އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރުކަށި ކަނާތުފިޔައިގެ ފާ ރައިޓް މީހުނގެ ބޮޑު މުޒާހަރާއެއްގައި ތަޤުރީރުކުރުމަށް އެމެރިކާގެ އިސްލާމްދީނާ ދެކޮޅު މަޝްހޫރު އިންފްލުއެންސަރ ވެލެންޓީނާ ގޯމޭޒް ޔޫކޭއަށް އެތެރެވުން އިނގިރޭސި ހޯމް ސެކްރެޓަރީ މަނާކުރައްވައިފިއެވެ.
"ދަ ގާޑިއަން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޓްރަމްޕްގެ ސޮލީބީ 'މާގާ' ހަރަކާތަށް ތާއީދުކުރާ ގޯމޭޒްއަށް ކުރިން އިނގިރޭސިވިލާތުގެ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން މެދުވެރިކޮށް އެތެރެވުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، ހޯމް ސެކްރެޓަރީ ޝަބާނާ މަޙްމޫދު ވަނީ އެ ހުއްދަ ބާތިލުކުރައްވާފައެވެ. އެއީ އޭނާ އިނގިރޭސި ފަސްގަނޑަށް އައުމަކީ "އާންމު މަޞްލަޙަތަށް ފުށުއަރާ ކަމެއް" ކަމަށް ބައްލައިގެން ނިންމެވި ނިންމުމެއް ކަމށް ވިދާޅުވެއެވެ. މިދިޔަ މަހު އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ޔަހޫދީންނާ ދެކޮޅު ވާހަކަތަކެއް ދެއްކުމުން އޭނާވެސް އިނގިރޭސިވިލާތަށް އެތެރެވުން މަނާކުރީ މި ސަބަބާ ހުރެއެވެ.
އުމުރުން 26 އަހަރުގެ ގޯމޭޒްއަކީ މެއި 16 ގައި ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔުނައިޓް ދަ ކިންގްޑަމް" ރެލީގައި ވާހަކަދެއްކުމަށް ހަމަޖެހިފައި ފަރާތެކެވެ. މިއީ ހަރުކަށި ލީޑަރެއް ކަމަށްވާ ޓޮމީ ރޮބިންސަން އިސްވެ ހިންގާ ހަރަކާތެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި މިފަދަ ފުރަތަމަ މުޒާހަރާގައިވެސް ގޯމޭޒް ބައިވެރިވެ، އިނގިރޭސިވިލާތް ހިސާރުކުރަމުންދަނީ މީހުން "ރޭޕްކުރާ މުސްލިމުން" ކަމަށް ބުނެ ހަރުކަށި އަދި ނަފުރަތު އުފެދޭ ވާހަކަތަކެއް ދައްކާފައެވެ. އެ ފަހަރުގެ މުޒާހަރާގައި 100,000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެކްސް ގެ ވެރިޔާ އީލޮން މަސްކްވެސް ވަނީ ދުރުން އެ މުޒާހަރާއާ މުޚާޠަބުކޮށް ވާހަކަދައްކާފައެވެ.
ކޮލަމްބިއާއަށް އުފަން، ނަޞާރާދީނުގެ ގޯމޭޒް މަޝްހޫރުވެފައިވަނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ ފުރައްސާރައިގެ އަމަލުތަކުންނެވެ.
އެގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ ވަނީ ކީރިތި ޤުރުއާނުގެ ކޮޕީއެއްގައި އަލިފާން ރޯކޮށް، އެމެރިކާގެ ޓެކްސަސް ސްޓޭޓުން އިސްލާމްދީން "ފޮހެލާނެ" ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފައެވެ. އަދި ޓެކްސަސްގައި ތިބި މުސްލިމުން ދުނިޔޭގައި މުސްލިމް 57 ޤައުމުން ކުރެ ކޮންމެވެސް އެއް ޤައުމަކަށް ބަދަލުވުމަށް ްއޭނާ ގޮވައިލިއެވެ.
މި ފިޔަވަޅު އެޅުމުގެ ކުރިން އިނގިރޭސިވިލާތުގެ މުސްލިމް ކައުންސިލް އިން ވަނީ، އެހެން ދީންތަކަށް ފާޑުކިޔާ މީހުން އެ ޤައުމަށް އެތެރެވުން މަނާކުރާއިރު، މުސްލިމުންނާ ދެކޮޅަށް ނަފުރަތު ފަތުރާ މީހުންނަށް ހުއްދަ ދިނުމަކީ އިނގިރޭސި ސަރުކާރުގެ "ދެފުށްދެގޮތް" ސިޔާސަތެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.
ހޯމް ސެކްރެޓަރީގެ އަރިސް މަސްދަރަކުން ބުނިގޮތުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، މުޖުތަމައުގައި ނަފުރަތާއި ހަރުކަށި ފިކުރު ފެތުރުމުގެ ފުރުޞަތެއް އެއްވެސް މީހަކަށް ނުދެވޭނެއެވެ.
އޭނާ ޔޫކޭއަށް ވަނުން މަނާކުރި ޚަބަރު ފެތުރުމާއެކު، ގޯމޭޒް ވަނީ އެކްސްގައި ވީޑިއޯއެއް އާންމުކޮށް، ހޯމް ސެކްރެޓަރީ ޝަބާނާ މަޙްމޫދުއަށް ނަސްލީގޮތުން ފުރައްސާރަކޮށްފައެވެ. އަދި ކިތަންމެ ވަރަކަށް މަނާކުރިޔަސް އޭނާ އިނގިރޭސިވިލާތަށް ދާނީ "ބޯޓެއްގައި" ކަމަށް ބުނެ އިންޒާރުދީފައެވެ.



