ރޭގަނޑުގެ ހިމޭން އަނދިރިކަމުގައި، ދުނިޔޭގެ ގިނަ މީހުން ގަދަ ނިދީގައި ތިބޭ ވަގުތު، ލޮލުން ކަރުނައޮހޮރަމުން އަދި ހިތުގައި އުންމީދު އާކުރަމުން މާތް ﷲ ގެ ހަޟްރަތުގައި ކޮޅަށްތިބޭ މުއުމިނުން ވެއެވެ. މި މަތިވެރި އަޅުކަމަށް ކިޔަނީ ތަހައްޖުދު ނަމާދެވެ. މިއީ އެތައް ބައެއްގެ ދިރިއުޅުން ރޫޙާނީ ގޮތުންނާއި، ޖަޒުބާތީ ގޮތުން އަދި ޖިސްމާނީ ގޮތުންވެސް ބަދަލުކޮށްލާފައިވާ ސުންނަތް ނަމާދެކެވެ.
ތަހައްޖުދަކީ އާދައިގެ ނަމާދެއް ނޫނެވެ. އެއީ މާތް ﷲ އާ އެކު ކުރެވޭ ވަރަށް ޚާއްޞަ، ރޫޙާނީ މުވާޞަލާތެކެވެ. އެއީ މާޔޫސްފައިވާ ހިތްތަކަށް ޝިފާލިބި، ދުޢާތައް އިޖާބަވެ، ފާފަތައް ފުއްސަވައި އަދި ފުރާނައަށް ހަމަޖެހުން ލިބޭ ވަގުތެވެ.
މިއަދު ގިނަ މުސްލިމުންތަކެއް ދަނީ ތަހައްޖުދުގެ ސަބަބުން އެމީހުންގެ ޙަޔާތަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ވާހަކަ ޙިއްޞާކުރަމުންނެވެ. އެމީހުން ކިޔައިދޭ ގޮތުގައި:
- ހާސްކަމުގެ ބަދަލުގައި ހިތްހަމަޖެހުން ލިބުން
- އިޚްލާޞްތެރި ދުޢާއަށްފަހު ދަތިތަކަށް ލުއިކަން ލިބުން
- ހިތްތައް އަނބުރާ އިސްލާމްދީނުގެ ހިދާޔަތް ލިބުން
- ގޯސް އާދަތަކާ ދުރުވުން
- ހީނުކުރާ ފަދަ ގޮތްގޮތުން ރިޒުޤު ތަނަވަސްވުން
- ގުޅުންތައް ރަނގަޅުވުން
- ރޫޙާނީ ހުސްކަން ފިލައި، ﷲ އާ ކުއްތަންވުން
ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށްޓަކައި މުއުމިނަކަށް އަށަގެންނެވޭނެ އެންމެ ބާރުގަދަ އެއް ރޫޙާނީ އާދައަކީ ތަހައްޖުދު ނަމާދެވެ.
ތަހައްޖުދު ނަމާދަކީ ކޮބާ؟
ތަހައްޖުދަކީ ޢިޝާ ނަމާދަށްފަހު އަދި ފަތިސް ނަމާދުގެ ކުރިން، ޚާއްޞަކޮށް ރޭގަނޑުގެ އެއްބައިގައި ނިދުމަށްފަހު ތެދުވެ ކުރާ ސުންނަތް ނަމާދެކެވެ.
ރޭގަނޑު ތެދުވެ އަޅުކަންކުރާ މީހުންނަށް ތަޢުރީފުކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿17﴾
އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.
وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿18﴾
އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާ ކުރެތެވެ.
ތަހައްޖުދު ނަމާދަކީ އަބަދުވެސް ނަބީބޭކަލުން ޞާލިޙު އަޅުން އިޚްލާޞްތެރި މުއުމިނުން މާތް ﷲ ގެ ހަޟުރަތަށް ކުއްތަންވުން އެދޭ މީހުންގެ ނަމާދެވެ،.
