އިސްލާމީ ގައުމެއް ކަމަށްވާ މޮރިޓޭނިއާގެ ނުވާކްޝޫތު ބައިނަލްއަޤްވާމީ އުއްމުއް ތޫންސީ އެއާޕޯޓްގައި ހަރުކޮށްފައިވާ މަރުޙަބާ ކިޔާ ބޯޑެއްގައި، ދުނިޔޭގެ އެހެން ބަސްބަހާ އެކު ޔަހޫދީންގެ "ޢިބްރާނީ" ބަހުން މަރުހަވާގެ ބަސް ލިޔެފައި ހުރުމާ ގުޅިގެން، އެޤައުމުގެ ސޯޝަލް މީޑިއާގައި ބޮޑު ނުރުހުމުގެ ބަހުސެއް ވަނީ އުފެދިފައެވެ. އިސްރާއީލާ ގުޅުންޤާއިމުކުރުމާ ދެކޮޅު މޮރިޓޭނިއާގެ އާންމުން ދެކޭގޮތުގައި މިއީ އެމީހުންގެ ޤައުމީ އަދި ދީނީ އިޙްސާސުތަކަށް ދިން ވަރަށް ބޮޑު ފުރައްސާރައެއް ކަމަށް ބުނެއެވެ.
މި މައްސަލަ ފުރަތަމަ ފާހަގަކުރެއްވީ މޮރިޓޭނިއާގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޢަބްދުއްރަޙްމާން އައްނަޙްވީއެވެ. އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، "އިސްލާމީ ޖުމްހޫރިއްޔާއެއް" ގެ ގޮތުގައި އޮތް މޮރިޓޭނިއާގެ މައި އެއާޕޯޓުގައި ޔަހޫދީ ބަހުން މަރުޙަބާ ކިޔާ ލިޔުން ޖަހާފައި ހުރުމުގެ ހަގީގީ މަޤްޞަދަކީ ކޮބައިތޯ ވިދާޅުވެ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ ޢިބްރާނީ ބަހަކީ މިއަދުގެ ޢަރަބި އިސްލާމީ ދުނިޔޭގައި ޒަޔަނިސްޓު ޖެނޮސައިޑް އިސްތިޢުމާރާއި ލާއިންސާނީ ޢަމަލުތައް ރަމްޒުކޮށްދޭ ބަހެއް ކަމަށެވެ. އަދި ދުނިޔޭގެ އެތައް ސަތޭކަ މިލިއަން މުސްލިމު ބަޔަކު ވާހަކަދައްކާ އެހެން ބޮޑެތި ބަސްތައް ދޫކޮށް، މޮރިޓޭނިއާއަށް އެއްވެސް ފަތުރުވެރިކަމުގެ ނުވަތަ އާބާދީގެ ބަރުދަނެއް ނެތް ބަހެއް އިސްކުރުން ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚަބަރު ފެތުރުމާއެކު، ގިނަ ބަޔަކު ވަނީ މިކަން އެއާޕޯޓް ހިންގާ ކުންފުންޏާ ގުޅުވާފައެވެ.
ނުވާކްޝޮޓް އެއާޕޯޓް ހިންގަމުންދަނީ ޔޫއޭއީ ގެ ކުންފުންޏެއް ކަމަށްވާ "އެފްރޯޕޯޓް" އިންނެވެ. އެ ކުންފުންޏަށް ވަނީ 25 އަހަރުގެ ދިގު މުއްދަތަކަށް އެއާޕޯޓް ހިންގުމުގެ ކޮންޓްރެކްޓް ދީފައެވެ. އެހެންކަމުން، ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި މިއީ ހަމައެކަނި އިދާރީ ނިންމުމެއް ނޫނެވެ. ބައެއް އެކްޓިވިސްޓުން ދެކޭގޮތުގައި މިއީ އިސްރާއީލުގެ ސަގާފީ އަދި ރަމްޒީ ނުފޫޒު މޮރިޓޭނިއާގެ ރައްޔިތުން ބަލައިގަނޭތޯ ބަލަން ޔޫއޭއީގެ ކުންފުނިން ކުރި "ޓެސްޓެކެވެ."
މި ހާދިސާގެ ސަބަބުން މޮރިޓޭނިއާއާއި އިސްރާއީލުގެ ކުރީގެ ތާރީޚުވެސް ވަނީ ހަނދާނަށް އައިސްފައެވެ. 90ގެ އަހަރުތަކުގެ މެދުތެރޭގައި މޮރިޓޭނިއާއިން އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކުރި ނަމަވެސް، އާންމު ރައްޔިތުންގެ ބޮޑު ފިއްތުންތަކާ ހުރެ 2009 ވަނަ އަހަރު އެ ގުޅުން ވަނީ ދާއިމީކޮށް ކަނޑާލާފައެވެ.
މިހާތަނަށް އެއާޕޯޓް ހިންގާ ޔޫއޭއީގެ ކުންފުނިން މިކަމަށް އެއްވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. އާންމުންގެ ތެރޭގައި ބައެއް މީހުން މަލާމާތުގެ ރާގަށް ބުނީ، މޮރިޓޭނިއާގެ ފަސްގަނޑަކީ ޠާހިރު ފަސްގަނޑެއް ކަމަށާއި، ފަލަސްޠީނަށް އަނިޔާވެރިވާ ބަޔަކަށް އެ ބިމުން މަރުޙަބާ ނުކިޔާނެ ކަމަށެވެ.
ޤައުމުގެ މިފަދަ މުހިންމު ބިނާއެއްގައި ސަރުކާރުގެ ހުއްދައެއް ނެތް ގޮތުގައި ބޭރުގެ ކުންފުނިތަކަށް މިފަދަ ސަގާފީ ނުފޫޒުތައް ފޯރުވުމުގެ މިނިވަންކަން އޮވެގެން ނުވާނެ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. މި ބޯޑު ވަގުތުން ނެގުމަށް ގޮވާލާ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.






