iftha
iftha

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ކިޔުމަކީ މުސްތަޙައްބު ކަމެއް: މިޞްރުގެ ދާރުލް އިފްތާއު

ކުރިއަށް މި ފެށޭ ހިޖުރީ އައު އަހަރު ފެށުން (ޖޫން 16 ގައި) ކައިރިވަމުން އަންނާތީ، އައު އަހަރުގެ ތަހުނިޔާ ބަދަލުކުރުމުގެ ޙުކުމާ ބެހޭގޮތުން މިޞްރުގެ ދާރުލް އިފްތާއާ ސުވާލު ކުރެވުނެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ދީނުގައި ބަޔާންވެގެންވާ ޢީދެއް ނޫން ކަމުން، ތަހުނިޔާ ބަދަލުކުރުމަކީ ބިދުޢަ އެކެވެ.

މިކަމަށް ޖަވާބުދެމުން ދާރުލް އިފްތާއިން ބަޔާން ކޮށްފައިވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ކިޔުމަކީ ޝަރުޢީގޮތުން މުސްތަޙައްބު (އެދެވިގެންވާ) ކަމެއް ކަމަށެވެ.

ތަހުނިޔާ ކިޔުން އެދެވިގެންވާ ސަބަބުތައް

  • ހިޖުރައިގެ ޛިކުރާ އާވުން: މީގެ ސަބަބުން ކީރިތި ރަސޫލާ ﷺ އާއި އަޞްޙާބު ބޭކަލުން ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާ ހަނދާންވެ، އެއިން ޢިބުރަތް ލިބިގަނެވެއެވެ.
  • ﷲގެ ދުވަސްތައް ހަނދާންކުރުން: މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކާއި "އައްޔާމުﷲ" (ﷲގެ ބޮޑެތި ހާދިސާތައް ހިނގާފައިވާ ދުވަސްތައް) ހަނދާންކުރުމަށް ޝަރުޢީގޮތުން ބާރުއަޅައެވެ.
  • ދިރިއުޅުމުގެ ނިޢުމަތް އާވުން: އައު އަހަރެއް ފެށުމަކީ މާތްﷲ އިންސާނާއަށް ދެއްވާ އައު ފުރުޞަތެއް އަދި ދިރިއުޅުމުގެ ނިޢުމަތް އިތުރުވުމެކެވެ.

"އެއީ ބިދުޢައެއް" ކަމަށް ކުރާ ދަޢުވާއަށް ރައްދު

ދާރުލް އިފްތާއިން ބަޔާންކުރި ގޮތުގައި، އައު އަހަރު ފެށުމަކީ ރަސްމީ ޢީދެއް ނޫން ކަމަށް ބުނެ ތަހުނިޔާ ކިޔުން މަނާކުރާ މީހުންގެ ވާހަކަ ރައްދުކުރެވެނީ އަންނަނިވި ސަބަބުތަކާ ހުރެއެވެ:

  1. ތަހުނިޔާ ހަމައެކަނި ޢީދަށް ޚާއްޞައެއް ނޫން:
    ދީނުގައި ތަހުނިޔާ ކިޔުން ހުއްދަ ވެގެންވަނީ ހަމައެކަނި ޢީދުތަކުގައެއް ނޫނެވެ. ކޮންމެ ނިޢުމަތެއް ލިބޭ ހިނދެއްގައި ނުވަތަ ބަލާއަކުން ސަލާމަތްވާ ހިނދެއްގައިވެސް ތަހުނިޔާ ކިޔުން ހުއްދައެވެ.

  2. ބަހުގެ ގޮތުން "ޢީދު" ގެ މާނަ:
    އަހަރުން އަހަރަށް ތަކުރާރުވާ ކޮންމެ އުފާވެރި ކަމަކަށް ބަހުގެ މާހިރުން "ޢީދު" ގެ ނަމުން މުޚާޠަބުކުރެއެވެ. އެއީ އެކަމެއް ތަކުރާރުވެ އެނބުރި އަންނާތީއެވެ.
    ބަހަވީ އިލްމުގެ އިމާމް އަޒްހަރީ "تهذيب اللغة" ގައި ވިދާޅުވެފައިވެއެވެ: "ޢީދަކީ މީހުން އެއްވާ ކޮންމެ ދުވަހެކެވެ. އެކަލިމަ ނެގިފައިވަނީ 'އަލްޢައުދު' (އެބަހީ: އެނބުރި އައުން ނުވަތަ އިއާދަވުން) މިލަފްޒުންނެވެ."
    އިބްނުލް އަޢުރާބީ ވިދާޅުވިއެވެ: "ޢީދަށް ޢީދޭ ކިޔުނީ، ކޮންމެ އަހަރަކުވެސް އައު އުފާވެރިކަމަކާއެކު އެދުވަސް އެނބުރި އަންނާތީއެވެ."

ވުމާއެކު، ހިޖުރީ އައު އަހަރުގެ ތަހުނިޔާ ބަދަލުވުމަކީ އުފާވެރިކަމާއެކު ތަހުނިޔާ ބަދަލުކުރުން ހުއްދަ، މުސްތަޙައްބު ކަމެކެވެ. (ދާރުލްއިފްތާ)

ހިއްސާ ކުރައްވާ!