އަންހެނުންނާއި ފިރިހެން އަތާއި އަތް ޖޯޑުކޮށް ސަލާން ކުރުން

މިސްރުގެ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުގެ މެންބަރު އައްޝައިޚް ޚާލިދު އަލްޖުންދީ ވިދާޅުވާ ގޮތުގައި، ދަންނަބޭކަލުންގެ މެދުގައި ޚިލާފު ހުރި ފިޤުހީ މައްސަލަތަކާ މެދު ވާހަކަދައްކާއިރު، ހަރުކަށިވުމާއި ވަކި ގޮތެއް ކަނޑައަޅައި ޙުކުމްތައް ނެރުމާ ދުރުހެލިވާންޖެހެއެވެ. އަދި އެފަދަ މައްސަލަތަކުގައި ބޭނުންވަނީ ވިސްނުންތެރިކަމާއި ހޭލުންތެރިކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޢިލްމުވެރިންގެ ދައުރަކީ ޝަރުޢީ ޙުކުމްތަކާއި ފިޤުހުވެރިންގެ ތަފާތު ރައުޔުތައް ބަޔާންކޮށްދިނުމެވެ. އެއީ ޢިލްމުވެރިންގެ މެދުގައި އިޖުތިހާދު ކުރެވިފައިވާ މައްސަލަތަކުގައި، ހުރިހާ އެންމެންގެ މައްޗަށް އެއް ރައުޔެއް މަޖުބޫރުކުރުމެއް ނޫނެވެ.

ފިޤުހީ ޚިލާފުތައް ދެނެގަތުން

މިސްރުގެ "ޑީއެމްސީ" ޗެނަލުން ދައްކާ "ލަޢައްލަހުމް ޔަފްޤަހޫން" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ޚާލިދު އަލްޖުންދީ ބަޔާންކުރެއްވި ގޮތުގައި، ހިލޭ އަންހެނުންނާ ސަލާމްކުރުމުގެ މައްސަލައަކީ ޤަރުނުތަކެއް ވަންދެން ޢިލްމުވެރިން ބަހުސްކުރައްވާފައިވާ ފިޤުހީ މައްސަލައެކެވެ. ޝަރުޢީ ދަލީލުތަކާއި ނައްޞުތައް ދޭހަވާ ގޮތުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި އިޖުތިހާދުތައް ތަފާތުވެފައިވެއެވެ. އެހެންކަމުން މިއީ ފިޤުހުވެރިންގެ މެދުގައި "ޚިލާފު ހުރި މައްސަލައެއް" ގެ ގޮތުގައި ސިފަކުރެވިފައިވާ ކަމެކެވެ.

އޭނާ ވިދާޅުވީ، އަމިއްލަފުޅަށް އަންހެނުންނާ ސަލާމްކުރުމަށް ބާރުނާޅުއްވާ ކަމަށާއި، އަދި ސަލާމް ނުކޮށް ދޫކޮށްލުމަކީ ފިޤުހީ ޚިލާފުން ބޭރުވުމަށް އޮތް އެންމެ ރައްކާތެރި އަދި އެންމެ މޮޅު ގޮތް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް، ހަމައެއާއެކު، މި މައްސަލައިގެ ޠަބީޢަތް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި، މިއީ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ އިޖުމާޢުވެ ނިމިފައިވާ މައްސަލައެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިސްރުގެ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުގެ މެންބަރު އިތުރަށް ވިދާޅުވީ،

