މިއަދުގެ މި ޒަމާނުގައި، ޑިޖިޓަލް ނޮޓިފިކޭޝަންތަކުގެ އަޑުފަށްގަނޑުގެ ތެރޭގައި ދުނިޔެ ގުގުމާލާފައިވާއިރު، އިންސާނާ އަމިއްލަ ނަފްސާ މި ސުވާލު ކޮށްލަން ޖެހެއެވެ. މި ކުދިކުދި ސްކްރީންތަކުގެ ތެރެއަށް ޣާފިލުވުމުން އަހަރުމެން ޚާލިޤުވަންތަ އިލާހު ހަނދާން ނައްތައިލީ ހެއްޔެވެ؟ "އިލާހީ ގުޅުން" ދޫކޮށްފައި އަހަރުމެންނަށް މި ޚިޔާރު ކުރެވުނީ "ޑިޖިޓަލް ދަހިވެތިކަމެއް" ހެއްޔެވެ؟
މިއަދުގެ އަހަރަމެންގެ ޙާލަތަށް ބަލާލައިފިނަމަ، ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ނަމާދު ފުރިހަމަކޮށް، ސަލާމް ދިނުމާއެކު އަތް ދަނީ ޖީބުގައި އޮތް ފޯނާ ދިމާއަށެވެ. ހީވަނީ ފޯނު ނެތިއްޔާ ދިރިއުޅުން ކުރިއަށް ނުދާނެ ހެންނެވެ.
"ގުޅުން ބަދަހިކުރާ" ވަސީލަތެއްގެ ނަމުގައި އައި މި ފޯނު، މިއަދު މި ވަނީ ގުޅުންތައް ކަނޑާލާ، ހުރަހަކަށް ވެފައެވެ. މި ފޯނުތަކުގެ ސަބަބުން އަޅާއާއި އޭނާގެ ވެރި ރައްބާ ދެމެދު އޮންނަން ޖެހޭ ގުޅުންވެސް ދުރުވެފައި ވެއެވެ.
މުސްލިމު ދިރާސާވެރިން ފާހަގަ ކުރާވާ ގޮތުގައި، އަހަރުމެން މިއަދު މި އުޅެނީ "ޕްލާސްޓިކް" އަޅުވެތިކަމެއްގެ ތެރޭގައެވެ. ޔޫޓިއުބުގެ ދީނީ ވީޑިއޯތައް ބަލައި، ހިތްތައް އަތުލާފަދަ ނަސޭހަތްތައް ޝެއާ ކޮށް، ވަގުތީ އުފަލެއް ލިބުނު ކަމުގައި ވިޔަސް، އެކަމުގެ އަސަރު ހުންނަނީ ހަމައެކަނި ސްކްރީނުގެ އަލިކަމާ އެއްވަރުގެ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެތަކެތި ގިނަ ގިނައިން ބެލުމަކީ ﷲ އާ ގާތްވުން ކަމަށް ހީކޮށް އަހަރުމެން މި ތިބީ އޮޅިފައެވެ. ހަގީގަތަކީ، ހިތަށް ބޭނުންވަނީ ނޮޓިފިކޭޝަންތަކުގެ އަޑެއް ނެތް، ހަމަހިމޭންކަމުގެ ތެރޭގައި ޚުޝޫޢަތްތެރިކަމާއެކު ﷲ ހަނދުމަކުރުމެވެ.
އިބްނުލް ޤައްޔިމް ރަހިމަހުﷲ ވިދާޅުވެފައިވެއެވެ: "ﷲ ގަންދީ ބުނަމެވެ! ﷲ ގެ ވާގިފުޅު ތިބާގެ ކިބައިން ފިލައިގެން ދިޔައީ، ﷲ ފިޔަވައި އެހެން ފަރާތްތަކާ ތިބާ މާ ބޮޑަށް ގުޅުމުންނެވެ."
