ޒަހީރުއްދީން ބާބަރް: ހިންދުސްތާން އެއްބައިވަންތަކޮށް ބޮޑު އިންގިލާބެއް ގެނެސްދެއްވި މުސްލިމު ލީޑަރު

ޒަހީރުއްދީން މުޙައްމަދު ބާބަރް 1524 ވަނަ އަހަރު ޚައިބަރު ފަރުބަދައިގެ ވާދީތައް ހުރަސް ކުރައްވައި މިހާރުގެ ޕާކިސްތާނާއި އިންޑިއާގެ ސަރަހައްދު ފަތަހަ ކުރައްވައިގެން ކުރެއްވި ހަމައެކަނި ކަމަކީ ހަނގުރާމަ ކުރުމެއް ނޫނެވެ. ބާބަރު ފެއްޓެވީ ސިޔާސީ ބޮޑު ބަދަލެކެވެ. އެ ބަދަލުގެ ސަބަބުން ކުރިއަށް އޮތް 3 ގަރުނުގެ ތެރޭގައި މުޅި އިންޑިއާ ބައްރު އެއްބައިވަންތަކޮށް އެތަނުގެ އިޤްތިޞާދު ހަމަޖައްސައިދީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ކުރިއަރާފައިވާ އެއް ދައުލަތް ބިނާކުރެއްވުމަށް މަގުފަހި ކޮށްދެއްވިއެވެ.

ބާބަރް އިންޑިއާ ފަތަހަ ކުރައްވުމަކީ އިންޑިއާގެ މުއްސަނދިކަން ފޭރިގަތުމުގެ ފެށުން ކަމަށް ބުނާ ވާހަކަތަކާ ޚިލާފަށް ގިނަ ތާރީޚުޢިލްމުވެރިން ދެކޭގޮތުގައި ބާބަރުގެ އެންމެ ބޮޑު ޚިދުމަތަކީ ދައުލަތުގެ ހަރުދަނާ މުއައްސަސާތައް ބިނާކުރެއްވުމެވެ. އެއީ ހިމާލަޔާ ފަރުބަދަތަކުން ފެށިގެން ކެރެލާ އާއި ކަންޔާކުމާރީއާ ހަމައަށް އިންޑިއާގެ ދައުލަތެއް ބައްޓަން ބަދަލުކޮށްލި ތާރީޚީ ތަރިކައެކެވެ.

ޒަހީރުއްދީން މުޙައްމަދު ބާބަރް ހިންދުސްތާނުގެ ފަސްގަނޑަށް ވަޑައިގަތް އިރު އެ ފަސްގަނޑުގައި މަރުކަޒީ ބާރެއް ނެތެވެ. ދާޚިލީ ހަނގުރާމަތަކުން ސުންނާފަތިވަމުންދިޔަ ބައިބައިވެފައި އޮތް ފަސްގަނޑަކަށް ހަމަޖެހުމާއި އެއްބައިވަންތަކަން ގެނެސްދެއްވިވެ.

އަފްޣާނިސްތާންގެ ބާޣޭ ބާބަރްގައި ޒަހީރުއްދީން ބާބަރްގެ މަޤްބަރާ

ބާބަރްގެ ކުރިން ބައިބައިވުން : ބާބަރްގެ ފަހުން އެއްބައިވަންތަކަން

ބާބަރް ހިންދުސްތާން ފަތަޙަ ކުރެއްވުމުގެ ކުރިން އުތުރު އިންޑިއާ އޮތީ އެކި މުސްލިމު ސުލްޠާނުންނާއި ހިންދީ ރާޖްޕޫތުންގެ އިއްތިޙާދުތަކާއި އަފްޣާން ހަނގުރާމަވެރިންގެ މެދުގައި ބެހިފައެވެ. ވިޔަފާރީގެ މަގުތައް އޮތީ ނުރައްކަލުގެ ތެރޭގައެވެ. ދަނޑުވެރިކަން އޮތީ އިނދަޖެހިފައެވެ. ނަމަވެސް ފާނީޕަތުގެ ހަނގުރާމައިގައި ބާބަރް ހޯއްދެވި ކާމިޔާބީއާއެކު އިންޑިއާއަށް އާ ދިރުމެއް ލިބުނެވެ.

އެގޮތުން އޭނާ ޤާއިމުކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ލާމަރުކަޒީ ނިޒާމެއްގެ ބަދަލުގައި އެއް މަރުކަޒަކުން ހިންގާ ބާރުގަދަ ދައުލަތެއް އުފެއްދުން
  • އާމްދަނީ ހޯދުމުގެ ހަރުދަނާ އަދި އިންޞާފުވެރި ނިޒާމެއް އެކުލަވާލުން
  • ޕްރޮފެޝަނަލް ދާއިމީ ސިފައިންގެ ލަޝްކަރެއް ބިނާކުރުން
  • ވަރުގަދަ އިދާރީ އޮނިގަނޑެއް ތަޢާރަފުކުރުން

މި ހަމަޖެހުމުގެ ސަބަބުން އިންޑިއާގެ އިޤްތިޞާދު މުޅި ބައްރުގެ ފެންވަރުގައި ކުރިއަރައިގެންދިޔައެވެ.

މުޣަލް ދައުރުގައި އިޤްތިޞާދީ ރަންޒަމާން

އިންޑިއާއަކީ ބާބަރްގެ ކުރިންވެސް މުއްސަނދި ތަނެކެވެ. ނަމަވެސް މުޣަލް ރަސްކަލުން އެ މުއްސަނދިކަން އިތުރުކޮށް ދެއްވިއެވެ. ދެމެހެއްޓެވިއެވެ. ދުނިޔޭގެ ފޭރާމުގެ ބާޒާރުގެ ބޮޑު ބައެއް ކޮންޓްރޯލްކުރީ އިންޑިއާއިންނެވެ. ބެންގާލްގެ ފޭރާމާއި ގުޖުރާތުގެ ކަފަ އަދި ޑެކަންގެ ފަށުވި ފަދަ އުފެއްދުންތައް މުޅި ދުނިޔެއަށް އެކްސްޕޯޓްކުރެވުނެވެ.

