އިސްލާމްދީނަކީ އިންސާނާގެ މުޅި ދިރިއުޅުން ބައްޓަންކޮށްދޭ، އަދި މި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައިދޭ ހަމައެކަނި މަގެވެ.
ގިނަ ބަޔަކު، އަދި ބައެއް ޢިލްމުވެރިންވެސް ހީކުރައްވާ ގޮތުގައި "އިސްލާމް" މި ކަލިމަ ނެގިފައިވަނީ ހަމައެކަނި "ޞުލްޙަ" ނުވަތަ "ސަލާމަތްތެރިކަން" (ޕީސް) މި ބަހުންނެވެ. ނަމަވެސް، ބަހުގެ ގޮތުންނާއި ޝަރުޢީ ގޮތުން މީގެ އަސްލު މާނައަކީ "ﷲ ގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައި، ކިޔަމަންގަތުމެވެ"
މި ޒަމާނުގައި، ޚާއްޞަކޮށް ހުޅަނގުގެ މުޖުތަމަޢުތަކުގައި، "ބޯލެނބުން" ނުވަތަ "އަޅުވެތިވުން" މި ބަސްތަކަކީ ނުބައި މާނައެއް ދޭހަވާ ބަސްތަކެއްގެ ގޮތުގައި ވަނީ މަޝްހޫރުކޮށްދީފައެވެ.
އެމީހުން އަބަދުވެސް ބާރުއަޅަނީ (ފްރީޑޮމް) "މިނިވަންކަމުގެ" ވާހަކައަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއްވެސް އިންސާނަކީ މުޠުލަޤުކޮށް ހައްދެއް ނެތް ގޮތަށް މިނިވަން މީހެއް ނޫން ކަމެވެ. ކޮންމެ އިންސާނަކުވެސް ކޮންމެވެސް އެއްޗަކަށް ނުވަތަ ބަޔަކަށް ބޯލަނބައެވެ.
އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢުގެ އާދަކާދަތަކާއި، މައިންބަފައިންނާއި، ޓީޗަރުންނާއި، ޤާނޫނުތަކަށް އަޅަމެން ބޯލަނބަމުއެވެ. މިއަށްވުރެ ބޮޑަށް، މިއަދުގެ މީޑިއާއާއި، ފިލްމުތަކާއި، މިއުޒިކުން އިންސާނާގެ ވިސްނުން ބައްޓަންކޮށް، ނޭނގި ހުރެ އެތަކެތީގެ ފިކުރުތަކަށް އިންސާނާ އަޅުދާސް ކުރުވައެވެ!
ބޯލެނބުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެކެވެ. ބަލިވުމުން ޑޮކްޓަރު ބުނާ ގޮތަށް އަޅުގަނޑުމެން ކަންތައް ކުރަނީ ޑޮކްޓަރުގެ ޢިލްމަށް އިތުބާރުކޮށް، އެ ބާރަށް ބޯލަނބާތީއެވެ.
އެހެންކަމުން، ސުވާލަކީ މިނިވަންވުމާ ބެހޭ ވާހަކައެއް ނޫނެވެ." ސުވާލަކީ "އަޅުގަނޑުމެން ބޯލަނބަނީ ކާކަށްތޯ؟" އެވެ.
އިންސާނާގެ ނަފްސު ތާށިވެފައިވާ އަޅުވެތިކަން ވިސްނައިގަތުމަށްޓަކައި، އިހުގެ އަޅުންގެ ބާޒާރުގެ މިސާލަކަށް ބަލާލަމާ ހިންގާށެވެ. ޚިޔާލށް ގެންނާށެވެ! އެއް އަޅެއްގެ 5 ނޫނީ 6 ސާހިބުން ތިބޭނަމަ އެ އަޅާގެ ޙާލަކީ ކޮބައިތޯއެވެ؟
- ފުރަތަމަ ސާހިބު ބުނާނީ މިވެނި ކަމެއް ކުރާށެވެ.
- ދެވަނަ ސާހިބު ބުނާނީ އޭގެ އިދިކޮޅަށް ކަންތައް ކުރާށެވެ.
- ތިންވަނަ އަދި ހަތަރުވަނަ ސާހިބާ މުޅިން ތަފާތު ކަންކަމަށް އިރުޝާދު ދޭނެއެވެ!
މިއީ މިއަދުގެ ގިނަ އިންސާނުންގެ ޙަޤީޤީ ޙާލަތެވެ. މައިންބަފައިން އެދެނީ އެއްގޮތަކަށެވެ. ރައްޓެހިން ބާރުއަޅަނީ އެހެން ގޮތަކަށެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ބޭނުންވަނީ މިއަށްވުރެ ތަފާތު ގޮތެކެވެ. މުޖުތަމަޢުގެ ސަޤާފަތް މަޖުބޫރުކުރަނީ އެހެން ކަމަކަށެވެ. އަދި އަމިއްލަ ނަފްސުގެ އެދުންތަކާއި ޝަހުވަތްތައް ދަމައިގަންނަނީ މުޅިން އެހެން ދިމާއަކަށެވެ. މިގޮތުން ގިނަ ސާހިބުންތަކަކަށް ބޯލަނބަން ޖެހި، އެންމެން ރުއްސަން އުޅުމުން އިންސާނާގެ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެއެވެ.
