އެމެރިކާގެ މެދުވެރިކަމާއެކު 4 ދުވަސް ވަންދެން ވޮޝިންޓަންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ލުބުނާނާއި އިޒްރޭލުން "ތިން ގައުމު ބައިވެރިވާ އޮނިގަނޑެއްގެ އެއްބަސްވުމެއްގައި" ހުކުރު ދުވަހު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެކުނު ލުބުނާނުން ޔަހޫދީ ސިފައިން ލަސްލަހުން ފޭބުމާއި، އެ ސަރަހައްދުތަކުގައި ލުބުނާނުގެ ސިފައިން ފެތުރުމެވެ. ނަމަވެސް، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ ހިޒްބުاللهގެ ހަތިޔާރު ނައްތާލައި، އިޒްރޭލަށް އޮތް ނުރައްކާ ފިލައިނުދާހާ ހިނދަކު ޔަހޫދީން ތިބި އޭނާ ސިފަ ކުރާ "ސަލާމަތީ ސަރަހައްދު" ދޫކޮށް އިޒްރޭލު ސިފައިން ނުފައިބާނެ ކަމަށެވެ.
އެއްބަސްވުމުގެ މުހިންމު ނުކުތާތައް:
-
ދެކުނު ލުބުނާނުގެ ދެ ސަރަހައްދެއްގައި ޓެސްޓް ކުރުމުގެ ގޮތުން ޔަހޫދީ ސިފައިން ފައިބައި، އެތަންތަން ލުބުނާނުގެ ސިފައިންނާ ހަވާލުކުރާނެއެވެ. މިކަމުގައި އެމެރިކާގެ އަސްކަރީ އޮފިސަރުން ވެސް ހަރަކާތްތެރިވާނެއެވެ.
-
ލުބުނާނުގެ ރައީސް ޖޯސެފް އައުން ވިދާޅުވީ، މިއީ ލުބުނާނުގެ ފުރިހަމަ ސިޔާދަތު އަލުން ހޯދުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.
-
ހިޒްބުالله ޖަމާއަތް މި އެއްބަސްވުމުން އެކަހެރިކޮށް އެ ޖަމާއަތުގެ ބާރު ކަނޑުވާލުމަކީ މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް މަގްސަދު ކަމަށް ޔަހޫދީން ދެކެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ސިފަކުރެއްވި ގޮތުގައި، މިއީ އޭނާ ސިފަކުރި "ސުލްހައިގެ ދިގު ދަތުރުގެ ފުރަތަމަ ފިޔަވަޅެވެ." އަދި ވޮޝިންޓަނުން އުއްމީދު ކުރަނީ މި އެއްބަސްވުމުގެ ސަބަބުން ހަމަޖެހުން ގާއިމުވެ، ލުބުނާނާއި އިޒްރޭލުގެ ރައްޔިތުންނަށް ހަނގުރާމައިގެ ބިރުވެރިކަމެއް ނެތި ދިރިއުޅެވޭނެ މާހައުލެއް އުފެދިގެން ދިއުމެވެ.
ނަމަވެސް، މި އެއްބަސްވުމާ މެދު ހިޒްބުالله ޖަމާއަތުގެ ޚިޔާލު ތަފާތެވެ. އެ ޖަމާއަތުން މި މަޝްވަރާތައް ގަބޫލުނުކުރާ ކަމަށް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، މި އެއްބަސްވުމުގެ ކާމިޔާބީ ބިނާވެފައި ވަނީ އެ ހިސާބުގައި ހިނގާ ހަގީގީ ހަރަކާތްތަކުގެ މައްޗަށެވެ.




