މިޞްރުގެ މަޝްހޫރު ޒަމާލިކް ކްލަބުގެ ބޯޑުން މިހާރު ތަޙައްމަލު ކުރަމުންދާ މާލީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް، އެ ކްލަބު ހިންގާ މީތު ޢަޤަބާގެ ބިމުގެ ކުލި އެ ޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރަތުލް އައުޤާފް އިން ބޮޑުކުރުމާ ގުޅިގެން އައު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އައުޤާފް މިނިސްޓްރީން ވަނީ އެ ބިމުގެ ކުލީގެ އެއްބަސްވުން ކުރިއާ އަޅާބަލާއިރު 4700 އިންސައްތަ ބޮޑުކޮށްފައެވެ. ކުރިން އަހަރަކު އެންމެ 5ލައްކަ މިޞްރު ޕައުންޑް ދައްކަމުންދިޔަ އެ ބިމަށް، މިހާރު މަހަކު 2 މިލިއަން ޕައުންޑް ދެއްކުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. ނަމަވެސް، ކްލަބަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ޒަމާލިކުން ވަނީ މި އައު އަގަށް ފައިސާ ދެއްކުމަށް އިންކާރުކޮށްފައެވެ.
މިނިސްޓްރީން ބުނާގޮތުގައި، މި އައު އަގަކީ އެ ބިމުގެ ޙަޤީޤީ މާކެޓް އަގަށް ބެލުމަށްފަހު ކަނޑައެޅި އިންޞާފުވެރި އަދަދެކެވެ. އެހެންނަމަވެސް، މިޞްރުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި މި ނިންމުމަކީ އަދި ނިހާއީ ނިންމުމެއް ނޫނެވެ. ދެ ފަރާތަށްވެސް އެއްބަސްވެވޭފަދަ ޙައްލަކަށް ދިއުމަށްޓަކައި، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ އިސް ބޭފުޅެއްގެ ހާޒިރުގައި ރަސްމީ މަޝްވަރާތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި ކްލަބުގެ އަތުން ބިމުގެ މިލކުވެރިކަން އަތުލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ބޭނުމަކީ ހަމައެކަނި އެއްބަސްވުން އައުކުރުން ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި މައްސަލަ ކުރިމަތިވެފައި މިވަނީ، މާލީ ދަރަނިތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ފުޓްބޯޅަ އިދާރާ (ފީފާ) އިން ޒަމާލިކަށް އައު ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭގޮތަށް ތަކުރާރުކޮށް އަދަބުދެމުންދާ ދަނޑިވަޅެއްގައެވެ. ކްލަބުގެ މެނޭޖްމަންޓުން ދަނީ އައު ސީޒަން ފެށުމުގެ ކުރިން މި އަދަބުތަކުން ސަލާމަތްވުމަށްޓަކައި، ކްލަބުގެ ޚާއްޞަ އެޕްލިކޭޝަނުން ލިބޭ އާމްދަނީ ބޭނުންކޮށްގެން ދަރަނިތައް ޚަލާޞްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.