ތަހައްޖުދު ނަމާދު އެހާ ބާރުގަދަވަނީ ކީއްވެ؟
ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަކީ އިސްލާމްދީނުގައި އެންމެ ބަރަކާތްތެރި އެއް ވަގުތެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
يَنزِلُ رَبُّنا تَبارَكَ وتَعالى كُلَّ لَيلةٍ إلى السَّماءِ الدُّنيا حينَ يَبقى ثُلُثُ اللَّيلِ الآخِرُ، يقولُ: مَن يَدعوني، فأستَجيبَ له؟ مَن يَسألُني فأُعطيَه؟ مَن يَستَغفِرُني فأغفِرَ له؟ (صحيح البخاري ومسلم)"ހަމަކަށަވަރުން އަހަރެމެންގެ ވެރިރަސްކަލާނގެ ކޮންމެ ރެޔަކު، ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެން، މިފަދައިން ވަޙީކުރައްވައެވެ: 'ތިމަންރަސްކަލާނގެއަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އެދުއާ އިޖާބަދެއްވާހުށީމެވެ. ތިމަންރަސްކަލާނގެ ކިބައިން ކަމަކަށް އެދެނީ ކާކުހެއްޔެވެ؟ ފަހެ ތިމަންރަސްކަލާނގެ އޭނާއަށް އެކަމެއް ދެއްވާހުށީމެވެ. ތިމަންރަސްކަލާނގެ ކިބައިން ފާފަފުއްސެވުމަށް އެދެނީ ކާކުހެއްޔެވެ؟ ފަހެ ތިމަންރަސްކަލާނގެ އޭނާއަށް ފާފަފުއްސަވައިދެއްވާހުށީމެވެ.'"
އުޑުތަކާއި ބިން އުފެއްދެވި ފަރާތުން ސީދާ އެކަލާނގެ އަޅުތަކުންނަށް މިފަދައިން ގޮވައިލައްވާ ވަގުތު ހިތަށް ގެންނަވާށެވެ!
ތަހައްޖުދު ނަމާދުގެ ޖަޒުބާތީ ބާރު
ގިނަ މުސްލިމުން ތަހައްޖުދު ސިފަކުރަނީ މިގޮތަށެވެ:
- ޑިޕްރެޝަނަށް އޮތް ޝިފާއެއް
- ސްޓްރެސްއިން ލިބޭ ލުޔެއް
- ރޫޙާނީ ފަރުވާއެއް
- ޖަޒުބާތީ ގޮތުން ސާފުވުމެއް
- އެތެރެހަށީގެ ހަމަޖެހުމުގެ މަސްދަރެއް
މި ހަލަބޮލި، ހެއްލުން ބޮޑު އަދި ސަމާލުކަން ގެއްލޭ ކަންކަމުން ފުރިފައިވާ ދުނިޔޭގައި، ތަހައްޖުދުން އުފައްދައިދެނީ މުއުމިނާއާއި މާތް ﷲ އާ ދެމެދުގައިވާ ހިމޭންކަމެކެވެ.
- ބަލަން ތިބޭނެ ބަޔަކު ނުތިބެއެވެ.
- ފިލްޓަރުތަކެއް ނުވެއެވެ.
- ކަންދެއްކުމެއް ނޯވެއެވެ.
- އޮންނަނީ ހަމައެކަނި އިޚްލާޞްތެރިކަމެވެ.
ތަހައްޖުދުން އައި ބަދަލު: ވާހަކަ 1
ހާސްކަމުން ހިތްހަމަޖެހުމަށް
އެންޒައިޓީއާއި ބޮޑެތި ސްޓްރެސްތަކާ ހަނގުރާމަކުރަމުންދާ ގިނަ މުއުމިނުންނަށް ތަހައްޖުދުގެ ޒަރީއާއިން ހަމަޖެހުން ލިބެއެވެ.
ޒުވާން މުސްލިމަކު ޙިއްޞާކުރި ގޮތުގައި، ހާސްކަމާއެކު ނުނިދިފައި ހޭދަކުރި ރޭތައް ފަހުން ބަދަލުވެގެން ދިޔައީ ނަމާދުގެ ރޭތަކަކަށެވެ. ސޯޝަލް މީޑިއާގައި ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، އޭނާ ފެށީ ތަހައްޖުދަށް ތެދުވެ އިޚްލާޞްތެރި ކަމާއެކު ދުޢާ ކުރުމަށެވެ.
އޭގެ ނަތީޖާއަކީ:
- ހިތް މަޑުމޮޅިވުން
- އެންޒައިޓީ މަދުވުން
- ފަރުޟު ނަމާދުތަކަށް ސަމާލުވުން
- މާތް ﷲ އާ އޮންނަ ގުޅުން ބަދަހިވުން
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿28﴾
އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟ ސޫރަތުއް ރަޢުދު
ޙަޤީޤީ ހަމަޖެހުމަކީ ޖަޒުބާތީވުމުގެ ކުރިން ރޫޙާނީ ކަމެކެވެ.
ތަހައްޖުދުން އައި ބަދަލު: ވާހަކަ 2
އެނބުރި އިސްލާމްދީނަށް ރުޖޫޢަވުން
ބައެއް މުސްލިމުން އަހަރުތަކެއް ވަންދެން ދީނާ ދުރަށް ދެއެވެ. ނަމަވެސް ގިނަ ބަޔަކު އެނބުރި އަންނަނީ ތަހައްޖުދުގެ މަގުންނެވެ.
