ފޮޓޯ: އެމްޑީޕީ
ފޮޓޯ: އެމްޑީޕީ

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް ކާމިޔާބުކުރައްވައިފިއެވެ. މިއާއެކު، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ވަނީ މަޖިލީހުގެ މުހިންމު ގޮނޑިއެއް ދިފާޢުނުކުރެވިފައެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންގައި އެމްޑީޕީގެ ޞާދިޤްއާ ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ނުކުންނެވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވޯޓުލުމަށް ބެހެއްޓި 7 ވޯޓު ފޮށީގެ ތެރެއިން މާލޭގައި ހުރި އެއް ފޮށި ފިޔަވައި ހުރިހާ ފޮށްޓަކުންވެސް ބޮޑު އަޣްލަބިއްޔަތަކުން ކުރި ހޯއްދެވީ ޞާދިޤްއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 4,121 މީހުންނަށް ލިބިފައިވާއިރު، ހަވީރު 17:00 ގައި ވޯޓުލުން ބަންދުކުރިއިރު ޖުމްލަ 62 އިންސައްތަ މީހުން، އެއީ 2,563 ވޯޓުލާފައިވެއެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮށްޓާއި، އައްޑޫ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮށގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ މައްސަލާގައި، އޭނާގެ މެންބަރުކަމުގެ ޝަރުޠު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް 12 ގައި ޙުކުމްކުރުމާ ގުޅިގެންނެވެ.

މި ފަހަރުގެ އިންތިޚާބުގައި ޞާދިޤްއަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގަތީ އިތުރު އެއްވެސް މެންބަރަކު އެޕާޓީން ކުރިމަތިނުލުމުންނެވެ. އަދި ޕީއެންސީގެ ސަޢީދަށް ޓިކެޓު ލިބުނީ، އެންމެ ފުރަތަމަ ޕާޓީގެ ޓިކެޓު ދީފައިވަނިކޮށް ސިނާން އަމިއްލައަށް ނަން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 12 އިން 13 އަށް މަތިވެފައެވެ.

ހިއްސާ ކުރައްވާ!