ބާރުގަދަ މީހުންނަށް ދެވޭ ވަގުތު: ޙަޤީޤަތަކީ ކޮބާ؟

ދުނިޔަވީ ހަޔާތުގައި، ބާރާއި ނުފޫޒު އަދި މުދަލުގެ ތަނަވަސްކަން ލިބިފައިވާ މީހުން، ގިނަ ފަހަރަށް ހީކުރަނީ އެމީހުންގެ އަމަލުތަކަށް އެއްވެސް ޖަވާބުދާރީވުމެއް ނެތް ކަމަށެވެ. އެމީހުންގެ ތަނަވަސްކަމަކީ އެމީހުންގެ ކުށްތައް ފޮރުވޭނެ އައްޑަނައެއް ކަމަށް ދެކެއެވެ. ނަމަވެސް، މުއްސަނދިކަމާއި ފައިސާވެރިކަމުގެ ދަޅައިގައި ޖެހި ހައްޤު ބަހަށް ފުރަގަސްދޭ މީހުންނާ މެދު ކީރިތި ޤުރުއާނުގައި ވަރަށް ސާފު އިންޒާރެއް އައިސްފައިވެއެވެ.

ސޫރަތުލް މުއްޒައްމިލްގެ 11 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ރަސޫލާ ﷺ އަށް ވަޙީކުރައްވަނީ މިފަދައިންނެވެ.

﴿وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا﴾
"ފައިސާވެރި، ދޮގުކުރާ މީހުން ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު ކުޑަވަގުތުކޮޅަކަށް އެއުރެންނަށް مهلة (މުހުލަތު) ދެއްވާށެވެ!"

އިމާމް އިބްނު ކަޘީރު (رحمه الله) މި އާޔަތުގެ ތަފްސީރުގައި ފާހަގަކުރައްވާ ގޮތުގައި، މިތަނުގައި (أُو۟لِى ٱلنَّعْمَةِ) ނުވަތަ "ތަނަވަސްކަމުގެ ވެރިން" ކަމަށް މި މުޚާޠަބުކުރަނީ މުދަލާއި ބާރުގެ ގޮތުން ފުދިފައިވާ މީހުންނަށެވެ.

މުއްސަނދިކަމަކީ ހަމައެކަނި ފައިދާއެއް ނޫނެވެ. އެއީ ބޮޑު ޒިންމާއެކެވެ. ﷲ އަށް ކިޔަމަންތެރިވުމުގެ ޤާބިލުކަން އެމީހުންނަށް މާ ބޮޑަށް ލިބިފައިވާއިރު، އެމީހުންގެ ކިބައިން އެދެވޭ ޙައްޤުތަކަކީ އެހެން އާދައިގެ މީހުންނަށް ވުރެ ގިނަ އެއްޗެކެވެ. ނަމަވެސް، އެ ތަނަވަސްކަމުގެ ތެރޭގައި ޣާފިލުވެ، ހައްޤުތަކަށް ފުރަގަސްދޭ މީހުންނަށް ﷲ ދެއްވަނީ "ކުޑަ މުހުލަތެކެވެ." އެއީ ދުނިޔޭގެ ވަގުތީ އުފަލުގައި ހިތްހަމަޖައްސާލުމަށް ލިބޭ މަދު ދުވަސްތަކެކެވެ.

ލުޤުމާން ސޫރަތުގައިވެސް މިވާހަކަ ބަޔާން ކުރައްވައެވެ!

نُمَتِّعُهُمْ قَلِيلًۭا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍۢ ٢٤
ކުޑަހިނދުކޮޅަކަށް އެއުރެންނަށް ތިމަންރަސްކަލާނގެ (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ގަދަފަދަވެގެންވާ عذاب އަކަށް އެއުރެން ހުށަހަޅުއްވާ ހުށީމެވެ.

ސޫރަތުލް މުއްޒައްމިލްގައި ވަރަށް ސާފުކޮށް ބަޔާންކުރައްވަނީ:

﴿إِنَّ لَدَيْنَآ أَنكَالًۭا وَجَحِيمًۭا. وَطَعَامًۭا ذَا غُصَّةٍۢ وَعَذَابًا أَلِيمًۭا﴾
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޙަޟްރަތުގައި ކަސްތަޅުތަކާއި ނަރަކަވެއެވެ. އަދި ކަރުގައި އަޅައިގަންނަ ކާނާއާއި، ވޭންދެނިވި ޢަޛާބުވެސްމެއެވެ."

މިއީ ހަމައެކަނި ޢަޛާބެއްގެ ވާހަކައެއް ނޫނެވެ. މިއީ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ހައްޤަށް ދޮގުހެދި މީހުންނަށް އޮތް "ބަދަލު ދިނުމުގެ ނިޒާމު" އެވެ.

ޤުރުއާނުގެ މި އާޔަތްތަކުން އަޅުގަނޑުމެންނަށް ދޭ މެސެޖަކީ، އިންސާނީ ޢަދުލު އިންސާފު ލަސްވި ނަމަވެސް، ﷲގެ ޙަޟްރަތުގައިވާ ޢަދުލުވެރިކަމުން އެކަކަށް ވެސް ރެކިގަނެވޭނެ ގޮތެއް ނެތް ކަމެވެ.

މުއްސަނދިކަމުގެ ލިސްޓުތަކުން މީހުންގެ ނަންތައް ފެނުނަސް، ﷲގެ ޙަޟްރަތުގައި އޮތް ލިސްޓަކީ އެމީހުންގެ އަމަލުތަކުގެ ލިސްޓެވެ. އެއީ ދުވަހަކުވެސް ނުފޮހެވޭނެ، ޖަވާބުދާރީ ވާންޖެހޭނެ ހަޤީޤަތެކެވެ.

ހިއްސާ ކުރައްވާ!