  • އިސްލާމީ ފިޤުހުގެ މުއްސަނދިކަމާއި އިޖުތިހާދުތައް ގިނަ ވުމަކީ އިސްލާމީ ޝަރީޢާގެ ޚާއްޞަ ސިފައެއް ކަމަށެވެ. ވޭތުވެދިޔަ ޒަމާންތަކުގައި ޢިލްމުވެރިން ވަނީ އިސްލާމީ ޝަރީޢަތުގެ ފަސޭހަކަމާއި، ތަފާތު ޙާލަތްތަކަށް މައްސަލަތައް ފެތުމުގެ ކުޅަދާނަކަން ސާބިތުކޮށްދޭ ތަނަވަސް ފިޤުހީ ތަރިކައެއް ދޫކުރައްވާފައެވެ. މައްސަލައެއްގައި "ޚިލާފެއް އެބައޮތް" ކަމަށް ބުނުމުގެ މާނައަކީ، ޝަރުޢީ ދަލީލުތަކާއި އިޖުތިހާދުތަކުގެ މައްޗަށް ބިނާވެފައިވާ އިޢުތިބާރު ހުރި ފިޤުހީ ރައުޔުތަކެއް އެ މައްސަލާގައި އޮތުމެވެ.

އެހެންކަމުން، މަޤްބޫލު އިޖުތިހާދުގެ އިމުގެ ތެރޭގައި ހިމެނޭ މިފަދަ ރައުޔުތަކުން ކުރެ ރައުޔެއްގައި ހިފާ މީހަކީ ކުށްވެރިއެއް ކަމަށް ބުނަން އަވަސްވެގަނެގެން ނުވާނެއެވެ.

ސަބަބަކީ އިސްލާމީ ފިޤުހު ބިނާވެފައިވަނީ ހުރިހާ މައްސަލައެއްގައި އެއް ރައުޔެއްގެ މައްޗަކަށެއް ނޫނެވެ. އަދި ނައްޞުތައް ތައުވީލު ކުރުމުގައްޔާއި ޙުކުމްތައް ނެރުމުގައި ތަފާތުވުންތަކެއް ފެނިގެން ގޮސްފައިވެއެވެ. މިއީ ހުރިހާ ޒަމާނެއްގެ މުސްލިމުންނަށްވެސް ލުއިފަސޭހަކަމާއި ތަނަވަސްކަން ލިބިގެންދިޔަ ސަބަބެކެވެ.

ޖުމްހޫރު ޢިލްމުވެރިންގެ ރައުޔު

ޝައިޚް ބަޔާންކުރެއްވި ގޮތުގައި، ފިޤުހުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން، ޖުމްހޫރުން ދެކެވަޑައިގަންނަވަނީ ހިލޭ އަންހެނުންނާ ސަލާމްކުރުން ޙަރާމްވެގެންވާ ކަމަށެވެ. އެބޭފުޅުން ދަލީލު ނަންގަވާ ނައްސުތަކުގެ ތެރެއިން އެންމެ ކުރީގައި ހިމެނޭ ނައްސަކީ،

  • ޢާއިޝާ رضي الله عنها ގެ ކިބައިން ރިވާވެގެންވާ ރިވާޔަތެވެ. އެކަމަނާ ވިދާޅުވިއެވެ: "ރަސޫލާ صلى الله عليه وسلم ގެ އަތްޕުޅު، ދުވަހަކުވެސް ހިލޭ އަންހެނެއްގެ އަތުގައި ބީހިފައެއް ނުވެއެވެ."

މި ރައުޔަކީ ޢިލްމުވެރިންގެ މެދުގައި އެންމެ މަޝްހޫރު ރައުޔެވެ. އެހެންކަމުން ގިނަ ފިޤުހުވެރިން ދެކެވަޑައިގަންނަވަނީ މިއީ އެންމެ ބުރަދަން ހުރި ރާޖިޙް އަދި ދީނުގައި އެންމެ ރައްކާތެރި ގޮތް ކަމަށެވެ. މި ރައުޔުގައި ހިފުމަކީ ޚިލާފުން ބޭރުވެ، ޝަރުޢީ ގޮތުން ރައްކާތެރިކަން އިތުރުވާނެ ކަމެކެވެ. އެހެންކަމުން އަމިއްލަފުޅަށްވެސް އިސްކަންދެއްވަނީ ސަލާމްނުކޮށް ދޫކޮށްލުމަށް ކަމަށް ވިދާޅުވިއެވެ.

