ދުނިޔޭގައި މިހާތަނަށް ފެނިފައިވާ ކީރިތި ޤުރުއާނުގެ އެންމެ ދުވަސްވީ އަތުލިޔުންތަކުގެ ތެރޭގައި ހިމެނޭ "ބާމިންހަމް މެނިއުސްކްރިޕްޓް" އަކީ އިސްލާމީ ތާރީޚުގެ އެންމެ މުހިންމު އެއް ހެކި ކަމުގައި ބެލެވެއެވެ. ބާމިންހަމް ޔުނިވަރސިޓީގެ ލައިބްރަރީގައި ގާތްގަނޑަކަށް އެއް ޤަރުނު ވަންދެން ރައްކާކުރެވިފައި އޮތް މި ލިޔުން، ޒަމާނީ ސައިންޓިފިކް ތަޙްލީލުތަކަށް ފަހު ދުނިޔޭގެ ސަމާލުކަމަށް އައީ އޭގެ ތާރީޚީ އަގު ވަޒަންކުރެވުމުންނެވެ.
ރޭޑިއޯކާބަން ޑޭޓިންގް އިން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، މި ލިޔުން ލިޔެފައިވަނީ މީލާދީން 568 އާއި 645 އާ ދެމެދުގައެވެ. މިއީ މާތް ނަބިއްޔާ މުޙައްމަދު ﷺ 571 ވަނަ އަހަރު އުފަންވެވަޑައިގެން، 632 ވަނަ އަހަރު އަވަހާރަވުމާ ދިމާވާ ދުވަސްވަރެކެވެ. މި ހޯދުމުން ކަށަވަރުވަނީ، މި ލިޔުމަކީ އިސްލާމްދީނުގެ ކުރީކޮޅު، ނުވަތަ ރަސޫލާ ﷺ ގެ ޒަމާނާ ވަރަށް ގާތް ދުވަސްވަރެއްގައި ލިޔެފައިވާ އެއްޗެއްކަމެވެ.

މި ލިޔުމުގެ ސިފަތަކަށް ބަލާއިރު، މިއީ "ހިޖާޒީ ޚައްޠު" ބޭނުންކޮށްގެން ލިޔެފައިވާ ސާފު ލިޔުމެކެވެ. މިއީ އަރަބި އަކުރުތައް ލިޔުމަށް އެންމެ ކުރީ ޒަމާނުގައި ބޭނުންކުރި އެއް ވައްތަރު ކަމަށްވެފައި، ހިޖުރީ ފުރަތަމަ ޤަރުނުގައި މުޞްޙަފު ލިޔުމަށް މި ޚައްޠު ބޭނުންކޮށްފައިވެއެވެ. މި އަތުލިޔުމުގައި ސޫރަތުލް ކަހްފު، ސޫރަތު މަރިޔަމް، އަދި ސޫރަތު ޠާހާގެ ބައެއް އާޔަތްތައް ހިމެނޭއިރު، މިއީ ކީރިތި ޤުރުއާނުގެ ތާރީޚީ ފެށުމާއި، އެ ޒަމާނުގެ އަރަބި އަތުލިޔުމުގެ ހުނަރު ދައްކުވައިދޭ އަގުހުރި ހެއްކެކެވެ.
މި ލިޔުން ފެނުނު ގޮތަކީ ޑޮކްޓަރޭޓް ޑިގްރީގެ ދިރާސާއެއްގެ ދަށުން މެދުއިރުމަތީގެ ލިޔުންތަކެއް ދިރާސާ ކުރަމުން ދިޔަ އަލްބާ ފެޑެލީ ނަމަކަށް ކިޔާ ދިރާސާވެރިއަކަށް، ކުރިން ނޭނގި އޮތް ދެ ޞަފްޙާއެއް ފެނުމެވެ. އޭނާ ވަނީ މި ޞަފްޙާތައް އޮކްސްފޯޑް ޔުނިވަރސިޓީގެ ރޭޑިއޯކާބަން ޔުނިޓްގައި ތަޙްލީލު ކުރުވައިފައެވެ.
މި ލިޔުން ލިޔުނީ ކޮން ބޭކަލެއްކަން ޔަޤީނުން ބުނަން ނޭނގުނު ނަމަވެސް، މިއީ ވަޙީ ލިޔުއްވާ ބޭކަލުންގެ ތެރެއިން ބޭކަލަކު ލިޔުއްވި އެއްޗަކަށް ވެދާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ޢަލީ ބިން އަބީ ޠާލިބް، ޢަބްދުﷲ ބިން މަސްޢޫދު، ޒައިދު ބިން ޘާބިތު، ނުވަތަ މުޢާވިޔާ ބިން އަބީ ސުފްޔާން (رضي الله عنهم) ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. މި ޞަފްޙާތަކަކީ ކީރިތި ރަސޫލާ ﷺ ގެ އިމްލާފުޅުން، ޖިބްރީލް ޢަލައިހިއްސަލާމްގެ ވަޙީއާ އެކު، ވަޙީ ލިޔުއްވާ ބޭކަލަކު ލިޔުއްވި އެއްޗެއްކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.
މި ލިޔުމަކީ ކީރިތި ޤުރުއާނުގެ ތާރީޚީ ސައްހަކަން ސާބިތުކޮށްދޭ އަދި ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ކޮޕީތަކުގެ ތެރޭގައި ހިމެނޭ ވަރަށް ޚާއްޞަ ލިޔުމެކެވެ.





