މުޙައްމަދު އިބްނު އިދްރީސް އައްޝާފީޢީ

އިސްލާމީ ތާރީޚާއި ފިޤުހު ޢިލްމުގެ އުދަރެހުން ފާހަގަކޮށްލެވޭ އެންމެ އަލިގަދަ އެއް ތަރިއަކީ، ސުންނީ މުސްލިމުންގެ ފިޤުހީ ހަތަރު މަޒުހަބުގެ ތެރެއިން ޝާފިޢީ މަޒުހަބުގެ ބާނީ، އިމާމު ޝާފިޢީ އެވެ. އެކަލޭގެފާނުގެ ފުރިހަމަ ނާމްފުޅަކީ އަބޫ ޢަބްދުالله މުޙައްމަދު އިބްނު އިދްރީސް އައްޝާފީޢީ އެވެ. މީލާދީން 767 އިން 820 އަށް (ހިޖުރައިން 150 އިން 204 އަށް) ދިރިއުޅުއްވި މިމާތް އިމާމަކީ އެކަލޭގެފާނުގެ ޒަމާނުގެ އެންމެ މުހިންމު އަދި އެންމެ ނުފޫޒުގަދަ ޢިލްމުވެރިޔާއެވެ.

ނަސަބުފުޅާއި، އުފަންވެވަޑައިގަތުމާއި، ޅަފަތުގެ ދުވަސްތައް

އިމާމް ޝާފިޢީއަކީ މާތް ނަސަބެއްގެ ވެރިއެކެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ ކީރިތި ރަސޫލާ ﷺ ގެވެސް ވަންހަފުޅު ކަމުގައިވާ މުޠައްލިބް އިބްނު ޢަބްދުލްމަނާފްގެ ދަރިކޮޅުން ޤުރައިޝް ވަންހައަށެވެ.

  • އުފަންވެވަޑައިގަތުން: ޝާފިޢީ އުފަންވެވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރު، ފަލަސްޠީނުގެ ޣައްޒާގައެވެ. އެއީ އިމާމް އަބޫ ޙަނީފާ އަވަހާރަވި އަހަރުވެސް މެއެވެ.

  • ޅަފަތުގެ ދުވަސްތައް: އެކަލޭގެފާނު ޅަފަތުގެ ބޮޑުބައެއް ހޭދަކުރެއްވީ މައްކާގައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން އެންމެ 2 އަހަރުގައި، އެކަލޭގެފާނުގެ މައިކަނބަލުން އެކަލޭގެފާނު ގޮވައިގެން މައްކާއަށް ހިޖުރަކުރެއްވީ ނަސަބު ރައްކާތެރިކުރުމަށާއި ޢިލްމު އުނގެނުމުގެ ބޭނުމުގައެވެ.

  • ތޫނުފިލިކަން: އިމާމް ޝާފިޢީއަކީ ޒުވާން ޅައުމުރުގައި، އެންމެ 7 އަހަރުފުޅުގައި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރެއްވި ބޭފުޅެކެވެ. އެކަލޭގެފާނަކީ އާދަޔާޚިލާފު ތޫނުފިލިކަމަކާއި، ހިތްއަލިކަމެއް އަދި ހަނދާންގަދަކަމެއް ލިބިވަޑައިގެންފައިވާ އިމާމެކެވެ.

ޢިލްމީ ދަތުރުތަކާއި އެދުރުން

އިމާމް ޝާފިޢީ ޢިލްމު ހޯއްދެވުމަށްޓަކައި ދުރު ދަތުރުތައް ކުރެއްވިއެވެ. އެކަލޭގެފާނުގެ ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ދީނީ ޢިލްމު އުނގެނިވަޑައިގަތެވެ.

  1. މައްކާގައި: މުފްތީ މުސްލިމް އިބްނު ޚާލިދު އައްޒަންޖީގެ އަރިހުން ފިޤުހު އުނގެނިވަޑައިގަތެވެ. އެކަލޭގެފާނުގެ ތޫނުފިލިކަމުން، ޢުމުރުފުޅުން އެންމެ 15 އަހަރުގައި ފަތުވާދިނުމުގެ އިޒުނަ ލިބިވަޑައިގަތެވެ.

