އާދައިގެ ސުއްޕެއް ކަމަށް ހީކޮށް ތިޔަ ދެރަކޮށްލާ ކުޑަކުޑަ މަދިރީގެ ހަށިގަނޑުގައި، މިއަދާ ހަމައަށް ވެސް އިންސާނުންނަށް ކޮޕީކުރަން ނުކުޅެދިފައިވާ ފުރިހަމަ އިންޖިނިއަރިންގއެއް ވާކަމަށް ތަސައްވުރު ކޮށްލައްވާށެވެ. އެންމެ ފެންތިއްކެއްގެ ބަރުދަން ހުންނަ މަދިރިއެއްގެ ހަށިގަނޑުގައި، ސާޖިކަލް އާލާތްތަކާއި، ނާޒުކު ސެންސަރުތަކާއި، ދެ ދިމާލަށް ލޭ ދައުރުކުރާ ހިތަކާއި، އަމިއްލަ ޒާތުގައި މަސައްކަތް ކުރާ އެނެސްތީޒިއާ ނުވަތަ ހޭނައްތާ ނިޒާމަކާއި، އަދި ފުރިހަމަ ލެބޯޓްރީއެއް ވެސް އެސޮރުގެ ހަށިގަނޑުގައި ވެއެވެ.
އެސޮރުގެ ހިތަކީ ހަށިގަނޑުގެ ދިގުމިނަށް ދެމިގެންވާ ހޮޅިއެއް ފަދަ އެއްޗެކެވެ. ނަމަވެސް އިންސާނުންގެ ހިތާ ހިލާފަށް، މިއީ އެންމެ ދިމާލަކަށް ލޭ ދައުރުކުރާ އެއްޗެއް ނޫނެވެ. އެއީ ބޯކޮޅާ ދިމާލަށް ލޭ ފޮނުވުމަށްފަހު، އަނެއްކާވެސް ނިގޫ ކޮޅާ ދިމާލަށް އޭގެ މިސްރާބު ބަދަލުކުރަމުން ދައުރު ކޮށްދޭ އެއްޗެކެވެ. އެކަން އެގޮތަށް ކުރުމުގެ އިތުރުން، އެސޮރުގެ ފިޔަތަކަށާއި ނަރުވާތަކަށް ލޭ ފޯރުކޮށްދިނުމަށްޓަކައި އެހީތެރިވެދޭ ޚާއްސަ ކުދި އިތުރު ހިތްތަކެއް ވެސް މަދިރީގެ ހަށިގަނޑުގައި ވެއެވެ.
۞ إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًۭا مَّا بَعُوضَةًۭ فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًۭا ۘ يُضِلُّ بِهِۦ كَثِيرًۭا وَيَهْدِى بِهِۦ كَثِيرًۭا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَـٰسِقِينَ ٢٦
ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިވެވޮޑިގެނެއް ނުވެތެވެ. ފަހެ، إيمان ވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން حق ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި كافر ވި މީހުން ބުނެތެވެ. ތިޔަ މިސާލުން، اللَّه އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. فاسق ން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ. (2:26)
މަދިރި ތިޔަބޭފުޅާ ގައިގައި ހަފައިފިނަމަ ކުރީކޮޅު އެއްވެސް ކަމެއް ހިނގާކަމުގެ އިހުސާސެއް ނުކުރެވެއެވެ. އެއީ، ރިހުން ކުޑަކުރުމަށްޓަކައި ހޭނައްތާ މާއްދާއެއް އޭގެ ތޫނު ކަށިން ޖަހައިދޭ ތީއެވެ. އަދި ލޭ ބުއިމުގެ ތެރޭގައި ލޭ ގަނޑުވިޔަ ނުދިނުމަށްޓަކައި، ލޭ ތުނިކުރާ މާއްދާއެއް ވެސް އޭގެ ކަށީގެ ތެރޭގައި ހިމެނިފައި ވެއެވެ. މިއީ ކުޑަކުޑަ ހިމުން މައިކްރޮސްކޯޕިކް ކަށްޓެއްގެ ތެރޭގައި އޮންނަ ހޭނައްތާ އަދި ލޭ ތުނިކުރާ ފުރިހަމަ ނިޒާމެކެވެ.
