އީރާނުން އިސްރާއީލަށް ދެމުންދާ ޙަމަލާތަކާއި، ލުބުނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނުން އަތްބާނަމުންދާ ދިއުމާމެދު ލުބުނާނުގެ ރައީސް ޖޯސަފް އަވުން ހިތްހަމަނުޖެހުން ހާމަކުރައްވައިފިއެވެ. އެމެރިކާގެ ސީއެންއެން އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް އަވުން ވިދާޅުވީ، އީރާނުގެ އަމިއްލަ ސިޔާސީ އަދި އަސްކަރީ މަޞްލަޙަތުތަކަށްޓަކައި ލުބުނާނު ހަލާކުގެ ތެރެއަށް ވައްޓާލައިގެން ނުވާނެ ކަމަށެވެ.
ރައީސް އަވުން ބަޔާންކުރެއްވި ގޮތުގައި، އެމެރިކާއާއެކު އީރާނުން ކުރިއަށްގެންދާ ސިޔާސީ މަޝްވަރާތަކުގައި، އަމިއްލަ ބާރު ދެއްކުމަށްޓަކައި ލުބުނާނަކީ "ސިޔާސީ ކާޑެއް" ނުވަތަ ރަހީނެއްގެ ގޮތުގައި އީރާނުން ބޭނުންކުރަމުންދާ ކަމަށެވެ. އަދި އީރާނާ ގުޅުންހުރި ސަރަޙައްދީ ހަނގުރާމަތަކުގެ ސަބަބުން ލުބުނާނުގެ ރައްޔިތުންގެ ފުރާނައާއި ގެދޮރު ގެއްލި، ބޮޑެތި ތަޙައްމަލުތަކެއް ކުރަންޖެހިފައިވަނީ ލުބުނާނަށް އެއްވެސް ފައިދާއެއް ނެތް ކަންކަމުގައި ކަމަށް ވިދާޅުވިއެވެ.
ލުބުނާނަކީ މިނިވަން މުސްތަޤިއްލު ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް އަވުން ވިދާޅުވީ، އީރާނުން ލުބުނާނާއެކު ވާހަކަދައްކަން ބޭނުންނަމަ އެކަން ކުރަންޖެހޭނީ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޛު ނުފޮރުވައި، ސީދާ ލުބުނާނުގެ ސަރުކާރު މެދުވެރިކޮށް ކަމަށެވެ. އަދި ލުބުނާނުގެ ހަމަޖެހުމަށްޓަކައި ވެވޭ އެއްބަސްވުންތަކަށް އީރާނުން ހުރަސްއަޅަމުންދާ ދިއުން އެމަނިކުފާނު ކުށްވެރިކުރެއްވިއެވެ.
ލުބުނާން ސިފައިން އިސްރޭލު ސިފައިންނާ ދިމާއަށް އެންމެ އުންޑައެއްވެސް ފޮނުވާފައެއް ނުވެއެވެ.
އިސްރާއީލާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ލުބުނާނާއި އިސްރާއީލާ ދެމެދު ފަހުގެ ނިހާއީ އެއްބަސްވުމަކަށް ނުދެވޭނީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުނުކުރައްވާނެ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ޙާލަތު ދާއިމީގޮތަކަށް ނިމުމަކަށް ގެނައުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމުގެ ދައުރަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް އަވުން ހާމަކުރެއްވިއެވެ.




