ޤުރުއާނުގެ މުޢުޖިޒާތް: މޫސާގެފާނުގެ ވާހަކަފުޅުން މުޙައްމަދު ﷺ އަށް ދެއްވި ސިއްރު އުފާވެރި ޚަބަރު

ކީރިތި ޤުރުއާނަކީ އޭގެ ކޮންމެ އަކުރަކާއި ކޮންމެ ލަފުޒެއްގައި ފުން މާނަތަކާއި މުޢުޖިޒާތްތައް އެކުލެވިގެންވާ މަތިވެރި ފޮތެކެވެ. ސޫރަތުލް ޤަޞަޞްގައިވާ މޫސާ ޢަލައިހިއްސަލާމްގެ ވާހަކަފުޅުގެ ތެރެއިން، މުޙައްމަދު ﷺ އަށް ދެއްވާފައިވާ ބަޝާރަތާއި އުފާވެރި ޚަބަރު ޢިލްމުވެރިންގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ.

މޫސާގެފާނު މިޞްރުން މަދުޔަނަށް ހިޖުރަކުރެއްވުމުން، އެ ރަށުގެޞާލިޙު އަޅާ (ޝުޢައިބުގެފާނު) އެކަލޭގެފާނަށް ދެންނެވި ބަސްފުޅެއް ﷲ ތަޢާލާ ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. އެއީ އޭނާގެ ދަރިކަނބަލަކާ ކައިވެނިކޮށްދިނުމުގެ އުޖޫރައެއްގެ ގޮތުން "އަށް އަހަރު" (ثَمَانِيَ حِجَجٍ) މަސައްކަތް ކޮށްދިނުމަށެވެ.

قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَـٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَـٰنِىَ حِجَجٍۢ ۖ فَإِنْ أَتْمَمْتَ عَشْرًۭا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ ٢٧ سورة القصص
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. 8އަހަރު ވަންދެން ތިމަންނާއަށް ޚިދުމަތް ކޮށްދެއްވުމުގެ ޝަރުޠުގެ މަތިންނެވެ. ފަހެ، 10އަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންނާއީ ޞާލިޙުންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.

އިލްމީ ގޮތުން އުފެދޭ ސުވާލަކީ، މިތާނގައި "އަށް އަހަރު" ބަޔާންކުރެއްވުމަށް "ސަނަވާތް" (سنوات) ނުވަތަ "އަޢުވާމް" (أعوام) ފަދަ ލަފުޒެއްގެ ބަދަލުގައި "ޙިޖަޖް" (حِجَج) މި ލަފުޒު ބޭނުންފުޅު ކުރެއްވީ ކީއްވެގެންތޯއެވެ؟

ހިޖުރައާއި މައްކާއަށް އެނބުރިވަޑައިގަތުމުގެ ގުޅުން

ސޫރަތުލް ޤަޞަޞް ނިމެމުންދާއިރު، މުޙައްމަދު ﷺ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި ދަނޑިވަޅުގައި ﷲ ތަޢާލާ ވަނީ ވަރަށް ވަރުގަދަ ވަޢުދެއް ކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

إِنَّ الَّذِي فَرَضَ عَلَيْكَ الْقُرْآنَ لَرَادُّكَ إِلَىٰ مَعَادٍ ۚ قُل رَّبِّي أَعْلَمُ مَن جَاءَ بِالْهُدَىٰ وَمَنْ هُوَ فِي ضَلَالٍ مُّبِينٍ ٨٥
ހަމަކަށަވަރުން، ކަލޭގެފާނަށް ޤުރްއާން ބާވައިލެއްވި ރަސްކަލާނގެ ކަލޭގެފާނުގެ އުފަން ރަށަށް (އެބަހީ: މައްކާއަށް) ކަލޭގެފާނު އަނބުރާ ފޮނުއްވާ ހުށްޓެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި، ފާޅުވެގެންވާ ފުރެދުމެއްގައިވާމީހާ، އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އަހުރެންގެ ވެރިރަސްކަލާނގެއެވެ.

މި އާޔަތުން މައްކާއަށް އެނބުރިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވި ނަމަވެސް، އެއީ ކޮން އަހަރަކު ކަމެއް ބަޔާންކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މޫސާގެފާނުގެ ވާހަކައިގެ ތެރޭގައި އެކަމުގެ ސިއްރު އިޝާރާތެއް ވަނީ ދެއްވާފައެވެ.

"ޙިޖަޖް" ގެ މާނައާއި ހިސާބުތަކުގެ މުޢުޖިޒާތް

"ޙައްޖު" ވުމުގެ އަޅުކަން އަދާކުރެވެނީ ކޮން ބިމެއްގައިތޯއެވެ؟ އެއީ މައްކާގެ ބިމުގައެވެ.

ވުމާއެކު، މޫސާގެފާނުގެ ވާހަކައިގައި "އަށް ޙައްޖު" ބޭނުންކުރެއްވުމަކީ މުޙައްމަދު ﷺ އަށް ދެއްވި އިޝާރާތެކެވެ. އެއީ ކަލޭގެފާނު މައްކާއިން ހިޖުރަކުރެއްވުމަށްފަހު، އެނބުރި މައްކާއަށް ވަޑައިގަންނަވާނީ "އަށް އަހަރު" ފަހުން ކަމެވެ.

ތާރީޚުން ފެންނަން އޮތް ޙަޤީޤަތަކީ ކޮބައިތޯއެވެ؟ މުޙައްމަދު ﷺ މައްކާ ފަތަޙަކުރައްވައި، ކާމިޔާބީއާއެކު އެނބުރި މައްކާއަށް ވަދެވަޑައިގަތީ ހިޖުރައިން 8ވަނަ އަހަރުގައެވެ.

އަދި ޝުޢައިބުގެފާނުގެ ބަސްފުޅުގައި ވެއެވެ.

فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ
"ފަހެ، 10އަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ."

ހަމަ މިފަދައިން، ރަސޫލާ ﷺ ހިޖުރައިން 10ވަނަ އަހަރު އެނބުރި މައްކާއަށް ވަޑައިގަތީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ޝިޢާރު ކަމުގައިވާ އެކަލޭގެފާނުގެ ފަހު ޙައްޖު "ޙައްޖަތުލް ވަދާޢު" އަދާކުރެއްވުމަށެވެ.

މިއިން އެނގިގެންދަނީ ކީރިތި ޤުރުއާނުގެ ވާހަކަތަކަކީ ހަމައެކަނި މާޒީގެ ޚަބަރުތަކެއް ނޫން ކަމެވެ. އެއީ، އެއް ވާހަކައެއްގެ ތެރެއިން އެހެން ވާހަކައަކަށް މަގުދައްކައިދޭ، އަދި މުސްތަޤްބަލުގައި ހިނގާނެ ކަންކަމުގެ ފުރިހަމަ ޗާޓު ކުރަހައިދޭ މުޢުޖިޒާތްތަކެކެވެ.

اللَّهُمَّ اجْعَلْنَا مِمَّنْ يَتَفَكَّرُونَ فِي حِكْمَتِكَ فِي القُرْآنِ.

ހިއްސާ ކުރައްވާ!