ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފި އެވެ. ވަޒީރު މި ޔަގީންކަން ދެއްވީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރޯ ހައުސްގަ އެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭ ދެއްކެވި ވާހަކަފުޅުގައި، ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ބާއްވާ ގާތް ގުޅުން ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.
ކޮމަންވެލްތަކީ ދުނިޔޭގެ 56 މެންބަރު ގައުމުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. ރާއްޖެއަކީ 2020 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.




