ޢުޘްމާނީ ދައުލަތުގެ އެންމެ ވަރުގަދަ އެއް ރަސްކަލެއް ކަމުގައިވާ ސުލްޠާން ސުލައިމާން ޤާނޫނީގެ ޒަމާނަކީ، އިސްލާމީ އުންމަތާއި ޔޫރަޕްގެ ވިލާތުގެ ސޮލީބީ ބާރުތަކާ ދެމެދު ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުންތަކުގެ ދުވަސްވަރެވެ. އެ ޚަލީފާގެ އަސްކަރީ ޖިހާދުގެ މައިދާން އޮތީ ޔޫރަޕްގެ މެދުތެރޭގައެވެ. އޮސްޓްރިއާގެ ވެރިރަށް ވިއެންނާގެ ފާރުތަކާ ހަމައަށް އެޚަލީފާގެ ލަޝްކަރުތައް ފޯރައި، އެ ސިޓީ ހިސާރުކުރިއެވެ. ނަމަވެސް، ހަނގުރާމައިގެ އެންމެ ހޫނު ބޮޑު ދަނޑިވަޅުގައިވެސް، އެޚަލީފާ ފަސްއެނބުރި ބައްލަވައި، ބައިތުލް މަޤްދިސްގެ ވަށައިގެން ވަރުގަދަ ފާރެއް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.
ހަނގުރާމައިގެ މައިދާނާއި ލޭއޮހޮރުވުންތައް ޔޫރަޕްގެ ފުނުގައި ހުރިއިރު، އެޚަލީފާ ޤުދުސް ރައްކާތެރިކުރައްވަން އިސްކަންދެއްވީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ ނުހަނު ސާދާވެފައި ފުން ޖަވާބެކެވެ. ޚަލީފާއަށް ވިސްނުންތެރިކަމާއި ދުރުވިސްނޭ ބުއްދި ލިބިވަޑައިގެންފައި އޮތީތީއެވެ. އެ ކުޑަކުޑަ ސިޓީގެ މައްޗަށް އޮތް ބާރު ކެނޑި، އެތަން ބާޠިލުގެ އަހުލުވެރިންގެ އަތްދަށަށް ދިއުމަކީ، މުޅި ވެރިކަމުގެ ބިމުގެ މައްޗަށް އޮތް އިސްލާމީ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ނިޝާނެއްކަން ޚަލީފާއަށް ފުރިހަމައަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން، ތިމާގެ ލަޔާޤަތް ތަންދިން އެންމެ މަތީ ދަރަޖައަކަށް އެ ސިޓީ ރައްކާތެރިކޮށް، ބަލަހައްޓަވައި ދިފާއު ކުރެއްވިއެވެ.
ނަމަވެސް، ޒަމާންތައް ފާއިތުވެ، ތާރީޚުގެ ފޮޅުވަތްތައް ބަދަލުވެގެންދިޔައެވެ. ސުލްޠާން ސުލައިމާންގެ ކާފަދަރިކަލުން، ސުލްޠާން ޢަބްދުލްޙަމީދު ދެވަނަ ވެރިކަމުން ދުރުކުރެވުނެވެ.
އެއަށްފަހު، މީލާދީން 1917 ވަނަ އަހަރު، އިނގިރޭސިން މުސްލިމުންގެ މުޤައްދަސް ޤުދުސް ސިޓީއަށް ފައިބާ، އެތަން ހިފިއެވެ. ތާރީޚުގެ އިބުރަތްތެރި ހަގީގަތަކީ މިއީއެވެ.
ޤުދުސް އުސްމާނީ ޚިލާފަތުން ބީވިތާ ސީދާ 7 އަހަރު ފަހުން، މީލާދީން 1924 ގައި، މުޅި އުސްމާނީ ޚިލާފަތް އެކީއެކަށް ނިމުމަކަށް އައެވެ.
އުންމަތުގެ އެތައް ޤަރުނެއްގެ ކަރާމާތާއި ބާރު ހިފެހެއްޓިފައި އޮތީ އެސިޓީގެ ދިފާއީ ފާރުންނެވެ. އެ ކުޑަކުޑަ ސިޓީ ގެއްލުމާއެކު، އެންމެ ހަތް އަހަރުގެ ތެރޭގައި ޚިލާފަތު އުވިގެން ހިނގައްޖެއެވެ.
މި ތާރީޚުން އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ ސާފު ފިލާވަޅެކެވެ. ޤުދުސް ގެއްލިއްޖެ ނަމަ އުންމަތުގެ ހައިބަތް ގެއްލޭނެއެވެ!
އިސްލާމީ އުންމަތް ޢިއްޒަތާއި ސަލާމަތްކަމުގައި ލައްވާށި! އާމީން.