މި ބޮޑު ހާސްކަމުން އިންސާނާ ސަލާމަތްކޮށްދެނީ އިސްލާމްދީނެވެ.
އިސްލާމްދީނަކީ "އެންމެ ސާހިބަކަށް" އަޅުވެތިވުމެވެ. އެއީ މުޅި ކާއިނާތުގެ ޚާލިޤުވަންތަ ވެރި، އެންމެ އޯގާވަންތަ، އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުވެތި ވުމެވެ. އެކަލާނގެއަށް އެކަނި ބޯލަނބައިފި މީހާ، އެހެން ހުރިހާ އެއްޗެއްގެ އަޅުވެތިކަމުން މިނިވަންވެއްޖެއެވެ. އެހެންކަމުން މާތް ނަބިއްޔާ ﷺ އެންމެ ބޮޑަށް ފަޚުރުވެރިވެވަޑައިގަތީ ﷲ ގެ "އަޅާ" (عَبْدُ الله) ގެ ގޮތުގައެވެ.
މުސްލިމަކީ ﷲ ގެ ހިދާޔަތަށް ފުރިހަމައަށް ބޯލަނބާ މީހާއެވެ. އަދި އެކަލާނގެ ދެއްވި މަގަކީ އެންމެ ފުރިހަމަ މަގުކަން ޔަޤީންކުރާ މީހާއެވެ. މި ދިރިއުޅުމުގެ ސައްޙަ މަގު އަޅުގަނޑުމެންނަށް އެނގެނީ ދެ މަސްދަރަކުންނެވެ:
- ކީރިތި ޤުރުއާން: އެއީ މީގެ 1400 އަހަރު ކުރިން ރަސޫލާ ﷺ އަށް ބާވައިލެއްވުނު، ﷲ ގެ ބަސްފުޅެވެ.
- ނަބަވީ ސުންނަތް: ރަސޫލާ ﷺ ގެ ޙަޔާތްޕުޅަކީ ކީރިތި ޤުރުއާނުގެ ޢަމަލީ ސިފައެވެ. އެކަލޭގެފާނު ވަނީ ﷲ އަށް ފުރިހަމައަށް ބޯލަނބާނެ ގޮތް އަމަލުން ދައްކަވާފައެވެ.
އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ޝާމިލުވާ ފުރިހަމަ ދީނެކެވެ. އަޅުކަންތަކުގެ އިތުރުން، މީހުންނާ މުޢާމަލާތްކުރާނެ ގޮތާއި، ހިނގާބިނގާވެ އުޅުމާއި، ކައިބޮއި އުޅުމުގެ އަދަބުތައްވެސް ވަނީ ދަސްކޮށްދެއްވާފައެވެ.
މިސާލަކަށް، ކެއުމުގެ އަދަބުތަކަށް ބަލާއިރު، ބަނޑު ފުރައިގެން ނޭވާ ނުލެވޭވަރަށް ކެއުމަކީ އިސްލާމީ އަދަބެއް ނޫނެވެ.
ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވަނީ ބަނޑުގެ ތިންބައިކުޅަ އެއްބައި ކެއުމަށާއި، ތިންބައިކުޅަ އެއްބައި ބުއިމަށާއި، އަދި ބާކީބައި ވައި ދައުރުވުމަށް ނޭވާލުމަށް ބެހެއްޓުމަށެވެ.
ޙަޤީޤީ "ޞުލްޙައާއި ސަލާމަތްތެރިކަން" އަދި ނަފްސުގެ ރާހަތް އިންސާނާއަށް ލިބެނީ ﷲ ގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައި އިސްލާމްވުމުންނެވެ.
މި ސަލާމަތްތެރިކަމަކީ ހަމައެކަނި ބޭރުފުށުން ހަނގުރާމައެއް ނެތުމެއް ނޫނެވެ.
މިއީ އިންސާނާގެ ހިތާއި، ރޫޙާއި، ބުއްދިއަށް ލިބޭ ފުން ހަމަޖެހުމެކެވެ. ނަފްސުގެ އެދުންތަކުން މީހާ މިންޖުވެ، މުޅި ކާއިނާތުގެ ވެރި ރައްބަށް ކިޔަމަންތެރިވުމުން ލިބޭ ހިތްހަމަ ޖެހުމާއި މާތް ސަކީނަތެކެވެ.