އިންސާނެއްގެ ލޮލަށް، އެއީ އެންމެ ކަށްޓެއް ކަމަށް ފެނުނަސް، ހަގީގަތުގައި އެއީ ސާޖިކަލް ޓީމެއް ފަދައިން މަސައްކަތްކުރާ 6 ކަށީގެ ނިޒާމެކެވެ.
ހަންގަނޑު ފަޅާލުމަށްޓަކައި ދަތްގަނޑު ހުންނަ ދެ ކަށްޓާއި، ޒަޚަމް ހުޅުވާފައި ބެހެއްޓުމަށްޓަކައި އިތުރު ދެ ކައްޓާއި، އަދި ލޭހޮޅި ހޯދައި ލޭ ބުއިމަށްޓަކައި އިތުރު އެއް ކައްޓެވެ.
މީގެ އެންމެ އަޖައިބު ކުރުވަނިވި ކަމަކީ، ހަމުގެ ތެރެއަށް ކަށި ވައްދާ ވަގުތު، ކަށި ބާރަށް ތުރުތުރެއް އަޅަމުން ދިއުމެވެ. މިއީ ލޭ ހިނގުމުގައި ހުންނަ ހުރަސް ނުވަތަ ފްރިކްޝަން ގާތްގަނޑަކަށް ސުމަކަށް ތިރިކުރުމަށްޓަކައި ކުރާ ކަމެކެވެ.
ވޭނަކާ ނުލައި ސާޖަރީ ކުރުމަށް ޑޮކްޓަރުން ބޭނުންކުރާ ކަށިތައް އުފެއްދުމަށްޓަކައި އިންޖިނިއަރުން ކޮޕީކުރަން މަސައްކަތްކުރަނީ ހަމަ މި އިހާލީ ޓެކްނޮލޮޖީއެވެ.
މަދިރީގައި ހުންނަ ނިއުރޯންތަކުން އިންސާނާ ބޭރުކުރާ ކާބަން ޑައިއޮކްސައިޑް ދެނެގަނެވެއެވެ. އަދި ހަށިގަނޑުގެ ހޫނުމިނާއި އިންސާނާގެ ދަލުގެ ވަސް ދެނެގަންނަ ސެންސަރުތަކާއި، ވައިގެ ތެރޭގައި ހުންނަ އެންމެ ކުޑަ ލޮޅުންތަކާއި ވޭވްތައް ވެސް ދެނެގަންނަ ނަރުވާތައް އެސޮރުގައި ހިމެނެއެވެ.
މަދިރީގެ ލޮލަށް އިންސާނާ ފެނުމުގެ ކުރިން، މި ހުރިހާ މައުލޫމާތެއް ވެސް އެ ކުޑަކުޑަ މަޚުލޫޤުގެ ސިކުނޑިން ވަގުތުން ޕްރޮސެސްކޮށް، އިންސާނާ ހުރި ތަން ސީދާކޮށް ދެނެގަނެއެވެ.
އެސޮރުގައި ހިމެނޭ، ހޫނު އިހުސާސްކުރާ ތާމަލް ރާޑަރާއި، ސާޖިކަލް އާލާތްތަކާއި، ހޭނައްތާ ބޭސްފިހާރައަކާއި، ލޭ ތަހުލީލުކުރާ ލެބޯޓްރީއިން މިހުރިހައި މަސައްކަތެއް ކުރެއެވެ.
މި ހުރިހާ އެއްޗެއް އެކުލެވިގެންވަނީ ފެންތިއްކެއްގެ ބަރުދަނަށް ވުރެން ލުއި ކުޑަކުޑަ މަޚުލޫގެއްގެ ތެރޭގައެވެ.
އެންމެ ބަލިކަށި މަޚްލޫޤުންގެ ތެރޭގައި، އެންމެ ބޮޑެތި ލެބޯޓްރީތަކަށް ވެސް ކޮޕީ ނުކުރެވޭ ފަދަ ނިޝާންތައް ލެއްވި ފަރާތް ހުސްތާހިރުވަންތަކަމާއެވެ!




