މިއީ އެޒަމާނުގައި ދުނިޔޭގެ އެންމެ ބާރުގަދަ ތަޚުތުގައި އިންނެވި، އުމަވީ ދައުލަތުގެ ވަރުގަދަ ޚަލީފާ ޢަބްދުލްމަލިކް ބިން މަރުވާން އެވެ. ޚަލީފާ އަވަހާރަވުމުގެ އާލާސްކަންފުޅާ އުޅުއްވި ވަގުތެވެ. މަރުގެ ބިރުވެރިކަމާއި މަރުގެ ސަކަރާތް އެކަލޭގެފާނާ ބައްދަލުކުރި ހިނދު، މީހުން ދެންނެވިއެވެ.
"އޭ އަމީރުލްމުއުމިނީން އެވެ! ޚަލީފާގެ ހާލުކޮޅު ކިހިނެއްތޯއެވެ؟"
ޚަލީފާ ޖަވާބުދެއްވިއެވެ.
"ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިން އަހުރެންގެ ޙާލަތު މިއަދު މިވަނީ ފެންނާށެވެ!" ވިދާޅުވިއެވެ!
﴿وَلَقَدْ جِئْتُمُونَا فُرَادَىٰ كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَاكُمْ وَرَاءَ ظُهُورِكُمْ…﴾
މާނައީ: އަދި (މަޙްޝަރަށް ފޮނުއްވާހިނދު، އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. (ސޫރަތުލް އަންޢާމް 94)
މަރު ގާތްވެ، ފުރާނަ ހަށިގަނޑާ ވަކިވާން ކައިރިވުމުން އެކަލޭގެފާނު މަރުގެ ސަކަރާތުގައި ވިދާޅުވިއެވެ.
"އަހުރެން މައްޗަށް އުފުލައިލަ ދޭށެވެ. އަދި ގަނޑުވަރުގެ ކުޑަދޮރުތައް ހުޅުވައިލާށެވެ."
ދޮރުތައް ހުޅުވައިލުމާއެކު، ކުރިމަތީގައި ހުރި އުމަވީ މިސްކިތާއި މުޅި ދިމިޝްޤުގެ ސިޓީ ފެންނާން އޮތެވެ. އެ ވަގުތު، ގަނޑުވަރުން ބޭރުން ފެންނަން ހުރީ ހެދުން ދޮވެ އޭގެ ފެން ފެލަމުން ދިޔަ އާދައިގެ މީހެކެވެ. އެ ނިކަމެތި މީހާއަށް ޚަލީފާގެ ނަޒަރު ހުއްޓުނެވެ. އެ މީހާއަކީ ދުވަހު މަސައްކަތުން ލިބޭ ކުޑަ އުޖޫރައަކަށް ހެނދުން ދޮވެ، ހިއްކަން އަޅާ މީހެކެވެ.
އެ މަންޒަރު ފެނިވަޑައިގެން، މުޅި އިސްލާމީ އުންމަތް އެ ޚަލީގެ އަމުރަށް ގުގުމަނުން ދިޔަ އަދި، އެތައް ހަނގުރާމައެއް ކުރައްވައި ޝާނާއި ޝައުކަތުގައި އިންނެވި ޚަލީފާ ކީރިތި ކުރައްވައި ވިދާޅުވިއެވެ.
"ސުބްޙާނަﷲ އެވެ! އަހަރެން މިއަދު މި ގަނޑުވަރުގެ ވެރިޔަކަށް ވުމުގެ ބަދަލުގައި، ދުވަހު މަސައްކަތުގެ އުޖޫރައިން ލިބޭ އެއްޗަކުން ބަނޑުފުރާ މުއްތިކުރާ ހެދުން ދޮންނަ މީހަކަށް ވީނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! އަހަރެން މި ހޯދި ރަސްކަމާއި މުއްސަނދިކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"
މަރުގެ ތުންފަތީގައި އަޅާ އޮންނަ ހިނދު އެންމެ ބާރުގަދަ މީހާއަށްވެސް ދުނިޔޭގެ ހަގީގީ ސައިޒު ހާމަވާނެއެވެ. ޚަލީފާ އަބްދުލްމަލިކަށްވެސް އޭނާގެ ދައުލަތުގެ ސައިޒު ފެނިވަޑައިގަތެވެ!
މި ވާހަކަ ޝާމްކަރައިން ދުރު ދުރަށް ދަތުރުކުރިއެވެ.
މަދީނާގެ ބޮޑު އިލްމުވެރިޔާ ސަޢީދު ބިން އަލްމުސައްޔިބާ ހަމައަށް މިވާހަަކ ދިޔައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲއަށް ޙަމްދު ހުއްޓެވެ! މަރުގެ ވަގުތު ޖެހުމުން ދުނިޔޭގެ ވެރިން މާޔޫސްވެގެން އަހަރެމެންގެ މަގަށް ދުއްވައި ގަންނަން އުޅެއެވެ. ނަމަވެސް އަހަރެމެން އިލްމުވެރިންނާއި އަޅުވެރިން ދުވަހަކުވެސް އެމީހުންގެ ދުނިޔެއާ ދިމާއަކަށް މަރުގާތް ވުމުން ދުވެފައި ނުދަމުއެވެ."
މިއީ ދުނިޔޭގެ އަޖައިބެކެވެ. ވިސްނާށެވެ!
އެއްވެސް ފަޤީރަކު ނުވަތަ އަޅުވެރި ޒާހިދަކު މަރުގެ ސަކަރާތުގައި އޮވެ، "އަހަރެން ދުނިޔޭގައި ރަސްކަލަކަށް ނުވަތަ މަހުޖަނަކަށް ވީނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ" ބުނި އަޑެއް ތާރީޚުގެ އެއްވެސް ހިސާބަކުން އިވުނު ހެއްޔެވެ؟
ނަމަވެސް، ދުނިޔޭގެ މުދަލާއި ބާރުވެރިކަމުގެ މަސްތުގައި އުޅުނު މީހާގެ ލޮލުން ފަރުދާ ކެހި، ކެހިވެރި ދުނިޔޭގެ ޙަޤީޤަތް ހާމަވުމުން ކީރިތި ޤުރުއާނުގައިވާ ފަދައިން އޭނާއަށް ބުނަންޖެހެއެވެ.
﴿مَا أَغْنَىٰ عَنِّي مَالِيَهْ ۜ هَلَكَ عَنِّي سُلْطَانِيَهْ﴾
މާނައީ: "ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ." (ސޫރަތުލް ޙާއްޤާ 28-29)
މި ވާހަކައިން ލިބޭ އެންމެ ބޮޑު އިސްލާމީ ޢިބްރަތަކީ، ދުނިޔޭގެ މުދަލާއި ޖާހަކީ ފަނާވެދަނިވި އެއްޗެއް ކަމެވެ. ހަގީގީ ބާރަކީ އަދި މުއްސަނދިކަމަކީ އާޚިރަތަށްޓަކައި ކުރެވޭ ހެޔޮ އަމަލެވެ. ވުމާއެކު، މަރުގެ ވަގުތު އައުމުގެ ކުރިން ހެއްދެވި ރަސްކަލާނގެއަށް ކިޔަމަންތެރިވެ، ދުނިޔޭގެ ކެހިވެރިކަމުން ސަލާމަތްވުމަށް އަވަސްވެގަންނަންޖެހެއެވެ.