ސޯޝަލް މީޑިއާގެ މި ހަލަބޮލި ކަމުގެ ތެރޭގައި ޣަރަގުވެ، ގެއްލިގެން މި ދަނީ އިޖުތިމާއީ އަދި އާއިލީ ހިތް ހަމަޖެހުމާއި ސުކޫނެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ٩
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް اللَّه ހަނދުމަކުރުމުން ތިޔަބައިމީހުން مشغول ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ. 63:9
ޤުރުއާން ބާވައިލެއްވި ޒަމާނުގައި ފޯނު އޮތްނަމަ، ﷲ ހަނދުމަކުރުމުން އިންސާނާ ޣާފިލުކުރާ އެންމެ އިސް އެއްޗަކީ ހަމަކަށަވަރުންވެސް ފޯނު ކަމުގައި ވީހެވެ. މިއަދުގެ ޓެކްނޮލޮޖީގެ އަލްގޮރިދަމް ބިނާވެފައިވަނީ "ސަމާލުކަން ގެއްލުވާލުމުގެ" މައްޗަށެވެ. މިއީ ނަމާދުގައި މީހާ އިހުސާސް ކުރަން ޖެހޭ ޚުޝޫޢަތްތެރިކަމާ މުޅިން އިދިކީލި ކަމެކެވެ. ކޮންމެ ތިން ސިކުންތަކުން އެއްފަހަރު ބަލައިލާ އެއްޗަކަށް ލޯ ބަދަލުކުރުމަށް އާދަވެފައިވާ ހިތަކަށް، ނަމާދުގައި ހިތްހަމަޖެހި، މަޑުމައިތިރިކަން ލިބޭނީ ކިހިނެއް ހެއްޔެވެ؟
އަހަރުމެންގެ ރޫޙާނީ ދިރިއުޅުން މި ވަނީ އައްސިވެފައެވެ. އަހަރުމެންގެ ހިތްތައް މިވަނީ ފުރޭންޏެއް ފަދައިންނެވެ. ފުރޭންޏަކުން ފެން ފައިބައިގެންދާ ފަދައިން، ހިތަށް ލިބޭ މަތިވެރި ނަސޭހަތްތަކާއި ފިލާވަޅުތައް ހިތުގައި ހަރުނުލައި ދަނީއެވެ. އެހެންކަމުން ޢަމަލުތަކަށް ބަދަލެއް ނާދެއެވެ.
އަހަރުމެންނަށް ﷲ ގެއްލުނީކީ ނޫނެވެ. ﷲ ގެ ހުސްތާހިރުވަންތަ ކަމާއެވެ!
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ ١٦
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ. (50:16)
އަހަރުމެންގެ ފޯނުތައް މިވަނީ އަހަރުމެންނާއި ހަގީގަތާ ދެމެދު އޮތް ބޯ ފަރުދާތަކަކަށް ވެފައެވެ. ދުނިޔޭގެ ޚަބަރުތައް ސިކުންތުކޮޅެއްގެ ތެރޭގައި އަހަރުމެންނަށް އެނގެއެވެ. ނަމަވެސް ﷲ ގެ ހަޟްރަތުގައި އަހަރުމެންގެ ހިތްތަކުގެ ޙާލަތު އޮތީ ކިހިނެއްކަން އަހަރުމެންނަށް ނޭނގެއެވެ.
މީގެ ހައްލަކީ ފޯނުތައް ހަލާކުކޮށްލުމަށްފަހު ހޮހަޅަތަކަށް ފިލުމެއް ނޫނެވެ. އިސްލާމްދީނަކީ ދުނިޔެ އާރާސްތުކުރާ ދީނެކެވެ. އެކަހެރިވެގަންނަ ދީނެއް ނޫނެވެ. ހައްލަކީ ޓެކްނޮލޮޖީގެ މައްޗަށް ވިސްނުންތެރިކަމާއެކު ވެރިވެގަތުމެވެ.
- ފޯނުން ވަދެގެން ނުވާނެ "ސަލާމަތީ ސަރަޙައްދުތަކެއް" ރޫޙަށްޓަކައި ކަނޑައަޅާށެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހުބައިގައާއި ފަތިސް ނަމާދަށްފަހު އެވެ.
- ފޯނަކީ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ހެދުމުގެ ބަދަލުގައި، އެއީ ހަމައެކަނި ވަސީލަތެއްގެ ގޮތުގައި ބަލާށެވެ. އަދި ސަމާލުކަން ގެއްލުމުން ދުރުވުމަށް "ޛިކުރު" ކުރުމަށް އިސްކަންދޭށެވެ.
- ސްކްރީނަކީ ހަމައެކަނި އެކުވެރިޔާ ކަމުގައި ނުހަދާށެވެ. އަދި އަހަރުމެން ޣާފިލުވާއިރު ﷲ ހަނދުމަކޮށްދޭނެ ހަގީގީ އެކުވެރިންނާއެކު ވަގުތު ހޭދަކުރާށެވެ.
ފަސޭހައިން ޣާފިލު ވެވޭ މި ޒަމާނުގައި ﷲ އާ ގާތްވުމަށްޓަކައި، ހަގީގީ ދިރިއުޅުމާ ގުޅުމަށްޓަކައި ވާޗުއަލް ދުނިޔެއިން ވަކިވެގަތުމުގެ ހިތްވަރު ބޭނުންވެއެވެ. ﷲއާ ކުއްތަން ވުމަކީ "ޓްރެންޑް" ތަކުގެ ތެރޭގައި ޖެހުމެއް ނޫނެވެ.
އެކަލާނގެ ވަނީ އެކަހެރިވެއްޖެނަމަ ތެދުވެރި ހިތަކާއެކުގައެވެ. ހަނދުމަކޮށްފިނަމަ ޚުޝޫޢަތްތެރި މީހަކާ އެކުގައެވެ. ހަމަހިމޭންވެއްޖެނަމަ މަޚްލޫޤުންގެ އަޑުތަކުގެ ބަދަލުގައި ޚާލިޤުވަންތަ ރައްބުގެ ގާތްކަން އިޙްސާސްކުރެވޭ ހިތަކާއެކުގައެވެ.