އަޅުކަންކުރާ މުސްލިމުންގެ ތެރޭގައި އާންމުކޮށް އިވޭ ވާހަކައަކީ:
- ރޫޙާނީ ގޮތުން ހުސްކަން އިޙްސާސްވުން
- ޖަޒުބާތީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓުން
- ރޭގަނޑުގެ މެންދަމު ﷲ އަށް ކަރުނައަޅައި ރުއިން
- އެއަށްފަހު ރޫޙާނީ ގޮތުން މުޅިން އާ ބަދަލެއް ފެނުން
ދުވާލުގެ ވަގުތުތަކުގެ ސަމާލުކަން ގެއްލޭ ކަންކަމަށް ނުކުރެވޭވަރުގެ ބާރުގަދަ ގޮތަކަށް، ތަހައްޖުދުން ހިތްތައް މާތް ﷲ އާ ގުޅުވައިދެއެވެ. ރޭގަނޑުގެ އަނދިރިކަމުން ދުނިޔަވީ ކަންކަން އެއްފަރާތްކޮށްދީ، އިޚްލާޞްތެރިކަން ހާމަކޮށްދެއެވެ.
ތަހައްޖުދުން އައި ބަދަލު: ވާހަކަ 3
ބޮޑެތި ދުޢާތައް އިޖާބަވުން
ގިނަ މުއުމިނުން ހެކިދޭ ގޮތުގައި އެމީހުންގެ އެންމެ ނުވާނެހެން ހީވި ދުޢާތައް އިޖާބަވީ ތަހައްޖުދު ނަމާދަށް ފަހުގައެވެ.
މީހުން ތަހައްޖުދުގައި ދުޢާކުރާ ކަންކަމުގެ ތެރޭގައި:
- ކައިވެންޏަށް އެދުން
- ރިޒުޤުތަނަވަސްވުން
- ބަލިތަކަށް ޝިފާ ލިބިން
- ހިދާޔަތް ލިބުން
- ފާފަފުއްސެވުން
- ޢާއިލީ މައްސަލަތައް ހައްލުވުން
- ކާމިޔާބީ ހާސިލުވުން
- ރައްކާތެރިކަމަށް އެދުން
ކޮންމެ އިޚްލާޞްތެރި ދުޢާއެއް މާތް ﷲ އައްސަވާވޮޑިގެންވެއެވެ. ނަމަވެސް، ތަހައްޖުދަކީ "ސިހުރެއް" ނޫނެވެ. އެއީ އިޚްލާޞްތެރިކަމާއި، ކެތްތެރިކަމާއި އަދި މާތް ﷲ ގެ ޙިކްމަތަށް އިތުބާރުކުރުމުގެ މައްޗަށް ބިނާވެފައިވާ އަޅުކަމެކެވެ.
ބައެއް ފަހަރު ﷲ ވަގުތުން އިޖާބަދެއްވައެވެ. ބައެއް ފަހަރު ފަހުންނެވެ. ބައެއް ފަހަރު ކޮންމެވެސް އެހެން ގޮތަކަށެވެ. އެކަމަކު އިޚްލާޞްތެރި ތަހައްޖުދު ނަމާދެއް ދުވަހަކުވެސް ބޭކާރުވެގެން ނުދެއެވެ.
ތަހައްޖުދުން އައި ބަދަލު: ވާހަކަ 4
ސިއްރު ފާފަތައް ދޫކޮށްލުން
ސިއްރު ފާފަތަކާ ހަނގުރާމަކުރާ ގިނަ މުސްލިމުން ސިފަކުރާ ގޮތުގައި ތަހައްޖުދަކީ އެމީހުންގެ ޙަޔާތުގެ މިސްރާބު ބަދަލުކޮށްލި ނުގުތާއެވެ.
ރޭގަނޑުގެ ނަމާދުން ވަރުގަދަކޮށްދެނީ:
- ތަޤުވާވެރިކަން
- އަމިއްލަ ނަފްސު ކޮންޓްރޯލްކުރުން
- އިޚްލާޞްތެރިކަން
- މާތް ﷲ އާ އޮންނަ ގުޅުން
ރޭގަނޑު މާތް ﷲ ގެ ހަޟުރަތުގައި ފާފަފުއްސެވުމަށް އެދި ރުއިމަށްފަހު، ސިއްރު ފާފަތައް މެދުކެނޑުމެއްނެތި ކުރުން ދަތިކަމަކަށް ވެގެންދެއެވެ. ތަހައްޖުދުން ފާފައިގެ ސަބަބުން ހިލަވެފައިވާ ހިތްތައް މަޑުމޮޅިކޮށްދެއެވެ.