  • އަނެއްކޮޅުން، ބައެއް ފިޤުހުވެރިން ވަކި ޚާއްޞަ ޙާލަތްތަކެއްގައްޔާއި ކަނޑައެޅިފައިވާ ޝަރުޠުތަކެއްގެ މަތިން ސަލާމްކުރުން ހުއްދަކުރައްވާފައިވާ ކަމަށް ވެސް ޚާލިދުލް ޖުންދީ ބަޔާންކުރެއްވިއެވެ. ޚާއްޞަކޮށް ފިތުނައެއްގެ ބިރު ނެތް ހިނދެއްގައާއި، ޝަހުވަތްތެރިކަމެއް ނެތް ޙާލަތްތަކުގައެވެ. ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ބައެއް ފިޤުހުވެރިން، ޝަހުވަތްތެރިކަމެއް ނުއުފެދޭ ފަދަ އުމުރުން ދުވަސްވެފައިވާ އަންހެނުންނާ ސަލާމްކުރުން ހުއްދަކުރެއްވިއެވެ. އެބޭފުޅުން ބިނާކުރެއްވީ ބައެއް ޞަޙާބީންނާއި ތާބިޢީންގެ ކިބައިން ނަގުލުވެފައިވާ ފިޤުހީ އިޖުތިހާދުތަކާއި ރިވާޔަތްތަކުގެ މައްޗަށެވެ.

މި ރައުޔުތަކަކީވެސް އިސްލާމީ ފިޤުހީ ތަރިކައިގެ ބައެކެވެ. އެހެންކަމުން، އިންސާނާ އެންމެ ރައްކާތެރި ރައުޔުގައި ހިފުމަށް އިޚްތިޔާރު ކުރިކަމުގައި ވިޔަސް، މިފަދަ ރައުޔުތަކެއް ހުރިކަން ނޭނގޭކަމަށް ހެދުމެއް ނުވަތަ އިންކާރުކުރުމެއް ނެތެވެ.

މަޛްހަބުތަކުގެ ޚިލާފު.. ވުޟޫ ގެއްލުން

އިސްލާމީ މަދަރުސާތަކުގެ ތެރޭގައި ހުރި ފިޤުހީ މުއްސަނދިކަން ހާމަކޮށްދޭ އެހެން މިސާލަކަށްވެސް ޝައިޚް ބައްލަވައިލެއްވިއެވެ. އެއީ އަންހެނެއްގެ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެތޯ އާ ބެހޭ މައްސަލައެވެ.

  • އިމާމް ޝާފިޢީ ދެކެވަޑައިގަންނަވަނީ ހަމައެކަނި އަންހެނެއްގެ ގައިގައި ބީހުމުންވެސް މުޠުލަޤުކޮށް، ކޮންމެ ހާލެއްގައިވެސް ވުޟޫ ގެއްލޭނެ ކަމަށެވެ. ނަމަވެސް އިމާމް އަބޫޙަނީފާ ދެކެވަޑައިގަންނަވަނީ އަޞްލަކީ ބީހުމުން ވުޟޫ ނުގެއްލުން ކަމަށެވެ.
  • އިމާމް މާލިކް މި މައްސަލައިގައި މެދު މިނުގެ ރައުޔެއް އިޚްތިޔާރު ކުރެއްވިއެވެ. އެކަލޭގެފާނު ޝަހުވަތްތެރިކަމާއެކު ބީހުމުން ވުޟޫ ގެއްލޭނެ ކަމަށާއި، ޝަހުވަތްތެރިކަމެއް ނެތި ބީހުމުން ވުޟޫ ނުގެއްލޭނެ ކަން ތަފާތުކުރައްވައެވެ.

އެހެންކަމުން، ފިޤުހީ ރައުޔުތަކުގެ މި މުއްސަނދިކަމުން ދޭހަވަނީ ތަފާތު ޙާލަތްތަކުގައި މުޢާމަލާތްކުރުމުގައި އިސްލާމީ ފިޤުހުގެ ހުރި މުއްސަނދިކަމާއި ދޫދިނުމެވެ.

ހިއްސާ ކުރައްވާ!