެ ބަދަލުގައި ތިބާ އެ ބަލިކޮށްލަނީ މީހުންގެ އަޒުމްތަކެވެ. ހިތްތަކަށް ނުތަނަވަސްކަން ވައްދައި، މީސްތަކުން اللهގެ މަގުން ދުރުކުރަނީއެވެ. ތިބާގެ މަލާމާތުގެ ސަބަބުން އަސަރުކުރި ކޮންމެ މީހެއްގެ ފާފަ ވަނީ ތިބާގެ ފަތުގައި ލިޔެވިފައެވެ.
އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ފިތުނައަކީ، އަނިޔާވެރިންނަށް ވާގިވެރިވެ މީހުން މަގުފުރެއްދުމެވެ. އެއީ ބާޠިލު ކަންތައްތައް ޒީނަތްތެރިކޮށް، ފާސިދު ކަންތައްތަކަކީ ހެޔޮ ކަންތައްތަކެއްގެ ގޮތުގައި ދައްކައިގެންނެވެ. އެހިނދު އެމީހުންގެ އަމިއްލަ ފާފަތަކާއި އެމީހުން މަގުފުރެއްދި އެންމެންގެ ފާފަތައް އުފުލަން ޖެހޭނެއެވެ.
އިންސާނާ އަމިއްލައަށް އިށީނދެ އިނދެ އޭނާގެ ފާފަތައް މަތިން ހަނދާންކޮށްފިނަމަ، އޭނާގެ އާޚިރަތުގެ ބާއްޖަވެރިކަން ނަގައިލުމަށް އެފަދަ ފާފަތައް އެކަނިވެސް ފުދޭކަން އިޙްސާސްވާނެއެވެ. އެހެންވީއިރު، އޭނާ ނުދަންނަ، ދުވަހަކުވެސް ނުދެކޭ، އަދި ދެރައެއް ދޭން ގަސްދުވެސް ނުކުރާ ބައެއްގެ ފާފަތައް އޭނާގެ ފާފަތަކާ އެކުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ޙަޤީޤީ ގެއްލުމަކީ، ގިޔާމަތް ދުވަހު މީހަކު އަމިއްލައަށް ކުރި ފާފައެއް ނޫން ގޮތަކަށް، އެހެން މީހަކު ކުރި ފާފައެއްގެ ސަބަބުން އަޒާބު ލިބޭތަން ފެނުމެވެ. އެއީ އެ ފާފަ ފެތުރުމުގެ ސަބަބަކަށް އޭނާ ވީތީއެވެ. ވިސްނުމެއް ނެތި ބުނެލި ބަހެއް، ނުވަތަ ފަރުވާކުޑަކަމާއެކު ކުރި ޝެއަރ ކުރި ޕޯސްޓެއް ނުވަތަ ޣާފިލުކަމާއެކު ކުރި ލައިކެއް، މި ހުރިހާ ކަމަކީ އޭގެ ވެރިމީހާ ނަރަކައަށް ވައްޓާލާފަދަ ބަރު ބުރަތަކަކަށް ވެދާނެ ކަންތައްތަކެވެ.
މިކަން މިހާ ނުރައްކާތެރިކޮށް އޮތްއިރު، އަހަރެމެން މިކަމާ މެދު ޣާފިލުވީ ކީއްވެ ހެއްޔެވެ؟
ތިބާގެ ތިލަފަތުގައި ވަނީ ހަމައެކަނި ތިބާގެ ފާފަތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެހެން މީހުންގެ ދިރިއުޅުމަށް ތިބާ ދޫކުރި ކޮންމެ އަސަރެއްވެސް އޭގައި ހިމެނޭނެއެވެ.
މާތް الله ވަޙީކުރައްވާފައިވެއެވެ:
إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ ﴿12﴾
ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ ޢަމަލުތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ އަޘަރުތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ. (ޔާސީން)
އެހެންކަމުން… އެއްޗެއް ޝެއަރ ކުރުމުގެ ކުރިން، ނުވަތަ ކޮމެންޓެއް ކުރުމުގެ ކުރިން، ނުވަތަ ބަހެއް އަލުން ފެތުރުމުގެ ކުރިން، މާތް اللهގެ މި ވަޙީބަސްފުޅު ހަނދާންކުރާށެވެ:
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ ﴿13﴾
އަދި ހަމަކަށަވަރުން، އެއުރެންގެ އަމިއްލަ ނަފްސުގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެއުރެން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެއުރެން އުފުލާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެން ހަދައި އުޅުނު ދޮގުތަކާމެދު ޤިޔާމަތް ދުވަހުން އެއުރެންނާ ސުއާލު ކުރައްވާހުށްޓެވެ. (އަލްޢަންކަބޫތު)