  2. މަދީނާގައި: މަދީނާއަށް ދަތުރުކުރައްވައި، "ދާރުލް ހިޖުރާ" ގެ އިމާމް، އިމާމް މާލިކް އިބްނު އަނަސްގެ އަރިހުން ދަރިވަރުވެވަޑައިގަތެވެ. އިމާމް މާލިކްގެ އަރިހަށް ވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ މަޝްހޫރު ޙަދީޘް ފޮތް "އަލްމުވައްޠައު" އެއްކޮށް ހިތުދަސްކުރެއްވިއެވެ.

  3. ޢިރާޤާއި އެހެނިހެން ހިސާބުތައް: ޢިރާޤަށް ވަޑައިގެން އިމާމް އަބޫ ޙަނީފާގެ ދަރިވަރު މުޙައްމަދު އިބްނުލް ޙަސަން އައްޝައިބާނީގެ އަރިހުން ޢިރާޤުގެ ފިޤުހު ކަމުގައިވާ ރައުޔުގެ މަދަރުސާ އުނގެނިވަޑައިގަތެވެ. މި ދަތުރުތަކުގެ ސަބަބުން ޙިޖާޒުކަރައިގެ ޙަދީޘް މަދަރުސާއާއި ޢިރާޤުގެ ފިޤުހީ މަދަރުސާ އެއްކޮށްލެއްވުމުގެ ފުރުޞަތު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.

އުޞޫލުލް ފިޤުހު އަދި ޢިލްމީ ތައުލީފުތައް

އިމާމް ޝާފިޢީއަކީ އިސްލާމީ ފިޤުހު ތަރައްޤީކުރައްވައި، ވަކި ނިޒާމެއްގެ ދަށަށް ފިޤުހީ ޤަވާޢިދުތައް ފެއްތުމަށް ތިއަރީތައް އެކުލަވައި ލެއްވުމަށް އެންމެ ބޮޑު ޙިއްޞާއެއް ކުރެއްވި އިމާމެވެ. އެކަލޭގެފާނު ވަނީ ދީނުގެ އަސާސީ އަދި ފަރުޢީ ކަންކަމުގައި ގިނަ ފޮތްތައް ތައުލީފު ކުރައްވާފައެވެ.

އުޞޫލުލް ފިޤުހުގެ ބާނީ: އިމާމް ޝާފިޢީއަކީ އެންމެ ފުރަތަމަ އުޞޫލުލް ފިޤުހުގެ ނަޒަރިއްޔާތުތައް ރާއްވަވައި ލިޔުއްވި އިމާމެވެ. އެކަލޭގެފާނު ލިޔުއްވި "އައްރިސާލާ" އަކީ އިސްލާމީ ތާރީޚުގައި އުޞޫލުލް ފިޤުހުގެ ދާއިރާއިން ލިޔެވުނު އެންމެ ފުރަތަމަ ފޮތެވެ.

އެކަލޭގެފާނުގެ އެންމެ ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި ހިމެނެނީ:

  • ކިތާބުލް އުންމު (كتاب الأم): އެއީ، އެކަލޭގެފާނުގެ ފިޤުހީ މަޒުހަބުގެ އައު ފިކުރުގެ ހުރިހާ އަސާސްތަކާއި ފަރުޢީ މައްސަލަތައް ހިމެނޭ ބިޔަ އެންސައިކްލޮޕީޑިއާއެކެވެ.

  • އައްރިސާލާ (الرسالة): އެއީ، ދަލީލުތަކުން ޙުކުމްތައް ނެރޭނެ އުޞޫލުތައް ބަޔާންކުރާ ފޮތެވެ.

