އީލޮން މަސްކުގެ ޓްރިލިއަން ޑޮލަރުގެ މުއްސަދިކަމާއި އަލްޢިމްރާން ސޫރަތުގެ އާޔަތް

ކީރިތި ޤުރުއާނުގެ ބަރަކާތްތެރި އާޔަތްތަކުގެ މަތިން ހަނދާންކޮށް، އެ އާޔަތްތަކުގެ ފުން މާނަތަކާމެދު ފިކުރު ހިންގާލުމަކީ ކޮންމެ މުއުމިނެއްގެ ހިތަށް ދިރުންލިއްބައިދޭ ކަމެކެވެ. ކޮންމެ ފަހަރަކު އާލްޢިމްރާން ސޫރަތުގެ އެ އާޔަތަކާ ހަމައަށް ދެވުމުން، ވިސްނާ މީހަކު ވިސްނުމުގެ ފުން ކަނޑަކަށް ޣަރަޤުވެއެވެ. އެއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ، ނަމަވެސް މުޅި ކާއިނާތަށްވުރެ ބަރުދަން ހުރި ބޮޑު ނިޢުމަތެއްގެ އިޙްސާސެއްގެ ތެރެއަށް މީހާ ޣަރަގުވާ ޣަރަގުވުމެކެވެ.

ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ބާވައިލެއްވި މި މާތް ވަޙީބަސްފުޅެވެ.

 إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ
ހަމަކަށަވަރުން، ކާފިރުވެ، އަދި ކާފިރުން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން ފިދުޔަ ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން ޤަބޫލު ނުކުރައްވާހުށްޓެވެ.  އާލަޢިމްރާން 91

މި އާޔަތާ މެދު ފިކުރުކުރާ ކޮންމެ ފަހަރަކު، ހިތަށް އަރައެވެ. މި ވަގުތު މި ބިން މަތީގައި ހުރި އެންމެ މުއްސަނދި އިންސާނަކީ ކާކު ހެއްޔެވެ؟
އެއީ މަޝްހޫރު މަހުޖަނު އީލޮން މަސްކެވެ. އޭނާގެ މުއްސަނދިކަން މިހާރު ވަނީ 7އެތައް ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

ނަމަވެސް، މި ބޮޑު އާމްދަނީގެ ޚަބަރު ފެތުރުނުތާ އެންމެ ދުވަހެއް ފަހުން، އީލޮން މަސްކު އޭނާގެ އަމިއްލަ އެކްސް އެކައުންޓުގައި ލިޔުނު ޕޯސްޓަކުން މުޅި ދުނިޔެ ހައިރާންކޮށްލިއެވެ.

"ފައިސާއިން އުފާވެރިކަމެއް ނުގަނެވޭނެއޭ ބުނި މީހަކަށް، އޭގެ ހަގީގީ މާނަ ވަރަށް ފުރިހަމައަށް އެނގެއެވެ." އޭނާ ލިޔުނެވެ.

އެ ބަސްކޮޅާއެކު އޭނާ ހިމަނާލާފައި ވަނީ މާޔޫސް މޫނެއްގެ އިމޯޖީއެކެވެ. މުޅި ދުނިޔޭގެ މުއްސަނދިކަން ދެއަތް މައްޗަށް އޮއްސާލެވިފައިވާއިރުވެސް، ހިތުގެ ހަމަޖެހުމާއި (ސަކީނާއާއި) ހަގީގީ އުފާވެރިކަން އޭނާއަށް ވަނީ ނުލިބިފައެވެ.

ވިސްނާލަމާ ހިންގަވާށެވެ! އީލޮން މަސްކު އޭނާގެ ޓްރިލިއަން ޑޮލަރަށް ރަން ގަނެ، މި ބިން މަތީގައި އަތުރާލައިފި ނަމަ ………….

އީމާންކަމެއް ނެތި، އޭނާ މަރުވެއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ޤިޔާމަތް ދުވަހުގެ ނާމާން ވަގުތުގައި، ނަރަކައިގެ ގަދަފަދަ އަޛާބުން އަމިއްލަ ނަފްސު ސަލާމަތްކުރުމަށްޓަކައި، އެ ހުރިހާ ރަނެއް ފިދްޔައެއްގެ ގޮތުގައި މާތްﷲ ގެ ހަޟްރަތަށް އޭނާ ހުށަހެޅި ދާނެ ހެއްޔެވެ؟ ﷲ އެއިން އެއްވެސް އެއްޗެއް ޤަބޫލެއް ނުކުރައްވާނެއެވެ. ކަށްވަޅަށް ދާއިރު އެ މުއްސަނދިކަމަކީ އެމީހާއަށް އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ.

ދަންނާށެވެ! ﷲ ތިބާއަށް ދެއްވާފައިވާ ހިދާޔަތުގެ ނޫރުން ތިބާއަކީ، އީލޮން މަސްކަށްވުރެ މާ މުއްސަނދި، މާ ފާގަތި މީހެކެވެ!

ހިތުގެ ފުންމިނުން، އިޚްލާޞްތެރިކަމާއެކު ކިޔާށެވެ!

أَشْهَدُ أَنْ لَا إِلٰهَ إِلَّا اللّٰهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللّٰهِ

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން މި ތައުޙީދުގެ ކަލިމައިގެ މަތީގައި ދިރުއްވައި، މި ކަލިމައިގެ މަތީގައި މަރުގަންނަވައި، އަދި ދުނިޔެއިން ވަކިވެދާ އެންމެ ފަހު ބަހަކީ މި ކަލިމަ ކަމުގައި ލައްވާށި! އާމީން.

ހިއްސާ ކުރައްވާ!