އޭގެ އިތުރުން އާގްރާ އާއި ލާހޯރާއި ދިއްލީ ފަދަ ރަށްތައް ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ކުރިއަރާފައިވާ ސިޓީތަކަށް މުޣަލް ރަސްކަލުންގެ ބެލުމުގެ ދަށުން ވެގެންދިޔައެވެ. އެ ތަންތާނަގައި ފެންނާން ހުރި މުޣަލް އިމާރާތްތައް އެކަމަށް ހެކި ދެއެވެ. ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ކޯރުތަކާއި ފެން އާރުތަކުގެ ނިޒާމުތައް ފުޅާކުރެވުނެވެ. އެ ޒަމާނުގެ ޔޫރަޕްގެ ދަތުރުވެރިން ލިޔެފައިވާ ތިޔުންތަކުން އެނގޭ ގޮތުގައި އިންޑިއާގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ޔޫރަޕްގެ ރައްޔިތުންނަށްވުރެ މާ ރަނގަޅެވެ. ކާބޯތަކެތީގެ ރައްކާތެރިކަން އޮތީ ކަށަވަރުވެފައެވެ. އަދި ޓެކްސްގެ ނިޒާމު އޮތީ އާންމުންނަށް ލުއިގޮތަކަށެވެ.

ބާބަރްގެ ޙަޤީޤީ ޚިދުމަތް: ދައުލަތުގެ މުއައްސަސާތައް ބިނާކުރުން

ބާބަރް ތައާރަފް ކުރެއްވި އެންމެ މުހިންމު އިޞްލާޙަކީ އަމިއްލަ އެދުމުން ފުރިގެންވީ ރާޖުޕޫތު ވެރިންގެ ބާރުތައް ކަނޑުވާލައި އާންމު ދަނޑުވެރިން ޙިމާޔަތްކުރެއްވުމެވެ. އޭނާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވައި ޤާނޫނުގެ ބާރު ދަމަހައްޓަވާފައެވެ.

އަސްކަރީ ގޮތުން ބަލާއިރު ބަޑިބޭހާއި ބޮޑުބަޑީގެ ބޭނުން ފުރަތަމަ ފަހަރަށް އިންޑިއާ ބައްރަށް ތަޢާރަފު ކުރެއްވިއެވެ. ބޭރުގެ ނުރައްކާތަކުން އިންޑިއާ ބައްރު ސަލާމަތްކުރެއްވިއެވެ. އޭނާގެ ފަހުން ވަޑައިގަތް ވެރިން ވެރިކަން ކުރެއްވީ ބާބަރް ތައްޔާރުކުރެއްވި ނިޒާމަށެވެ.

ސަގާފީ އަދި ޢިލްމީ ދިރުން

ބާބަރްގެ ފަތަހައަށް ފަހު އިންޑިއާގެ ސަގާފަތަށް ބޮޑު ދިރުމެއް އައެވެ. ކުރެހުމުގެ ފަންނާއި މެދުއޭޝިއާގެ ސަގާފަތް އެކުލެވޭ ފަރުމާކުރުންތަކާއި މިއުޒިކްގެ އާ އުޞޫލުތައް ތަޢާރަފުވިއެވެ.
ބަގީޗާތައް ހެދުމާއި ސިޓީތައް ރޭވުންތެރިކަމާއެކު ބިނާކުރަން ފެށުނެވެ.
ފާރިސީ ބަހާއި ސަންސްކްރިތް ބަހުގެ އަދަބިއްޔާތު ކުރިއަރައިގެންދިޔައެވެ.
މިއީ ފޭރުމެއް ނޫނެވެ. މިއީ ތަފާތު ސަގާފަތްތައް އެއްކޮށްލައިގެން އުފެއްދި އާ ހޭލުންތެރިކަމެކެވެ.

ބާބަރްއަކީ ބާނީއެއް،

އިންޑިއާގެ އިޤްތިޞާދީ އިނދެޖެހުން ފެށުނީ އިނގިރޭސިން އިންޑިއާ ލޫޓުވަން ފެށުމުންނެވެ. އެކަން ފެށުނީ މުޣަލް ދައުރުގައެއް ނޫނެވެ. އެކަން ފެށުނީ 300 އަހަރު ފަހުން މުޣަލް ދައުލަތް ބަލިކަށިވެ އިނގިރޭސިންގެ އިސްތިޢުމާރީ ބާރު ގަދަވި ހިސާބުންނެވެ.

500 އަހަރުގެ ތާރީޚުން އެނގެން އޮތީ ބާބަރް އިންޑިއާ އެއްބައިވަންތަކުރެއްވި ކަމެވެ. އޭނާ ހަމަޖެހުން ޤާއިމުކުރެއްވިއެވެ. އަދި އިންޑިއާގެ ރަންޒަމާނަށް މަގުކޮށައިދެއްވިއެވެ. ބާބަރް އިންޑިއާގެ އަލިކަން ފަނޑެއް ނުކުރައްވައެވެ. އޭނާ ބިނާކުރެއްވީ އެ އަލިކަން މުޅި ދުނިޔެއަށް ދައްކައިދިން ބޮޑު ނަމެކެވެ.

ހިއްސާ ކުރައްވާ!