ލުބުނާނާއެކު ވެފައިވާ އެއްބަސްވުމުގެ މަގްސަދަކީ އަހުލީ ހަނގުރާމައެއް ފެށުން

ލުބުނާނާއެކު އެކުލަވާލާފައިވާ އޮނިގަނޑު އެއްބަސްވުން އެމެރިކާއިން ބައްޓަންކޮށްފައިވަނީ އިސްރާއީލަށް ފައިދާވާ ގޮތަށް އަދި އަހުލީ ހަނގުރާމައަކަށް މަގު ފަހިކުރުވާ ގޮތަށް ކަމަށް ތެލް އަވީވްގެ ސިޔާސީ މަސްދަރުތަކުން ހާމަކޮށްފިއެވެ. އިސްރާއީލުގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ލުބުނާން ސަރުކާރަށް އަމަލުކުރަން ދަތި، ވަރަށް އުނދަގޫ ޝަރުޠުތަކެއް ވަނީ ހިމަނާފައެވެ. މީގެ ސަބަބުން ލުބުނާނުގެ ދެކުނުގައި ޖެނޮސައިޑް ސިފައިން ދެމިތިބުމުގެ ފުރުޞަތު ފަހިވެ، އަދި ފަހުގެ މަރުޙަލާއެއްގައި ލުބުނާނުގެ މަސްރަޙު އަލުން ބައްޓަންކުރުމަށް ޔޫރަޕާއި ސަރަހައްދީ ބާރުތަކަށް ވަދެގަތުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

އިސްރާއީލުގެ މައާރީވް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލާ ގުޅިގެން ތައްޔާރުކުރި މި އެއްބަސްވުން ފަރުމާކޮށްފައިވަނީ ވަރަށް ރޭވުންތެރި ހިޔަޅު ގޮތަކަށެވެ. މި އެއްބަސްވުމުގެ ދަށުން ޙިޒްބުﷲގެ އަސްކަރީ އޮނިގަނޑު ނައްތާލުމުގެ ޒިންމާ ލުބުނާން ސަރުކާރުގެ ބޮލުގައި އެޅުވޭއިރު، ލުބުނާނަށް އެކަން ނުކުރެވިއްޖެ ނަމަ، އިސްރާއީލަށް އެ ގައުމުގެ އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި ސަލާމަތީ ސަރަހައްދެއް ދެމެހެއްޓުމަށް ހުއްދަ ލިބިގެންދާނެއެވެ.

އަސްކަރީ މަސްދަރުތަކުން ބުނާގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ލުބުނާނުގެ އެތެރޭގައި އަހުލީ ހަނގުރާމައެއް އުފެދި ބޭރުގެ ބާރުތަކުން އެ ގައުމުގެ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް ފުރުޞަތު ލިބޭނެއެވެ. އަދި ގައުމުގެ އެތެރޭގެ މަސްރަޙު ގޯސްވެ، ބޮޑެތި ކުރިމަތިލުންތަކެއް ހިނގައިދާނެ ފަދަ ނުރައްކާތެރި ޙާލަތްތަކަކަށް އަވަހަށް މަގުފަހިވެގެންދާނެ ކަމަށްވެސް އަންދާޒާކުރެވެއެވެ.

އިސްރާއީލުގެ އުތުރުގެ ރޭޑިއޯއަކަށް ދިން ބަސްދީގަތުމެއްގައި، އިރުމަތީގެ ކަންކަމާ ބެހޭ މާހިރެއް ކަމަށްވާ މޯޝޭ އީލާދު ބުނެފައި ވަނީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ތަޖުރިބާއަށް ބަލާއިރު، ލުބުނާނުގައި ހިނގާ ހަނގުރާމަތައް ނިމުމަކަށް އަންނަނީ ގައުމުގައި ހަމަޖެހުން ގާއިމުކުރުމުގެ ނަމުގައި ޔޫރަޕުގެ ގައުމުތަކާއި ތުރުކީ ފަދަ ބައިނަލްއަގުވާމީ ބާރުތަކުން އެ ގައުމުގެ ސިޔާސީ މަސްރަޙަށް ވަދެ، އާ އިންތިޒާމުތަކެއް ކަނޑައެޅުމަށްފަހުގައެވެ.

ހިއްސާ ކުރައްވާ!