ސައުދީ އަރަބިއްޔާގެ އައްޠާއީ ކްލަބަށް ކުޅެމުންދާ ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓް ބައުއަރ އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އޭނާ މިކަން އިޢުލާންކުރީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.
ޖަރުމަނުގެ މި ޑިފެންޑަރު ވަނީ އޭނާ ނަމާދުކުރަން ހުންނަ ފޮޓޯއެއް އިންސްޓަގްރާމަށް ލުމަށްފަހު، އޭނާ އިސްލާމްވީ އޭނާގެ އަނބިމީހާ އާއި އަނބިމީހާގެ އާއިލާގެ ފަރާތުން ލިބުނު ހިތްވަރާއެކު ކަމަށް ހާމަކޮށްފައެވެ.

ރޮބާޓް ބައުއަރ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވެއެވެ:
"މިއަދު އަހަންނަށް މެސެޖުކުރި ހުރިހާ އެންމެންނަށް ދަންނަވަމެވެ. އަހަރެން އިސްލާމްދީނަށް ވަނީ އަހަރެންގެ އަނބިމީހާ އާއި އޭނާގެ އާއިލާގެ މެދުވެރިކޮށެވެ. މިކަމަށް މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އަހަރެންގެ މި ދަތުރުގައި އަހަންނަށް އެހީތެރިވެ، ހިތްވަރުދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ."
މީގެ އިތުރުން، ބައުއަރ ވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލ ޙަދީދުގެ 4 ވަނަ އާޔަތ:
وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ
އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ. الحديد
ހިމެނޭ ޕޯސްޓެއްވެސް ހިއްސާކޮށްފައެވެ.
ފުލްބެކް އަދި ވިންގްބެކް މަޤާމަށް ކުޅޭ ބައުއަރ، ސައުދީ ޕްރޮފެޝަނަލް ލީގާ ގުޅުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސައުދީއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޖަރުމަނުގެ ބުންޑަސްލީގާގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ވާޑާ ބްރޭމަން އަދި ނިއުރެމްބާގް އަށް ކުޅެފައެވެ. މީގެ އިތުރުން ރަޝިޔާ އަދި ބެލްޖިއަމް ލީގުގައިވެސް އޭނާ ކުޅެފައިވެއެވެ.
"ޕިއު ރިސާޗް ސެންޓަރު" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިސްލާމްދީނަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ދީނެވެ. އަދި ދުނިޔޭގެ އާބާދީ އިތުރުވާ ނިސްބަތަށްވުރެ ދެގުނަ އަވަސް މިނެއްގައި މުސްލިމުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.