ރޫޙާނީ ގޮތުން މީހުންނަށް ބަދަލު އަންނަނީ ކީއްވެ؟
ތަހައްޖުދުން މުއުމިނުން ބަދަލުކޮށްލަނީ އަންނަނިވި ކަންކަން އަށަގަންނުވާތީއެވެ:
- މީހާގެ ކިބައިގައި ޑިސިޕްލިން އަށާގެންނެވުން
- އިޚްލާޞްތެރިކަން
- މާތް ﷲ އަށް ވަކީލުކުރުން
- ޖަޒުބާތީ ގޮތުން ވަރުގަދަވުން
- ރޫޙާނީ ހޭލުންތެރިކަން
- އަޅުކަމަށް ލޯބިޖެހުން
އެހެން މީހުން ނިދާފައި ތިބޭއިރު ތެދުވުމަކީ މާތް ﷲ އަށްޓަކައި ވެވޭ ޤުރުބާނީއެކެވެ. އެ ޤުރުބާނީން އީމާންތެރިކަން ފުންކޮށް ވަރުގަދަކޮށްދެއެވެ.
މެދުކެނޑުމެއްނެތި ތަހައްޖުދު ކުރުމުގެ ސިއްރު
ތަހައްޖުދަކީ ހުރިހާ ކަމެއް ފުރިހަމަވުމެއް ނޫނެވެ. އެކަން ފެށެނީ އިޚްލާޞްތެރިކަމުންނެވެ. އެއީ:
- 2 ރަކުޢަތް ނަމާދެއެް
- ކުރު ދުޢާއެއް
- ކަރުނަ ތިއްކެއް
- މަދު މިނިޓުކޮޅެއްގެ ޤުރުއާން ކިޔެވުން
މިކަންކަން ކުރުމުން ދުވަސްކޮޅަކުން ހިތް މުޅިން ބަދަލުކޮށްލުމުގެ ބާރު ލިބިގެންވެއެވެ.
ކުޑަ ޢަމަލަކަށް ވިޔަސް މެދުކެނޑުމެއްނެތި ކުރާ ޢަމަލުތައް ދެކެ މާތް ﷲ ލޯބިވެވޮޑިގެންވެއެވެ.
ޤުރުއާނާއި ރޭގަނޑުގެ އަޅުކަން
ރޭގަނޑު އަޅުކަންކުރާ މީހުންނަށް މާތް ﷲ އިންތިހާއަށް ތަޢުރީފުކުރައްވައެވެ:
أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ ۗ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ ﴿9﴾
ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ، އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ. ސޫރަތުއް ޒުމަރު
ރޭގަނޑުގެ އަޅުކަމަކީ އަބަދުވެސް ޞާލިޙު މުއުމިނުންގެ ސިފައެކެވެ.
ތަހައްޖުދު ނަމާދު ކުރަން ފަށާނީ ކިހިނެއް؟
1. ނިޔަތާއެކު ނިދުން
ނިދުމުގެ ކުރިން އިޚްލާޞްތެރި ނިޔަތެއް ގަންނާށެވެ. އިޚްލާޞްތެރި ނިޔަތަށްވެސް ދަރުމަ ލިބިގެންވެއެވެ.
2. ކުޑަކޮށް ފެށުން
އަމިއްލަ ނަފްސަށް ބުރަ ނުކުރާށެވެ. ފަށާނީ:
- 2 ރަކުޢަތުން
- ކުރު ސޫރަތްތަކުން
- އާދައިގެ ކުރު ދުޢާތަކުން
- ބުރަކޮށް ކުރުމަށްވުރެ މުހިންމީ މެދުކެނޑުމެއްނެތި ކުރުމެވެ.
3. އަމިއްލަ ދުޢާކުރުން
ތަހައްޖުދަކީ ހިތުގެ އަޑިން ދުޢާކުރުމަށް އޮތް އެންމެ ފުރިހަމަ ވަގުތެވެ. ތެދުވެރިކަމާއެކު ﷲ އަށް ދަންނަވާށެވެ:
- ތިބާގެ ހިތުގެ ނުތަނަވަސްކަމާއި ބިރުތައް
- ތިބާގެ ދަތިތައް
- ތިބާގެ ހުވަފެންތައް
- ތިބާގެ ހިތާމަތަކާއި ރިގްރެޓްތައް
- އާޚިރަތުގެ އުންމީދުތައް
ކޮންމެ ސިއްރު ވާހަކައެއްވެސް ﷲ އައްސަވާވޮޑިގެންވެއެވެ.
4. ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުން
ޤުރުއާނުން ތަހައްޖުދަށް އޮންނަ ރޫޙާނީ ޝައުޤުވެރިކަން ވަރުގަދަކޮށްދެއެވެ.
ޤުރުއާނާ އޮންނަ ގުޅުން ވަރުގަދަވުމުން އަމިއްލައަށްވެސް ރޭގަނޑުގެ އަޅުކަމަށް ބާރުލިބެއެވެ.
5. ނިދުމުގެ ކުރިން ފާފަތަކުން ދުރުހެލިވުން
ފާފަތަކުގެ ސަބަބުން ތަހައްޖުދު ނަމާދަށް ތެދުވުން ދަތިވެއެވެ.
އިމާމް އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވާ ގޮތުގައި ފާފަތަކުގެ ސަބަބުން ފުރާނައަށް ބުރަވެ، އަޅުކަމަށް ހުރަސްއެޅެއެވެ. ދުވާލުގެ ވަގުތުގައި ހިތް ރައްކާތެރިކުރުމުން ރޭގަނޑު ފުރާނަ ހޭލުމަށް އެހީތެރިވެދެއެވެ.
ރޭގަނޑު ﷲ އަށް ދެންނެވުމުގައި ރުއިމުގެ ރީތިކަން
ތަހައްޖުދުގެ އެންމެ ރީތި އެއް ކަމަކީ މާތް ﷲ ގެ ކުރިމަތިފުޅުގައި ޖަޒުބާތީ ގޮތުން ތެދުވެރިވުމެވެ.
ގިނަ މީހުން ހިމޭންކަމާއެކު އެތައް ވޭނެއް އުފުލައެވެ:
- ކުދިކުދިވެފައިވާ ހިތްތައް
- ހިތާމަތައް
- ނަފްސާނީ ޓްރޯމާ
- ބިރުވެރިކަން
- އެކަނިވެރިކަން
ތަހައްޖުދުން މުއުމިނުންނަށް ﷲ ގެ ހަޟުރަތުގައި މި ހުރިހަިއ ކަމަކަށް ދެންނެވުމަށް ފުރުޞަތެއް ލިބިދެއެވެ. އަދި ﷲ ދުވަހަކުވެސް އެ ފަރިޔާދުތައް އަޑުއެއްސެވުމަށް ފޫހިވެވޮޑިގެނެއް ނުވެތެވ.
ތަހައްޖުދު ނަމާދާއި އާޚިރަތް
ތަހައްޖުދަކީ ހަމައެކަނި ދުނިޔަވީ ކަންކަމަށް ލުޔަކަށް އޮތް ކަމެއް ނޫނެވެ. އެއީ އަބަދުގެ ކާމިޔާބީއަށްޓަކައި ވެވޭ ތައްޔާރީއެކެވެ. މިއަދު މާތް ﷲ އަށްޓަކައި ނިދި ޤުރުބާންކުރާ މުއުމިނުންނަށް މާދަމާ ސުވަރުގޭގެ އަބަދީ ހަމަޖެހުން ލިބިދާނެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿16﴾
އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. ސޫރަތުއް ސަޖްދާ
ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބައިގައި އިޚްލާޞްތެރިކަމާއެކު ކުރެވޭ ނަމާދެއް ދުވަހަކުވެސް އާދައިގެ ކަމެއް ކަމުގައި ނުދެކޭށެވެ. މުޅި ދުނިޔެ ނިދާފައި އޮންނައިރު، އިޚްލާޞްތެރިކަމާއެކު ﷲ ގެ ހަޟުތަރުގައި ކޮޅަށްތިބޭ މީހުންނަށް އެކަލާނގެ ދޮރުތައް ހުޅުއްވައިދެއްވައެވެ.
މާތް ﷲ އަޅަމެންނަކީ ތަހައްޖުދުކުރާ މީހުންގެ ތެރެއިން ލައްވައި، އަޅަމެންގެ ފާފަތައް ފުއްސަވައި، އަޅަމެންގެ ދުޢާތައް ޤަބޫލުކުރައްވައި، އަޅަމެންގެ ހިތްތައް މަޑުމޮޅިކުރައްވައި، އަދި މި ދުނިޔޭގައި އެކަލާނގެއާ ކުއްތަންވުމުގެ ތައުފީޤު ދެއްވައި، އާޚިރަތުގައި އަބަދީ އުފާވެރިކަން މިންވަރުކުރައްވާށި. އާމީން.
ތަރުޖަމާ