މިޞްރަށް ބަދަލުވެވަޑައިގަތުމާއި އަވަހާރަވުން

އިމާމް ޝާފިޢީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކުރީކޮޅު ބަޣުދާދުގައި އުޅުއްވުމަށްފަހު، ފަހުން މިޞްރަށް ބަދަލުވެވަޑައިގަތެވެ. މި ބަދަލުވެވަޑައިގަތުމުގެ މައިގަނޑު ސަބަބަކީ އެޒަމާނުގައި ބަޣުދާދުގައި އުފެދުނު ސިޔާސީ އަދި ފިކުރީ ހަލަބޮލިކަމެވެ. ޚާއްޞަކޮށް އެއިރުގެ ޚަލީފާ އަލްމައުމޫންގެ ދުވަސްވަރު ފެތުރެމުންދިޔަ، ސުންނަތުގެ އަހުލުވެރިންގެ ފިކުރާ ޚިލާފު ނޭދެވޭ މުޢުތަޒިލީ ފިކުރުތަކުގެ ސަބަބުންނެވެ.

އެކަލޭގެފާނު ޢުމުރުފުޅުގެ ފަހުގެ އަހަރުތައް ހޭދަކުރެއްވީ މިޞްރުގައެވެ. އެތަނުގައި އެކަލޭގެފާނު އެކުލަވައިލެއްވި ފިޤުހީ އައު މަޒުހަބު ތައާރަފް ކުރެއްވިއެވެ. މިޞްރުގައި ހުންނަވައިގެން މީލާދީން 820 ވަނަ އަހަރު (ހިޖުރައިން 204 ވަނަ އަހަރުގެ ރަޖަބު މަހުގެ ފަހު ހުކުރުވިލޭރޭ) އަވަހާރަވުމާ ހަމައަށްވެސް ދެމިހުންނެވީ ކިޔަވައިދެއްވުމާއި، ފޮތް ތައުލީފް ކުރެއްވުމުގައެވެ.

ސިޔާސީ މާޙައުލާއި އައްބާސީ ޚަލީފާއިން

އިމާމް ޝާފިޢީ ދިރިއުޅުއްވީ އިސްލާމީ ޚިލާފަތުގެ ބާރުގަދަ އައްބާސީ ދައުރުގައެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވެރިކަން ކުރެއްވި އައްބާސީ ޚަލީފާއިންނަކީ:

  1. އަލްމަންސޫރު (ޚިލާފަތު: 754–775 މ.)

  2. އަލްމަހްދީ (ޚިލާފަތު: 775–785 މ.)

  3. އަލްހާދީ (ޚިލާފަތު: 785–786 މ.)

  4. ހާރޫނުއްރަޝީދު (ޚިލާފަތު: 786–809 މ.) – މިޚަލީފާގެ ދައުރުގައި އިމާމް ޝާފިޢީއާ ސިޔާސީ ބައެއް ތަކުލީފުތަކާ ފިތުނަވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

  5. އަލްއަމީން (ޚިލާފަތު: 809–813 މ.)

  6. އަލްމައުމޫން (ޚިލާފަތު: 813–833 މ.)

ނިޔަނެތި، ތަޤްވާވެރި، އަދި ދޫހެލޭ ޝާޢިރެއްގެ ގޮތުގައިވެސް މަޝްހޫރުވެވަޑައިގަތް އިމާމް ޝާފިޢީ ދީނަށް ކުރެއްވި ޚިލާފެއްނެތް ބޮޑެތި ޚިދުމަތްތަކުގެ ސަބަބުން، އެކަލޭގެފާނަކީ ހިޖުރީ ކޮންމެ ސައްތައަކުން އެއްފަހަރު ދީން އާކުރެއްވުމަށް ފޮނުއްވާ "މުޖައްދިދު" ންގެ ތެރެއިން ދެވަނަ ސައްތައިގެ މުޖައްދިދު ކަމުގައި ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ.

الله އެކަލޭގެފާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

މަޞްދަރުތައް:

  • އަދްޛަހަބީ، "ސިޔަރު އަޢުލާމުއް ނުބަލާއު"

  • އިބްނު ކަޘީރު، "އަލްބިދާޔާ ވަންނިހާޔާ"

  • އަލްޚަޠީބު އަލްބަޣުދާދީ، "ތާރީޚު ބަޣުދާދު"

  • އިބްނު ޙަޖަރު އަލްޢަސްޤަލާނީ، "ތަވާލީ އައްތައުސީސް ބިމަޢާލީ އިބްނު އިދްރީސް"

ހިއްސާ ކުރައްވާ!